އާބަންކޯއިން ހުޅުމާލެ ސާފު ކުރުމުގެ ހަރަކާތެއް ބާއްވަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ސާފު ކުރުމަށް އާބަންކޯއިން މީގެ ކުރިން ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިން -- ފޮޓޯ/ އާބަންކޯ

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ހުޅުމާލެ ސާފު ކުރުމުގެ ހަރަކާތެއް ބޭއްވުމަށް އާބަންކޯއިން ނިންމައިފިއެވެ.

އާބަންކޯއިން ބުނީ އެ ހަރަކާތް ބާއްވަނީ އެ ކުންފުނީގެ 'ދުނިޔެ މަގޭ' ކެމްޕޭންގެ ދަށުން ކަމަށާއި ހަރަކާތް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.

އާބަންކޯއިން އެ ހަރަކާތް ފަށާނީ އެ ދުވަހު ހެނދުނު 7:30 ގައި ޗެނަލް ޕާކު ބީޗް ސަރަހައްދުންނެވެ. އެ ސަރަހައްދުން ފެށިގެން ހުޅުމާލޭގެ ޖުމްލަ ހަތް ސަރަހައްދެއް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެއީ ހުޅުމާލޭ ދެ ފިޔަވަހީގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައެވެ. މި ސަރަހައްދުތައް ސާފުކުރާނީ ވަކި ވަކި ޓީމުތަކަށް ބަހާލައިގެންނެވެ.

އެ ހަރަކާތް ނިންމާލާނީ މޫދު ކުޅިވަރުތައް ވެސް ބާއްވައި، 10:45ގައެވެ.

"ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މި ހަރަކާތަކީ އާބަންކޯއިން ވަރަށް ބޮޑު ހަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން މި ހަރަކާތުގައި މާލެ ސަރަހައްދުގެ ސްކޫލްތަކާއި، ސަރުކާރު ކުންފުނިތައް އަދި މިނިސްޓްރީތަކުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ." އާބަންކޯއިން ނެރުނު ބަޔާނެއްގައިވެއެވެ.

އާބަންކޯއިން ބުނި ގޮތުގައި، ދުނިޔެ މަގޭ ކެމްޕޭނަކީ ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރި ކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ތައާރަފުކޮށްފައިވާ ކެމްޕޭނެކެވެ. މި ކެމްޕޭންގެ ދަށުން ގިނަ ކަންތައްތަކެއް މުޅި އަހަރަށް ބަހާލައިގެން ރާވާފައިވެއެވެ.

comment ކޮމެންޓް