ރަޝިޔާ ވައްޓާލުމަށް ފަހު އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކަށް އިންޑިއާ

ފަތުރުވެރިންތަކެއް ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރު ފެށުނީއްސުރެ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމު، ރަޝިޔާ ވައްޓާލައި ދެވަނައިގައި އޮތް އިންޑިޔާ އެއްވަނައަށް ޖެހިލައިފިއެވެ.

ހުސްވި ހަފުތާގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިންނެވެ. ނަމަވެސް، މިހާރު ރަޝިޔާއަށް ވުރެ އިތުރަށް އިންޑިއާއިން ގާތްގަނޑަކަށް 150 ޒިޔާރަތްކޮށްފިއެވެ.

މި އަދަދާއެކު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި އިންޑިޔާގެ ފަތުރުވެރިންގެ އަދަދު ވަނީ 95،851 އަށް އަރާފައެވެ. ދެވަނައަށް ވެއްޓުނު ރަޝިޔާއިން އައި ފަތުރުވެރިންގެ އަދަދަކީ 95،780 އެވެ.

އިންޑިއާ އާއި ރަޝިއާ ނަގާފައި، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އިތުރު ގައުމުތައް:

- އިނގިރޭސިވިލާތް: 73،929 ފަތުރުވެރިން
- ޖަރުމަނު: 60،998 ފަތުރުވެރިން
- އިޓަލީ: 60،998 ފަތުރުވެރިން
- ޗައިނާ: 47،690 ފަތުރުވެރިން

މި މާކެޓުތަކާ އެކު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 821،247 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15.1 ޕަސެންޓުގެ އިތުރުވުމެކެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 713،958 ފަތުރުވެރިންނެވެ.

ޖުމްލަ އަދަދުތައް އިތުރުވި ނަމަވެސް، މިދިޔަ އަހަރުގެ މި ދުވަސްވަރާ އަޅާ ބަލާއިރު، ފަތުރުވެރިކަން ވަނީ ކޮންމެވެސް ވަރަކަށް ހީނަރުވެފައެވެ. އެއީ ފަތުރުވެރިކަމުގެ އޮފް ސީޒަނަށް ވެފައި، ކޮވިޑު ދުވަސްވަރު ދަތުރުކުރުމުގެ އާދަތައް ހުރިގޮތަށް އައިސްފައިވާ ބަދަލާ ގުޅިގެންނެވެ.

comment ކޮމެންޓް