އެމެރިކާ ގެންދަނީ އޭޝިއާގައި ވެސް ނޭޓޯ އުފައްދަމުން: ޗައިނާ

ޗައިނާގެ ދިފާއީ ވަޒީރު ޝަންގްރި ލާ ޑައިލޮގް ގައި ވާހަކަ ދައްކަވަނީ

ސިންގަޕޫރު (05 ޖޫން 2023): އެމެރިކާ ގެންދަނީ ޗައިނާ އަސްކަރީ ގޮތުން ވަށާލުމަށްޓަކައި ޗައިނާގެ ވަށައިގެން ނޭޓޯފަދަ އަސްކަރީ ޖަމާއަތްތައް އުފައްދައި ފިނި ހަނގުރާމައިގެ މާހައުލެއް ގާއިމު ކުރަމުން ކަމަށް ޗައިނާ ބުނެފިއެވެ.

ސިންގަޕޫރުގައި ކުރިއަށްދާ އޭޝިއާގެ އަމަނާ އަދި ދިފާއާ ބެހޭ ސްޓްރެޓީޖިކް ފޯރަމްކަމަށްވާ "ޝަންގްރި ލާ ޑައިލޮގް" ގައި ވާހަކަދައްކަވަމުން ޗައިނާގެ ދިފާއީ ވަޒީރު ލީ ޝަންފޫ ވިދާޅުވީ އެއްކޮޅުން އެމެރިކާ ޗައިނާއާ ވާހަކަ ދައްކައި އޭޝިއާގައި ހަމެޖެހުން ގާއިމްކުރުމުގެ ވާހަކަ ދައްކާއިރު އަނެއްކޮޅުން އެމެރިކާ ގެންދަނީ ޗައިނާ އަސްކަރީ ގޮތުން ވަށާލުމަށްޓަކައި ޗައިނާގެ ވަށައިގެން ނޭޓޯފަދަ އަސްކަރީ ޖަމާއަތްތައް އުފައްދައި ފިނި ހަނގުރާމައިގެ ނަފުރަތުގެ މާހައުލެއް ގާއިމު ކުރަމުންނެވެ.

ޗައިނާގެ ދިފާއީ ވަޒީރު ވިދާޅުވި ގޮތުގައި އެމެރިކާގެ ބޭނުމަކީ ނޭޓޯފަދަ އަސްކަރީ ޖަމާއަތްތައް އޭޝިއާގައި އުފައްދައިގެން އެ ޖަމާއަތްތަކަށް އޭޝިއާގެ ގައުމުތައް ވައްދައިގެން ދެކުނު އިރުމަތީ އޭޝިއާގެ ސަރަހައްދާއި އޭޝިއާ ޕެސިފިކް ސަރަހައްދާ އަދި ދެކުނު ޗައިނާ ކަނޑާއި އިރުމަތީ ޗައިނާ ކަނޑުގެ ސަރަހައްދު ހަލަބޮލިކޮށް އެ ސަރަހައްދުތަކުގައި އަސްކަރީ ގޮތުން ހަންފެތުރުމުވެ.

މި ކަމުގައި އެމެރިކާގެ ސްޓްރެޓީޖިކް ލަނޑުދަނޑިއަކީ ޗައިނާގެ އިގްތިސާދީ ކުރިއެރުމަށް ހުރަސްއެޅުމާއި ސަރަހައްދުގެ ގައުމުތަކާ ޗައިނާ ޖައްސައި ފިތުނަ ކުރުވުމެވެ.

ޔޫރަޕްގައިވެސް އެމެރިކާ ވަނީ މިގޮތަށް އަމަލުކޮށްފައެވެ. ޔޫރަޕާ މާ ދުރުގައި އޮންނަ އެމެރިކާވަނީ މާދުރުގައި އޮވެގެން ހުޅަނގު ޔޫރަޕްގެ ގައުުމުތައް ހިމަނައިެގން ނޭޓޯގެ ނަމުގައި އަސްކަރީ ޖަމާއަތެއް އުފައްދާފައެވެ. ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމަށް ފަހު އިރުމަތީ ޔޫރަޕްގެ ގައުމުތައް ވެސް ނޭޓޯއަށް ވައްދައިގެން ރަޝިއާގެ ސަރަހައްދީ ރޮނގާ ހަމައަށް ނޭޓޯ ފުޅާކުރުމުގައި އެމެރިކާވަނީ ކާމިޔާބު ހޯދާފައެވެ. މި ކަމުގައި އެމެރިކާގެ ސްޓްރެޓީޖިކް ލަނޑުދަނޑިއަކީ އަސްކަރީ ގޮތުން ރަޝިއާ ވަށާލުމެވެ.

ނަމަަވެސް މިކަމުގެ ނަތީޖާއަކަށްވީ އެމެރިކާގެ މި އަމަލުގެ ސަބަބުން ރަޝިއާގެ ގައުމީ ސަލާމަތަށް ނުރައްކާވާކަން ރަޝިއާއަށް އިހުްސާސްކުރެވިގެން ރަޝިއާ ޔުކްރެއިނަށް އަސްކަރީ ގޮތުން އަރައިގަތުމެވެ. ރަޝިއާ ޔުކްރެއިނަށް އަރައިގަތީ ރަޝިއާއާ އެންމެ ބޮޑަށް ސަރަހައްދީ ރޮނގު ހިއްސާކުރާ ގައުމުކަމަށްވާ ޔުކްރެއިން ވެސް ނޭޓޯއަށް ވައްދަން މަސައްކަތް ކުރުމުންނެވެ.

އޭގެ ކުރިން އެމެރިކާވަނީ ރަޝިއާ އިންވެގެންވާ ބޯލްޓިކްގެ ގައުމުތައް ނޭޓޯއަށް ވައްދައި އެ ގައުމުތަކުގައި ރަޝިއާއަށް އަމާޒުކޮށް އެމެރިކާގެ ބަރު ހަތިޔާރުތައް ރުކުރުވާލައި އެމެރިކާގެ އަސްކަރީ ބޭސްތައް ބިނާކޮށްފައެވެ.

ޗައިނާއާ މެދެ ވެސް އެމެރިކާ ގެންގުޅޭތަން ފެންނަނީ އަސްކަރީ ގޮތުން ހަންފެތުރުމުގެ މި ސިޔާސަތެވެ. އެމެރިކާ ވަނީ ސިދާ ޗައިނާއާ ދެކޮޅަށް ހަރަކާތްތެރިވުމަށް ދެ ޖަމާއަތެއް އުފައްދާފައެވެ. އެއީ، ޖަޕާން، އިންޑިއާ އަދި އޮސްޓްރޭލިއާ ހިމެނޭ ކުއަޑް ގްރޫޕް ނަމަކަށްކިޔާ ޖަމާއަތަކާއި އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ހިމެނޭ ގޮތަށް އުފައްދާފައިވާ އަސްކަރީ ގުރޫޕެއް ކަމަށްވާ އައުކަސް ޖަމާއަތެވެ.

މީގެ އިރުން އެމެރިކާގެ އަސްކަރީ ބޭސްތައް ދެކުނު ކޮރެއާއާއި ޖަޕާނުގައި އެބައޮތެވެ. މި ދެ ގައުމުގައި އެމެރިކާގެ 60،000 އަށްވުރެ ގިނަ ސިފައިން ބަރު ހަތިޔާރާ އެކު ވެސް އެބަތިއްބެވެ. މީގެ އިތުރުން އެމެރިކާ މިހާރު ވަނީ ފިލިޕީންސްގައި ވެސް އަސްކަރީ ހަތަރު ބޭސް ގާއިމްކޮށްފައެވެ. އަނެއްކޮޅުން އެމެރިކާގެ އޭޝިއާ ޕެސިފިކްގެ ފްލީޓުގެ މައި މަރުކަޒު ހުންނަ ގުއާމް އަކީ ވެސް ޗައިނާ ކައިރީގައިވާ ތަނެކެވެ.

އެމެރިކާ ގާއިމްކޮށްފައިވާ މި ހުރިހާ އަސްކަރީ ބޭސްތަކެއްގެ ނުރައްކާ ޗައިނާއަށް ވަރަށް ބޮޑުކަމަށާ އެމެރިކާގެ ބޭނުމަކީ މި ބޭސްތަކުގެ އެހީގައި އަސްކަރީ ޕްރެޝަރު ޗައިނާއަށް އިތުރު ކޮށްގެން ޗައިނާގެ އިގްތިސާދީ ކުރިއެރުމަށް ހުރަސްއެޅުން ކަމަށް ޗައިނާގެ ދިފާއީ ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ތައިވާނަށް ހަތިޔާރު ފޯރުކޮށްދީ ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ ސިޔާސަތެއް އެމެރިކާ ގެންގުޅުމަކީ ވެސް ޗައިނާ ކަންބޮޑުވާ ކަމެކެވެ. ތައިވާނަކީ 1949 ވަނަ އަހަރު ޗައިނާއިން ވަކިވެގަނެގެން އުޅޭ ސަރަހައްދެކެވެ.

އެމެރިކާގެ އަމަލުތައް މިގޮތަށް ހުރުމުން ޗައިނާވަނީ "ޝަންގްރި ލާ ޑައިލޮގް"ގެ އަރިމަތީގައި އެމެރިކާއާއި ޗައިނާގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމެއް ބޭއްވުމަށް އެމެރިކާ ހުށަހެޅި ހުށަހެޅުމަކަށް ފާޅުގައި ނޫނެކޭ ބުނެފައެވެ.

ޗައިނާ ދެކޭ ގޮތުގައި އޭޝިއާގައި އެމެރިކާ ކުޅޭ ސިޔާސީ އަދި އަސްކަރީ މި ކުޅިތަކުގައި އެމެރިކާ އެންމެ ބޮޑު މަގްސަދަކީ ޗައިނާއަށް ޖެއްސުން ކުރުމެވެ. ޗައިނާ އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުންނާ އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރަމުންދާ ދިޔުމަށް ހުރަސް އެޅުމެވެ. އެއް ގޮތަކުން ނޫނީ އަނެއް ގޮތަކުން ޗައިނާއަށް ފިއްތުންތައް ކުރިމަތިކޮށް ޗައިނާ ބަދުނާމުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި ވާހަކަދައްކައިގެން ޗައިނާ ބަދުނާމު ކުރުމެވެ.

"ޝަންގްރި ލާ ޑައިލޮގް" ގެ އަރިމަތީގައި އެމެރިކާގެ ދިފާއީ ވަޒީރާ ބައްދަލުކުރުމަށް ޗައިނާގެ ދިފާއީ ވަޒީރު ދެކޮޅު ހެދުމުން ވައިޓް ހައުސްއިން ވަނީ އެކަމާ އެމެރިކާ ދެރަވާ ކަމަށް ބުނެފައެވެ. ނަމަވެސް ޝަންގްރި ލާ ޑައިލޮގް" ގެ އަރިމަތީގައި ޗައިނާގެ ދިފާއީ ވަޒީރުވަނީ އެމެރިކާގެ ދިފާއީ ވަޒީރާ ސަލާމް ކުރައްވައި ހަލު އަހުވާލު އައްސަވާލައްވާފައެވެ.

comment ކޮމެންޓް