ހަތަރު ރަށެއްގައި ސޯލާ ހަކަތައިން އައިސް އުފައްދާ ޕްލާންޓުތަކެއް ޤާއިމްކުރަނީ

އިރުގެ އަލިން އުފައްދާ ހަކަތަ ބޭނުންކޮށްގެން ހަތަރު ރަށެއްގައި ކޮމިއުނިޓީ އައިސްޕްލާންޓުތަކެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ

އިރުގެ އަލިން އުފައްދާ ހަކަތަ ބޭނުންކޮށްގެން ހަތަރު ރަށެއްގައި ކޮމިއުނިޓީ އައިސްޕްލާންޓުތަކެއް ޤާއިމުކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ބޭރުގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރީ ޗައިނާގެ "އިންސްޓެކް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޮމްޕެނީ ލިމިޓެޑް" އާއެވެ. މި އެއްބަސްވުމުގެ ދަށުން ކޮމިއުނިޓީ އައިސްޕްލާންޓް ޤާއިމްކުރަން ހަމަޖެހިފައި ވަނީ ނ. ލަންދޫ، ތ. ބުރުނީ، ތ. މަޑިފުށި އަދި ތ. ވިލުފުށީގައެވެ.

މިއީ ސަރުކާރުން ގެންގުޅޭ ކާބަން ނެޓް ޒީރޯ 2030ގެ އަމާޒަށް ވާސިލުވުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މަޝްރޫޢެކެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން ނ. ލަންދޫ، ތ. މަޑިފުށި އަދ ތ. ވިލުފުށީގައި 15 ޓަނުގެ އައިސްޕްލާންޓު، 30 ޓަނުގެ ސްޓޯރޭޖާ އެކު ޤާއިމު ކުރާނެއެވެ. އަދި ތ. ބުރުނީގައި 5 ޓަނުގެ އައިސްޕްލާންޓު، 15 ޓަނުގެ ސްޓޯރޭޖާ އެކު ޤާއިމު ކުރާނެއެވެ.

މި ހަތަރު ރަށުގައި އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 240 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.

comment ކޮމެންޓް