ލަންދޫއިން މުއިއްޒަށް ވެދުމަށް ކުއްޅަވަކެއް!

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒަަށް ލަންދޫއިން ކުއްޅަވަށް މޮނިއުމަންޓެއް އަރުވަނީ --

"ކުއްޅަވަށް އައިލެންޑް"ގެ ގޮތުގައި މަޝްހޫރުވެފައިވާ ނ. ލަންދޫއިން، ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވެދުމަށް ކުއްޅަވަށް މޮނިއުމަންޓެއް އަރުވައިފިއެވެ.

މިއަދު ނ. ލަންދުއަށް މުއިއްޒު ވަޑައިގެން ބޭއްވި ޖަލްސާއެއްގައި މި ރަށުގެ ރައްޔިތުން ވަނީ އެ މޮނިއުމަންޓް ހަވާލުކުރުމަށްފަހު، އޭނާގެ ރަސްމީ މޭޒުކޮޅުގައި އެ މޮނިއުމަންޓް ބައިންދައިދެއްވުމަށް އެދިފައެވެ.

މި ރަށުން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ކުއްޅަވަކަކީ މި ރަށުގައި ވަރަށް ތިޔާރި އެއްޗެއްކަމަށާއި އެއީ މި ރަށުގެ ފަހުރެއް ކަމަށެވެ.

"އިއްޒަތްތެރިން ވަޑައިގެންނެވީމަ ކުއްޅަވައް މޮނިއުމަންޓް ދިނުމަކީ މިހާރު ހަމަ ވަރަށް އާންމުކަމެއް. އެއީ މި ރަށުގެ ވަރަށް ބޮޑު ފަހުރެއް،" އޭނާ ބުންޏެވެ.

މުއިއްޒު ވަޑައިގެންނެވިއިރު، މި ރަށުގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ކުއްޅަވަށް މޮހީޓޯ ވެސް ވަނީ އޭނާއަށް ދީފައެވެ.

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ލަންދޫގައި ވާޙަކަ ދައްކަވަނީ --

ލަންދޫގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ގައުމުގެ ތަރައްގީގެ ކަންތައްތަކަށް ވުރެ ބޮޑަށް މުހިންމީ މިނިވަންކަން ދިފާއުކުރުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު ޔަގީންކަންދެން. 100 ޕަސެންޓް ޔަގީންކަން ދެން. ރައްޔިތުން އަޅުގަނޑަށް އިތުބާރު ކުރައްވައިފިނަމަ މިނިވަންކަން ޔަގީންކޮށްދޭނަން. އަޅުގަނޑަށް ވަރިހަމަ އެހެން އެއްވެސް ކަމެއް ނުކުރެވުނަސް އެ ކަން ކުރެވިއްޖިއްޔާ. އެއަށްވުރެ މުހިންމުކަމެއް ނެތް،" މުއިއްޒު ވިދާޅުވިއެވެ.

ލަންދޫއަށް މުއިއްޒުގެ ވައުދުތައް:

  • މަގުތައް ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުން
  • ޒަމާނީ ޔޫތު ސެންޓަރެއް ހެދުން
  • ރަށް ގިރުމުގެ މައްސަލަ ހައްލުކޮށްދިނުން
  • މޫދަށް އެރޭ ސަރަހައްދެއް ހަދައިިދިނުން
  • ސްކޫލްގެ ޖާގަ ބޮޑުކުރުން
  • ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރުން
comment ކޮމެންޓް