އުރީދޫގެ ޑިޖިޓަލް އައިލެންޑް އިނީޝިއޭޓިވް އިފްތިތާހުކޮށް، ފުރަތަމަ ޑިޖިޓަލް އައިލެންޑުގެ ގޮތުގައި ނ. ލަންދޫ ކަނޑައަޅައިފިއެވެ.
މި މަސައްކަތަކީ އުރީދޫން މުޅި ރާއްޖޭ އެއްކޮށް ޑިޖިޓަލްކޮށް، ހުރިހާ ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަކީ ވެސް މިކަމުގައި ޝާމިލްވާ ބަޔަކަށް ހެދުމަށް ކުރާ މުހިންމު މަސައްކަތެކެވެ.
އުރީދޫ ޑިޖިޓަލް އައިލެންޑުގެ ތެރެއިން، ލަންދޫ ކައުންސިލާ ގުޅިގެން އުރީދޫން އިސްނަގައިގެން ރަށުގެ އިޖުތިމާޢީ އަދި އިޤުތިޞާދީ މަންޒަރަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރާނެއެވެ. އެގޮތުން، ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމުގެ އަމާޒަކީ ހާއްސަކޮށް ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ވިޔަފާރި ފަދަ ނާޒުކު ދާއިރާތައް ކުރިއެރުވުމާއި ކުރިއެރުމަށް އިތުރު މަގުތަކެއް ފަހިކޮށްދިނުމެވެ.
މި މަސައްކަތާ ގުޅިގެން އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ، ވިދާޅުވީ އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމްގެ އިފްތިތާހީ ރަށެއްގެ ގޮތުގައި ނ. ލަންދޫ ކަނޑައެޅުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމް، އެމް-ފައިސާ، ލަންދޫ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ތެރެއަށް މިދިޔަ އަހަރު އިންޓަގްރޭޓްކުރުމަކީ ރަށުގެ ރައްޔިތުންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި އުރީދޫ މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ އަށްޑިހަ އިންސައްތަ އަކީ ޑިޖިޓަލްކޮށް ކުރެވޭ މުއާމަލާތްތަކެކެވެ،" ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
ލަންދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދު ވިދާޅުވީ އުރީދޫ މޯލްޑިވްސްއިން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތަށް ވަރަށް އިޚުލާޞްތެރިކަމާ އެކު ޝުކުރު ދަންނަވާ ކަމަށެވެ. އަދި، ޓެކްނޮލޮޖީގެ ބޭނުން ހިފައި، ރަށުގެ ރައްޔިތުންނަށް ޢާންމު ޚިދްމަތްތަކާއި، މުޅި ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ކައުންސިލްގެ ވަރަށް ބޮޑު އަމާޒެއް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"އުރީދޫ މޯލްޑިވްސްއާ ގުޅިގެން މަސައްކަތްކޮށްގެން، ލަންދޫގެ ރައްޔިތުންނަށް އިތުރު ފައިދާއެއް ކުރާނެ އާ ޒަމާނުގެ ޑިޖިޓަލް ސޮލިއުޝަންތަކެއް ތައާރަފްކުރެވޭނެ ކަމަށް އުންމީދު ކުރަން،" އަޒީޒް ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްގެ ހައިސްޕީޑް ޓެލެކޮމިއުނިކޭޝަން ނެޓްވޯކާއި އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު އީޖާދީ ހިދުމަތްތަކުގެ ބޭނުން ހިފައި، އޭއައިގެ އެހީގައި އާ ޑިޖިޓަލް ޒަމާނުގައި އެންމެ ކުރީ ސަފުގައި ލަންދޫ ދެމިއޮންނާނެ ކަމަށް އުރީދޫމް ބުންޏެވެ. އަދި، ޑިޖިޓަލް ޒަމާނުގައި އެންމެ ފަހުގެ ކުރިއެރުންތައް ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކޮށްދޭ ކަމަށް ވެސް އުރީދޫން ބުންޏެވެ.