އިންޑިއާގެ އެހީގައި ރާއްޖޭގައި އިތުރު 10 މަޝްރޫއެއް

އިންޑިއާއާއެކު 10 މަޝްރޫއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ފޮރިން މިނިސްޓްރީ

އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި އިތުރު 10 މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ރާއްޖެ އާއި އިންޑިއާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.

މި 10 މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެ ކަމަށްޓަކާ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ މިނިސްޓަރު އޮފް ސްޓޭޓް ފޯ އެކްސްޓަނަލް އެފެއަޒް ވީ. މުރަވީދަރަންއާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ހިންގުމަށް މިއަދު ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި މާލޭގައި އާޓް ސެންޓަރެއް ޤާއިމުކުރުމާއި ޅ. ހިންނަވަރު ކައުންސިލްގެ އާ އިދާރީ އޮފީސް ތަރައްގީ ކުރުމާއި ލ. އަތޮޅު ތައުލީމީ މަރުކަޒުގައި ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް ހިންގުން ހިމެނެއެވެ.

ހަމައެއާ އެކު، ގދ. ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ނަފުސާނީ ބަލިތަކަށް ޚާއްސަ ޔުނިޓެއް ގާއިމުކުރުމާއި، ނ. ކެނދިކުޅުދޫ، ލ. ގަން، ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލައް ސިޓީގެ ހަތަރު ސްކޫލަކަށް، ސްކޫލް ބަސް ފޯރުކޮށްދިނުމާއި ށ. މިލަންދޫގައި ދުވާ ޓްރެކެއް ތަރައްގީކުރުން ހިމެނެއެވެ. އަދި، އައްޑޫ ސިޓީ ހިތަދޫ ދެ ސަރަހައްދަކާއި ގދ. ވާދޫ އަދި ހއ. ދިއްދޫގައި އައުޓް-ޑޯ ޖިމް ގާއިމުކުރުން ވެސް ހިމެނެއެވެ.

މި ހުރިހާ މަޝްރޫއުތަކަކީ ވެސް ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ތެރެއިން އިންޑިއާ ސަރުކާރުން އިތުރުކުރި 100 މިލިއަން ރުފިޔާގެ ގްރާންޓުގެ ތެރެއިން ހިންގާ މަޝްރޫއުތަކެކެވެ.

މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ، ރާއްޖެއާއި އިންޑިއާއިން އަބަދު ވެސް ހިއްސާކުރަނީ ވަރަށް ތާރީޚީ އަދި ޚާއްސަ ގާތް ގުޅުމެއް ކަމަށާއި މި ސަރުކާރު އައިފަހުން މި ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިފައިވާ ކަމަށެވެ. އަދި، ދެ ގައުމުގެ ދެމެދުގައި މިހާތަނަށް ކުރެވުނު މަތީ ފަންތީގެ ދަތުރުތަކުން ވެސް މިކަމަށް ހެކިދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންޑިއާއަކީ ރާއްޖޭގެ އިޖްތިމާއީ އިގްތިސޯދީ ކުރިއެރުމުގައި މުހިއްމު ބައިވެރިއެއް. އެގޮތުން ކޯވިޑް-19ގެ އާލަމީ ވަބާއިން ރާއްޖެ ސަލާމަތްވެ އިގްތިސޯދު އަލުން ކޮޅަށް ޖެހުމަށް ކުރި މަސައްކަތުގައި ރާއްޖެއަށް ވެކްސިނާއި ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ވެދެއްވި އަވަސް ދީލަތި އެހީތެރިކަން މުހިއްމު ދައުރެއް އަދާކުރި،" އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ދިވެހީންނަށް އިންޑިއާއަށް ބަރޯސާ ވެވިދާނެ ކަން އަބަދު ވެސް އެ ގައުމުން ދަނީ ސާބިތު ކޮށްދެމުންނެވެ. މިއަދު އަލަށް މި ސޮއިކުރެވުނު މަޝްރޫއޫތަކާ އެކު އަތޮޅުތަކުގެ އިޖްތިމާއީ ހާލަތު ބަދަލުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ މިނިސްޓަރު އޮފް ސްޓޭޓް ފޯ އެކްސްޓަނަލް އެފެއަޒް ވީ. މުރަވީދަރަން ވިދާޅުވީ، ރާއްޖެ ތަރައްގީގެ މަގުގައި ކުރާ ދަތުރުގައި މުހިއްމު ބައިވެރިއަކަށް ވެވޭކަމީ އިންޑިއާއިން ފަޚުރުވެރިކަމާ އެކު އަބަދު ވެސް ފާހަގަކުރާ ކަމެއް ކަމަށެވެ. އަދި، އެ ގައުމުން ފޯރުކޮށްދޭ ލޯނާއި ހިލޭ އެހީއާއި ބަޖެޓްރީ ސަޕޯޓުގެ ތެރެއިން ހިންގާ ތަފާތު މަޝްރޫއުތަކުގައި އަމަލީ ސިފަޖެހި، އެ ކަންކަމުގެ މަންފާ މުޖުތަމައަށް ލިބިގެންދާތީ އުފާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ހެލްތު މިނިސްޓްރީއަށް އެންޓި ޓީބީ މެޑިސިން ވެސް ވަނީ ހަދިޔާކޮށްފައެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ، އިންޑިއާ ސަރުކާރުން މިއަދު ހަދިޔާކުރި އެންޓި ޓީބީ ބޭހަކީ އިންޑިއާ އިން ރާއްޖޭގެ ސިއްޙީ ދާއިރާއަށް ވެދެމުން އަންނަ ގިނަގުނަ އެހީތަކަށް އިތުރު ވެގެންދިޔަ ބޮޅެއް ކަމަށެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައި މިވަނީ އިންޑިއާގެ މިނިސްޓަރު އޮފް ސްޓޭޓް ފޯ އެކްސްޓަނަލް އެފެއަޒް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދުތުރުފުޅުގައެވެ.

comment ކޮމެންޓް