މަސްކްގެ އެކްސްއިން އިންޑިއާ ސަރުކާރާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިފި

އެކްސްއަށް މިފަދަ މައްސަލަތަކާ ކުރިމަތިވުމަކީ އާއްމު ކަމެކެވެ.

މަހުޖަނު އެލޮން މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް އިން އިންޑިއާ ސަރުކާރާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ އިންޑިއާ ސަރުކާރުން ސޯޝަލް މީޑިއާގެ ކޮންޓެންޓް ނައްތާލުމަށް އެދި ނެރޭ އަމުރުތަކާ ގުޅިގެންނެވެ.

މިއީ މަސްކްގެ ސްޓާލިންކް އަދި ޓެސްލާ ދުނިޔޭގެ ފަސްވަނައަށް އެންމެ ބޮޑު އިޤްތިޞާދު އިންޑިއާއަށް ވަނުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި ކުރިމަތިވި ކަމެކެވެ.

މި މައްސަލައިގެ މައިގަނޑު ނުކުތާއަކީ ސަރުކާރުން ބްލޮކިން އޯޑަރުތައް ނެރުމަށް ބޭނުންކުރާ މުހިންމު ޤާނޫނީ މާއްދާއެކެވެ. އެކްސްއިން ބުނާ ގޮތުގައި މި މާއްދާ ބޭނުންކުރަނީ މިހާރު ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތައް ބައިޕާސްކޮށްގެންނެވެ.

އިންޑިއާގެ ޤާނޫނީ ޚަބަރު ވެބްސައިޓް ބާ އެންޑް ބެންޗް އިން ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި މި މާއްދާ އިންޑިއާއިން ބޭނުންކުރަނީ މަޢުލޫމާތު ބްލޮކްކުރުމަށް ޤާނޫނާ ޚިލާފު ނިޒާމެއް އުފެއްދުމަށް ކަމަށް އެކްސް އިން ބުނެފައިވެއެވެ.

މި މައްސަލައިގެ އަޑުއެހުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ދެކުނުގެ ކަރްނާޓަކާ ސްޓޭޓްގެ ކޯޓެއްގައި އަންނަ ބުރާސްފަތި ދުވަހުއެވެ. މި ހަފުތާގެ ކުރީކޮޅު ވެސް މި މައްސަލައިގެ ކުރު އަޑުއެހުމެއް ބާއްވާފައިވާއިރު، އެ އަޑުއެހުމުގައި ވަނީ ދެފަރާތުން ހެކިހުށަހެޅުމުގެ ފުރުޞަތު ދީފައެވެ.

މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމަށް އިންޑިއާގައި ކޮންޓެންޓް ރެގިއުލޭޝަނާ ގުޅޭ ޤާނޫނީ މައްސަލަތަކާ ކުރިމަތިލާން ޖެހުމަކީ އާ ކަމެއް ނޫނެވެ.

ދެހާސް ތޭވީސް ވަނަ އަހަރު، އިންޑިއާގެ ކޯޓަކުން މި ޕްލެޓްފޯމް 61،000 ޑޮލަރުގެ ޖޫރިމަނާއެއް ކޮށްފައިވެއެވެ.

comment ކޮމެންޓް