ރައީސް އައްޑޫއަށް ވަޑައިގަތީ ޝަންގްރިއްލާގެ ހިއްސާ ދޫކޮށްލުމަށް ބޭނުންވާ ލިޔުންތައް ހަވާލުކުރުމަށް ފަހު

ޝަންގްރިއްލާ ވިލިނގިލި ރިސޯޓު: އެ ރިސޯޓްގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމަށް ވަނީ ތައްޔާރުވެފައި -- ފޮޓޯ/ ޝަންގްރިއްލާ

ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ރިސޯޓުގައި އޮންނަ ސަރުކާރުގެ ހިއްސާ ދޫކޮށްލުމަށް އެ ރިސޯޓު ހިންގާ ކުންފުންޏާ ލިޔުންތައް ހަވާލުކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ 30 ޕަސެންޓު ހިއްސާ އޮންނަ އައްޑޫ ޝަންގްރިއްލާ ރިސޯޓް މަރާމާތު ކުރަން ބަންދު ކުރީ 2020 ވަނަ އަހަރު ކޮވިޑު ބަލިމަޑުކަން ލައިގަތް ފަހުންނެވެ. އެފަހުން އެ ރިސޯޓް ނުހުޅުވި އެތައް ދުވަހެއް ވެފައިވާއިރު، އެކަމާ އައްޑޫ ސިޓީގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވުމަށް އިއްޔެ މަރަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހާކަ ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ, ޝަންގްރިއްލާ ހިންގުމަށް އެޅޭ ކޮންމެ ހުރަހެއް ނައްތާލުމަށް ތައްޔާރަށް ހުންނެވި ކަމަށާއި އެގޮތުން އެ ރިސޯޓުގައި އޮންނަ ސަރުކާރުގެ ހިއްސާ ދޫކޮށްލުމަށް ބޭނުންވާ ލިޔުންތައް ރިސޯޓް ހިންގާ ކުންފުންޏާ މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ލިޔުންތައް, އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އެއީ ރައީސް އައްޑޫއަށް ވަޑައިގަތުމުގެ ދެ ހަފުތާ ކުރިންނެވެ.

ޝަންގްރިއްލާ އޮޕަރޭޝަނަށް ގެންނަން މަސައްކަތް ކުރާތާ ދުވަސްތަކެއް ވެފައިވާއިރު، އެ ރިސޯޓުގައިވާ ސަރުކާރުގެ ހިއްސާ ދޫކޮށްލައިގެން މެނުވީ އެކަން ނުކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް