‘’ދަ ޑިމޮކްރެޓްސް’’ އަށް ސޮއިކުރި މީހުންގެ ލިސްޓު އާންމުވި މައްސަލަ ފުލުހަށް، ތުހުމަތު ސަރުކާރަށް

ދަ ޑިމޮކްރެޓްސް / ސަން ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިސްވެ ހުންނަވާ އުއްފަދަން މަސައްކަތް ކުރާ އައު ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރި މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ނުކުރަނީސް އާންމުވި މައްސަލަ މިއަދު ފުލުހުންނަށް ހުށަހަޅައިފިއެވެ.

އެ ޕާޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ، ސިޔާސީ ޕާޓީއަކަށް ވަންނަ މީހުންގެ ލިސްޓު އާންމުކުރުމުގައި އަމަލު ކުރަން ޖެހޭ ވަކި އުސޫލެއް އޮތް ނަމަވެސް އީސީގެ ވެބްސައިޓުގައި އެ ލިސްޓު އާންމު ކުރުމުގެ ކުރިން އެ ލިސްޓު ބައެއް އާންމު މެމްބަރުންނާ ހިސާބަށް އައުމަކީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށާއި، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ.

ދަ ޑިމޮކްރެޓްސް އިން ތުހުމަތު ކުރާ ގޮތުގައި އެ ލިސްޓު އާންމުވެފައިވަނީ އީސީގެ ތެރެއިންނެވެ. އަދި އެއީ އެ ބޭފުޅުންގެ މަސައްކަތަށް ހުރަސް އެޅުމަށް ސަރުކާރުގެ ތެރެއިން އިންތިޒާމްކޮށް، ރާވައިގެން ހިންގަން ފެށި ކަމެއް ކަމަށް ބެލެވޭ ކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މިއީ މި ޕާޓީ އުފެއްދުމާ ދެކޮޅަށް ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން އިންތިޒާމު ވެގެން ރޭވިގެން ހިންގަން ފެށި ކަމެއް ކަމަށް ބެލެވޭ އެތައްއެތައް ކަމެއް ފާހަގަކުރެވިއްޖެ. އަޅުގަނޑުމެން ހުށަހެޅި އިރުގައި ނެތް މައުލޫމާތާ އެކީގައި އެ ލިސްޓު ފުރިހަމަވެފައި އޮތީމާ މާ ބޮޑަށް ސާފުވޭ އެއީ އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން އެ ބޭފުޅުން ހޯދާފައި އޮތް ލިސްޓެއްކަން. އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް

ޝިފާޒް ވިދާޅުވީ، އެ ލިސްޓުގައި ނަން އޮތް މީހުންނަށް ސަރުކާރަށް ވާގިދޭ ފަރާތްތަކުން ގުޅައި ބިރުދައްކަމުންދާ ކަމަށެވެ.

އެ ޕާޓީން މިހާރު ވަނީ އެ ކަން ހިނގާ ދިޔަ ގޮތް ބަލައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހަޅާފައެވެ. އަދި އެކަން ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް ވެސް އެ މައްސަލަ މިހާރު ވަނީ ހުށަހަޅާފައެވެ.

ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އާއި ރައީސް މުހައްމަދު ނަޝީދާ ދެމެދު ޚިޔާލު ތަފާތުވުން އުފެދި، މައްސަލަ ބޮޑުވުމަށް ފަހު ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން އެ ޕާޓީން ވަކިވެ އުފައްދަން މަސައްކަތް ކުރަމުންދާ ޕާޓީއެކެވެ. އެގޮތުން ރައީސް ނަޝީދަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރުން ވަނީ އެމްޑީޕީން ވަކިވެފައެވެ.

އެ ޕާޓީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ހުއްދަ އީސީން ދީފައިވާއިރު، މިދިޔަ ބުދަ ދުވަހު އެ ޕާޓީ ރަޖިސްޓްރީ ކުރަން 3،500 މެމްބަރުންގެ ފޯމު އީސީ އަށް ވަނީ ހުށަހަޅާފައެވެ.

comment ކޮމެންޓް