މިސީޒަނަށްފަހު ސްޕެއިންގެ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް، ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ދޫކޮށްލުމަށް ނިންމައިފިއެވެ.
ރާމޯސް، ޕީއެސްޖީ ދޫކޮށްލުމަށް ނިންމާފައިވަނީ މިސީޒަނަށްފަހު އޭނާގެ ކޮންޓްރެކްޓް ނިމުމަކަށް އަންނާތީއެވެ. އާޖެންޓީނާ ތަރި ލިއޮނެލް މެސީއެކޭ އެއްގޮތަށް ރާމޯސް ވެސް ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފައެއް ނުވެއެވެ.
އުމުރުން 37 އަހަރުގެ ރާމޯސް، ޕީއެސްޖީއާ ގުޅުނީ ރެއާލް މެޑްރިޑުން 2021 ވަނަ އަހަރުއެވެ. ޕީއެސްޖީއާ ގުޅުމަށްފަހު ރާމޯސް ވަނީ އެ ކްލަބަށް 57 މެޗު ކުޅެފައެވެ. ޕީއެސްޖީއާއެކު އޭނާ ދެ ސީޒަނެއްގެ ފްރާންސް ލީގު ކާމިޔާބުކުރި ނަމަވެސް، އެ ކްލަބުގެ އެންމެ މުހިންމު އަމާޒު ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގު ހޯދިފައެއް ނުވެއެވެ.
އިންސްޓަގްރާމުގައި ރާމޯސް ދިން މެސެޖެއްގައި ބުނީ ނިމިގެން އެ ދިޔައީ އޭނާގެ ކެރިއަރުގެ މުހިންމު ބައެއް ކަމަށާއި ޕީއެސްޖީ އާއި ސަޕޯޓަރުންނަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ. އަދި މުބާރާތްތަކުގައި އޭނާގެ އެންމެ ރަނގަޅު ކުޅުން ދެއްކުނީ ވެސް މުޅި ޓީމާއި ސަޕޯޓަރުންގެ ސަބަބުން ކަމަށް ވެސް ބުންޏެވެ.
އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކުރާ ގޮތުގައި ރާމޯސް ވެސް އަންނަ ސީޒަނުގައި ސައުދީ އަރަބިއާގެ ކްލަބަކުން ފެނުން ގާތެވެ.