އިހުސާސްވަނީ އޭނާއަކީ "ސުޕަމޭން"ގެ ގޮތުގައި ކަމަށާއި އަންނަ ސީޒަންގައި ވެސް ކުޅުމައިގެން ކުރިއަށްދާން ބޭނުންވާ ކަމަށް ސްވިޑަން ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް ބުނެފިއެވެ.
އޭސީ މިލާންގެ ފޯވަޑް އިބްރަހިމޮވިޗް މިސީޒަނުގައި ފެނިގެންދިޔައީ އެންމެ ހަތަރު މެޗެއްގައެވެ. މިދިޔަ އަހަރުގެ މެއި މަހު އިބްރަހިމޮވިޗްގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ހެދި ސާޖަރީއަށްފަހު، އޭނާ އެނބުރި ކުޅުމަށް އައިސްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އުމުރުން 41 އަހަރުގެ ފޯވަޑް އިބްރަހިމޮވިޗަށް މިސީޒަނުގެ ބޮޑުބައެއް ގެއްލުނު ނަމަވެސް، އޭނާ ބޭނުންވަނީ ކުޅުން ކުރިއަށްގެންދިއުމަށެވެ.
'ލަ ގެޒެޓާ ޑެލޯ ސްޕޯޓް' އަށް އިބްރަހިމޮވިޗް ދިން އިންޓަވިއުއެއްގައި ބުނީ އޭނާއަކީ ކުރަން ބޭނުންވާ ކަމެއް ދޫކޮށްލާނެ މީހެއް ނޫން ކަމަށާއި ކުރަން ބޭނުންވާ ކަމަކަށް ކުރިމަތިލާން ޖެހޭނީ އަޒުމަކާއެކު ކަމަށެވެ.
"ފުޓުބޯޅަ ކުޅުން ހުއްޓާލަން ޖެހޭ ހިސާބަކަށް އަދި ނުދޭ. އަހަރެން ގަބޫލުކުރަނީ އަދިވެސް އަހަރެންނަށް ކަމެއް ކޮށްދެވިދާނެ ކަމަށް. އަހަރެން ބޭނުންވަނީ އަދިވެސް ކުޅުން ކުރިއަށްގެންދަން. އެކަމަކު އަހަރެން ޖެހޭނީ ހަމަހަމަކަމެއް ގެންގުޅެން. މިއަހަރު އަދި މިދިޔަ އަހަރުވެސް އަހަރެން މަސައްކަތްތަކެއް ކުރިން. އެނބުރި އަންނަ ކޮންމެ ފަހަރަކު އިހުސާސްވަނީ އަހަރެންނަކީ ސުޕަމޭންގެ ގޮތުގައި،" އޭނާ ބުންޏެވެ.
މިލާނާއެކު އިބްރަހިމޮވިޗް ހަދާފައިވާ ކޮންޓްރެކްޓް މިސީޒަންގެ ނިޔަލަށް ނިމުމަކަށް އަންނަ އިރު، އެ ކްލަބާއެކު އޭނާ އަދި ކޮންޓްރެކްޓް އާކޮށްފައެއް ނުވެއެވެ. ނަމަވެސް ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި މިލާނާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް އާކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.