އުމަރު ދެއްވާ ޔަގީންކަމަކީ ޗާގޯސްގެ ރަށްތައް ދިވެހީންނަށް ހޯދަން މަސައްކަތް ކުރާނެކަން

'ބާނަ ބާނަ ތިއްބާ ތިވިއްކާލީ ކަނޑު'ގެ ނަމުގައި ފޯޅަވެހި ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އުމަރު ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ފޯޅަވެހި ނުވަތަ ޗާގޯސްގެ ރަށްތައް ރާއްޖެއަށް ހޯދައި ދިނުމަށް ދެން އަންނަ ސަރުކާރަކުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

'ބާނަ ބާނަ ތިއްބާ ތިވިއްކާލީ ކަނޑު' ގެ ނަމުގައި ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން އުމަރު ވިދާޅުވީ, ޗާގޯސް މައްސަލައިގެ ތެރެއިން ވަރަށް ރަނގަޅު ކަމެއް ފާހަގަވި ކަމަށެވެ. އެއީ ފޯޅަވެހީގެ ރަށްތަކަކީ ކޮންބައެއްގެ ރަށްތަކެއްކަން އެނގުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން ދިވެހީންނަށް ސާފުވެއްޖެ ފޯޅަވެއްސަކީ ހަގީގަތުގައި އަޅުގަނޑުމެންގެ ތަނެއްކަން. އަޅުގަނޑުމެން މިތަން ދޫކޮށްލައިގެން ނުވާނެ ކަން. އަޅުގަނޑު ތިބޭފުޅުންނަށް މިދޭ ޔަގީންކަމަކީ اللهގެ ވާގިފުޅާއެކު ދެން އަންނަ ސަރުކާރަކުން ފޯޅަވެހީގެ މައްޗަށް ދައުވާކުރާނަން. ފޯޅަވެހި ދިވެހި ދައުލަތަށް ނަގަން," އުމަރު ވިދާޅުވިއެވެ.

ފޯޅަވެއްސާ ކައިރީގައި އޮންނަ މޮރިޝަސްގައި މީހުން ދިރިއުޅެން ފަށާފައިވަނީ 1598ގައިކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ, އެއަށްވުރެ މާކުރިން ރާއްޖޭގައި މީހުން ދިރިއުޅެން ފަށާފައިވާ ކަމަށެވެ.

"އެހެންވީމަ އެއްވެސް ހައްގެއް ނެތް މޮރިޝަސް ކިޔާ ގައުމަކަށް އެއަށްވުރެ މާ ފަހުން ދުނިޔެއަށް އުފަންވި ގައުމަކަށް އައިސް ޗާގޯސް ހޯދާކަށެއް," އުމަރު ވިދާޅުވިއެވެ.

އެހެންކަމުން ޗާގޯސް އަކީ ރާއްޖޭގެ ތަނަކަށް ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އުމަރު ވަނީ ދެއްވާފައެވެ.

ފުރާންސް އިން ޗާގޯސް އިސްތިއުމާރުކުރިއިރު އެ ގައުމުގައި ތިބީ ދިވެހީން ކަމަށް އުމަރު ވިދާޅުވިއެވެ. އެއީ އެގައުމަށް މަސައްކަތު ގޮސް ތިބި މީހުންކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ, އިސްތިއުމާރަށް ފަހު އެތަނުގައި ދިރިއުޅެމުންދިޔަ ދިވެހީން ފިލައިގެން އައްޑޫއަށާއި ފުވައްމުލަކަށް އައި ކަމަށެވެ.

"އިސްތިއުމާރު ދޫކޮށްލާ ދުވަހު އެތަން ހަވާލުކުރަންވާނީ އިސްތިއުމާރުކުރި އިރުގައި އެތަނުގައި ތިބި ބަޔަކާ. އެއީ ދިވެހީން އެތާ ތިބީ. ދިވެހީން ފަހާލީ އެދުވަހު," އުމަރު ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުގައި އުމަރު ދެއްކެވީ އަވައްޓެރި އިންޑިއާ އަދި ސްރީލަންކާއެވެ. އެގޮތުން އެ ދެ ގުއުމު އިސްތިއުމާރުން ދޫކޮށްލިއިރު ހަވާލުކޮށްފައިވަނީ އެ ގައުމުތަކުގެ މީހުންނާ ކަމަށް އުމުރު ވިދާޅުވިއެވެ. އެހެންކަމުން ޗާގޯސް ކޮލަނައިޒް ނުވަތަ އަޅުވެތިކުރި މީހުން އެތަން ދޫކޮށްލާފަ ދާއިރު ދިވެހީންނާ ހަވާލު ކުރަން ޖެހޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.

"ދިވެހީންގެ އަތުން މި ގެއްލުނު ކަނޑު އަނބުރާ ހޯދާނަން," ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އުމަރު ވިދާޅުވިއެވެ.

އުމަރު އެހެން ވިދާޅުވި ނަމަވެސް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު މީގެ ކުރިން ވިދާޅުވީ ޗާގޯސް މައްސަލައިގައި ރާއްޖެއިން އަބަދުވެސް ގެންގުޅުނު ސިޔާސަތަކީ ޗާގޯސްގެ ރަށްތަކުގެ މިލްކުވެރިކަން މޮރިޝަސްއަށް ލިބުން ކަމަށެވެ.

comment ކޮމެންޓް