އަސެންސިއޯ ޕީއެސްޖީއާ ގުޅެނީ

ރެއާލް މެޑްރިޑްގެ ސްޕެއިން ފޯވަޑް މާކޯ އަސެންސިއޯ -- ފޮޓޯ/ ގެޓީ

ރެއާލް މެޑްރިޑްގެ ސްޕެއިން ފޯވަޑް މާކޯ އަސެންސިއޯ، ހިލޭ ޓްރާންސްފާއެއްގެ ދަށުން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އާ ގުޅެން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

'ދަ އެތުލެޓިކް' އިން ރިޕޯޓުކުރާ ގޮތުގައި އުމުރުން 27 އަހަރުގެ އަސެންސިއޯ އަންނަ ސީޒަނުގައި ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއްގެ ދަށުން ޕީއެސްޖީއާ ގުޅުމަށް މިހާރު ވަނީ ނިންމައިފައެވެ. އެ ކޮންޓްރެކްޓުގެ ދަށުން ޕީއެސްޖީން އޭނާއަށް އަހަރަކު ދިހަ މިލިއަން ޔޫރޯ (11 މިލިއަން ޑޮލަރު) ދޭނެ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އަސެންސިއޯއަށް ރެއާލާއެކު ހަދާފައިވާ ކޮންޓްރެކްޓު އާކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް، މިމަހު އޭނާ ނިންމީ އާ ކޮންޓްރެކްޓެއްގައި ސޮއި ނުކުރުމަށެވެ. މޮޔާކާ އިން 2014 ވަނަ އަހަރު ރެއާލާ ގުޅުނު އަސެންސިއޯގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް އެ ކްލަބުން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އަސެންސިއޯ ހޯދުމަށް އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެމުންދާ އެސްޓަން ވިލާ އާއި އިޓަލީގެ ކްލަބުތަކަކުން ވެސް ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އެ ހުށަހެޅުންތައް އޭނާ ގަބޫލުކޮށްފައެއް ނުވެއެވެ.

މިސީޒަނުގެ ސްޕެނިޝް ލަލީގާގައި ރެއާލަށް ބާކީ އެއް މެޗު އޮންނާނެއެވެ. އަމިއްލަ ދަނޑުގައި އަންނަ އާދީއްތަ ދުވަހު ކުޅޭ އެ މެޗުގައި ރެއާލް ނުކުންނަން ޖެހޭނީ އެތުލެޓިކް ކްލަބާ ދެކޮޅަށެވެ. މިސީޒަނުގެ ލަލީގާގެ ޗެމްޕިއަންކަން ހޯދާފައިވަނީ ރެއާލްގެ ވާދަވެރި ބާސެލޯނާ އިންނެވެ.

comment ކޮމެންޓް