ރާއްޖެއާއި މޮރީޝަސް އާ ދެމެދު ފުށުއަރާފައިވާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި "ކަނޑު ވިއްކާލީ" ކަމަށް ބުނެ އިދިކޮޅުން މިރޭ ބާއްވަން ނިންމާފައިވާ ހަރަކާތުގައި ގާނޫނާ ޚިލާފު އަމަލު ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނީ މާލޭ ކާނިވާ ސަރަހައްދުގައި ބާއްވަން ތައްޔާރުވަމުން އަންނަ ހަރަކާތުގައި ބައިވެރިވާ ބައެއް މީހުން ގާނޫނާ ޚިލާފު އަމަލު ހިންގުމަށް ރާވަމުންދާ ކަމަށާއި، ބައެއް މީހުން ގާނޫނާ ޚިލާފު އަމަލުތައް ހިންގާނެ ކަމަށް ބުނަމުންދާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން، އެ ހަރަކާތުގައި އާންމު ސުލްހައަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރުމަށާއި، ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތީން ކުރިއަށް ގެންދިއުމަށާއި ގާނޫނާ ޚިލާފު އެއްވެސް އަމަލެއް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ބުނީ، ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ސުލްހަވެރިކަމާ އެކު ހިންގާ ހަރަކާތްތަކަށް ފޯރުކޯށްދެން ޖެހޭ ރައްކާތެރިކަމާއި، އެފަދަ ހަރަކާތްތައް ހިންގާ ސަރަހައްދުތަކުގެ މަގުތަކާއި އެ ނޫން ވެސް ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ ފުލުހުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން ގެންދާ ކަމެއް ކަމަށެވެ.
އިދިކޮޅުން މިރޭ ބާއްވަން ތައްޔާރުވަމުން އަންނަ އެއްވުމަކީ ރާއްޖެއާއި މޮރީޝަސްއާ ދެމެދު ފުށުއެރި މައްސަލައިގައި ކަނޑުން ބައެއް ގެއްލުނު ކަމަށް ތުހުމަތުކޮށް "ގެއްލުނު" ބައި އަލުން އިޔާދަ ކުރުމަށް ގޮވާލާ ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގައި މި ވަގުތު އިދިކޮޅަށް ނިސްބަތްވާ ސިޔާސީ ޕާޓީތަކުން ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތައް ބައިވެރި ވުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.
ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަހައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.
އިދިކޮޅު ޕާޓީތަކުން ނުރުހުން ފާޅުކުރަމުން އަންނަނީ އެ ސަރަހައްދު އެއްކޮށް ލިބެން ވާނީ ރާއްޖެއަށް ކަމަށް ބުނެއެވެ.