ރެއާލް މެޑްރިޑްގެ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާއަށް ސައުދީ އަރަބިއާގެ އަލް އިއްތިހާދުން ހުށަހެޅި ބޮޑު ހުށަހެޅުން ގަބޫލުކޮށް، އެކަން އޭނާ ރެއާލަށް އަންގާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ރެއާލާ އެކު ބެންޒެމާ ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ނިޔަލަށް ނިމުމަކަށް އަންނަ އިރު، އަލް އިއްތިހާދުން ދެ ސީޒަނަށް 400 މިލިއަން ޔޫރޯ (439 މިލިއަން ޑޮލަރު)ގެ ބޮޑު ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި ރެއާލާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާނުކޮށް، ބެންޒެމާ ނިންމާފައިވަނީ އަލް އިއްތިހާދުގެ ހުށަހެޅުން ގަބޫލު ކުރުމަށެވެ. އަދި، އެކަން ރެއާލްގެ މެނޭޖްމަންޓަށް ވެސް ބެންޒެމާ އަންގާފައިވާ ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އުމުރުން 35 އަހަރު ފުރުނު ބެންޒެމާ ވެގެން ގޮސްފައިވަނީ މި ސީޒަނުގައި ވެސް ރެއާލްގެ އެންމެ މުހިންމު ކުޅުންތެރިޔާއަށެވެ. ބެންޒެމާ ވަނީ ސްޕެނިޝް ލަލީގާގައި 23 މެޗުން 18 ގޯލު ކާމިޔާބުކޮށްފައެވެ. ލަލީގާގައި އޭނާއަށް ވުރެ އިތުރަށް ގޯލު ޖަހާފައިވަނީ ހަމައެކަނި ބާސެލޯނާގެ ޕޮލެންޑް ފޯވަޑް ރޮބާޓް ލެވަންޑޯސްކީއެވެ.
ސައުދީން ޝައުގުވެރިވާ ހަމައެކަނި ކުޅުންތެރިޔަކީ ބެންޒެމާއެއް ނޫނެވެ. ސައުދީގެ އަލް ނަސްރަށް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މިހާރު ވެސް ކުޅުމުން އަންނަ އިރު، އަލް ހިލާލުން ވަނީ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ހޯދުމަށް 500 މިލިއަން ޔޫރޯ (541 މިލިއަން ޑޮލަރު)ގެ ހުށަހެޅުމެއް ހުށަހަޅައިފައެވެ. އޭގެ އިތުރުން ބާސާގެ ސާޖިއޯ ބުސްކެޓްސް އާއި ޖޯޑީ އަލްބާ ވެސް ސައުދީ ޕްރޯ ލީގުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ.