އިޓަލީގެ ރޯމާ ބަލިކޮށް، ސްޕެއިންގެ ސެވިއްޔާ އިން ހަތްވަނަ ފަހަރަށް ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފިއެވެ.
ހަންގޭރީގެ ޕުސްކަސް އެރީނާގައި ރޭ ކުޅުނު ޔޫރޮޕާ ލީގުގެ ފައިނަލުގައި ރޯމާގެ މައްޗަށް ސެވިއްޔާ އިން ކުރި ހޯދީ ޕެނަލްޓީ ޝޫޓްއައުޓްގައެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފައެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ސެވިއްޔާ ކުރި ހޯދާފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ. އެ ފައިނަލަށް ނުކުތް އިރުވެސް ސެވިއްޔާއަކީ ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ޓީމެވެ.
މެޗުގައި ގޯލު ޖެހުމުގެ ފުރަތަމަ ފުރުސަތު ލިބިފައިވަނީ ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ރޯމާއަށެވެ. މެޗުގެ 11 ވަނަ މިނެޓުގައި ޒެކީ ސެލިކް ދިން ބޯޅައަކުން ރޯމާގެ އިޓަލީ ޑިފެންޑަރު ލިއޮނާޑޯ ސްޕިނަޒޯލާ ފޮނުވާލި ހަމަލާ، ސެވިއްޔާގެ މޮރޮކޯ ކީޕަރު ޔަސީން ބޯނޯ ވަނީ މަތަކޮށްފައެވެ.
މެޗުގެ ފުރަތަަމަ ހާފު ނިމެން 11 މިނެޓަށް ވެފައިވަނިކޮށް، ރޯމާ އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ޖިއަންލޫކާ މަންޗިނީ ދިން ބޯޅައަކުން ރޯމާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވަޑް ޕައުލޯ ޑިބާލާއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާއަށް ލިބުނު ބޯޅަ އަމާޒުކޮށްލާފައިވަނީ ސެވިއްޔާ ގޯލުގެ ތިރީ ކަނަކަށެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ސެވިއްޔާއަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ސެވިއްޔާގެ ކްރޮއޭޝިއާ މިޑްފީލްޑަރު އިވާން ރަކިޓިޗް ފޮނުވާލި ހަމަލާ އަމާޒުވީ ރޯމާ ގޯލުގެ ހުރަސް ދަނޑިއަށެވެ. މެޗުގެ ފުރަތަަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރޯމާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށުނުތާ ދިހަ މިނެޓު ތެރޭ ސެވިއްޔާ އިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ ރޯމާގެ މަންޗިނީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭނާ އަތުން އެ ބޯޅަ ބައިކޮޅަށް ވަދެފައިވަނީ ސެވިއްޔާގެ ޖެސުސް ނަވާސް ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ދިފާއުކުރަން އުޅުމުގެ ތެރޭގައެވެ.
ރޯމާ އިން އަލުން ލީޑު ހޯދުމަށް މަސައްކަތްތަކެއްކޮށް، ދެވަނަ ހާފު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް، ގޯލު ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ސެވިއްޔާގެ ކުޅުންތެރިން ރަނގަޅަށް ނުވިސްނާ ހުއްޓައި، ހިލޭ ޖެހުމެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ރޯމާގެ އިޓަލީ ފޯވަޑް އަންދްރޭ ބެލޮއްޓީ ފޮނުވާލި އެ ހަމަލާ، ސެވިއްޔާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
އިތުރު ވަގުތުގެ ދެ ހާފުގެ ތެރޭގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. އެހެންކަމުން އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާ ނެރެވިފައި ނުވުމުން، ދެން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓުން ނަތީޖާ ނެރޭށެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ރޯމާގެ މަންޗިނީ އާއި އިބަނޭޒް ފޮނުވާލި ޕެނަލްޓީ ސެވިއްޔާގެ ކީޕަރު މަތަކޮށްފައިވާ އިރު، ރޯމާއަށް ކާމިޔާބުކުރެވިފައިވަނީ ހަމައެކަނި ބްރަޔަން ކްރިސްޓަންޓޭ ފޮނުވާލި ޕެނަލްޓީއެވެ. ސެވިއްޔާގެ ހަތަރު ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް އޮކަމްޕޯސް އާއި އެރިކް ލަމޭލާ އާއި ރަކިޓިޗް އަދި ގޮންޒާލޯ މޮންޓިއާލްއެވެ.