ސޫދާނުގައި ހިނގާ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން މިލިއަނަކަށްވުރެ ގިނަ މީހުން ހާލުގައި ޖެހެނީ

ހަނގުރާމައިގެ ސަބަބުން ސޫދާނުގައި ހާލުގައިޖެހިފައިވާ އާންމު ރައްޔިތުން ---

ޚުރުތޫމް (31 މެއި 2023): ސޫދާނުގެ ސިފައިންނާއި ސިފައިންގެ ލަޝްކަރުތަކަށް އެހީތެރިވުމުގެ ގޮތުން އުފައްދާފައިވާ ބާރުކަމަށްވާ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް)ގެ ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގާ މިލިއަނަކަށްވުރެ ގިނަ މީހުން ހާލުގައި ޖެހި ރެފިއުޖީންނަށް ވާން ގާތްވެފައިވާ ކަމަށް އދ. އިން ބުނެފިއެވެ.

ރެފިއުޖީންނާ ބެހޭ އދ. ގެ އިދާރާ (ޔޫއެންއެޗްސީއާރް)އިން ބުނީ ސިފައިންނާއި "އާރްއެސްއެފް" ގެ ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ ހަނގުރާމަ އަވަސްގޮތަކަށް ނުހުއްޓުވިއްޖެނަމަ މި އަހަރުގެ އޮކްޓޫބަރު މަސް އައުމުގެ ކުރިން ސޫދާނުގެ މިލިއަނެއްހާ ރައްޔިތުން ހާލުގައި ޖެހި ރެފިއުޖީންނަށް ވާނެ ކަމުގައެވެ.

މިހާރު ވެސް ހަތަރު ލައްކައަށްވުރެ ގިނަ މީހުންވަނީ އަމިއްލަ ގެދޮރު ހަލާކުވުމުގެ ސަބަބުން ހާލުގައިޖެހި ރެފިއުޖީންނަށް ވެފައެވެ. މީގެ ތެރެއިން ތިން ލައްކައަށްވުރެ ގިނަ ރެފިއުޖީން ސަރަހައްދީ ރޮނގު ހުރަސްކޮށް އަވަށްޓެރި ޗާޑް އަށް ހިޖުރަކޮށްފައިވާއިރު އަނެއްބައި މީހުން ރެފިއުޖީންގެ ގޮތުގައި ދިރިއުޅެނީ ސޫދާނުގެ އެތެރޭގެ ސަރަހައްދުތަކުގައެވެ. ހަނގުރާމައިގެ އަސަރު ނެތް ސަރަހައްދުތަކުގައެވެ.

ސޫދާނުގެ ސިފައިންނާއި "އާރްއެސްއެފް"ގެ ހަނގުރާމަވެރިންނާ ދެމެދު އަސްކަރީ ކުރިމަތިލުންތައް ފެށުނީ ވެރިކަމުގެ ކޯޅުމެއްގެ ތެރެއިން މިދިޔަ އެޕްރިލް މަހުގެ 15ވަނަ ދުވަހުއެވެ. ވެރިކަމުގެ ކޯޅުން ފެށުނީ ސޫދާނު ސިފައިންނާއި "އާރްއެސްއެފް" ގުޅިގެން ކުރަމުންގެންދިޔަ އިންތިގާލީ ވެރިކަމުގެ އިންތިގާލީ މުއްދަތު ހަމަވުމާ އެކު ވެރިކަން ރައްޔިތުން އިންތިޚާބުކުރާ މަދަނީ ސަރުކާރަކާ ހަވާލުކުރަން ޖެހުމުންނެވެ.

ސޫދާނު ސިފައިންނާއި "އާރްއެސްއެފް"އާ ދެމެދު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކުގައި މިހާތަނަށް އާންމުންގެ 800 އަށްވުރެ ގިނަ މީހުން މަރުވެ 5،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު ސިފައިންނާއި "އާރްއެސްއެފް"ގެ ހަނގުރާމަވެރިން މަރުވި އަދަދު ސާފެއް ނުވެއެވެ.

ސޫދާނުގެ އަސްކަރީ ދެ ބާރުގެ މެދުގައި ހިނގަމުންދާ ކުރިމަތިލުންތައް މިހާރު ވަނީ ދާޚިލީ ހަނގުރާމައެއްގެ ސިފައަށް ބަދަލުވާން ފަށައިފައެވެ. މި ކުރިމަތިލުންތައް ހިނގަނީ މައިގަނޑު ގޮތެއްގައި ވެރިރަށް ޚުރުތޫމުގައި ކަމަށްވިޔަސް މިކަމުގެ ނޭދެވޭ އަސަރު ސޫދާނުގެ ހުރިހާ ކަންކޮޅުތަކަކަށް ވެސް ދަނީ ފޯރަމުންނެވެ.

ސޫދާނުގެ އާބާދީއަކީ ގާތްގަނޑަކަށް 49 މިލިއަން މީހުންނެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 30 އިންސައްތައަކީ ދާޚިލީ ހަނގުރާމައިގެ ކުރިން ވެސް ފަގީރުންނެވެ. އަދި، ސޫދާނުގެ އާބާދީގައި ހިމެނޭ ގާތްގަނޑަކަށް ތިން އިންސައްތަ މީހުންނަކީ ހަނގުރާމައިގެ ކުރިން ވެސް ހައިހޫނުކަން ތަހައްމަލްކުރާ ހާލަތުގައި އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމުން ދޭ ކާބޯތަކެތީގެ އެހީގައި ބަނޑުފުރާ މުއްތިކޮށްގެން އުޅޭ މުތުލަގު ފަގީރުންނެވެ.

ސޫދާނުގައި ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން އަންނަ އޮކްޓޯބަރުގެ ނިޔަލަށް އެ ގައުމުގައި މިލިއަނެއްހާ އިތުރު މީހުން ހާލުގައިޖެހި ވޯލްޑް ފުޑް ޕްރޮގްރާމުން ދޭ ކާބޯތަކެތީގެ އެހީގައި ނޫނީ ބަނޑުފުރާނަ މުއްތި ނުކުރެވޭ ހާލަތަށް އެ މީހުން ދާނެ ކަމަށް ރެފިއުޖީންނާ ބެހޭ އދ. ގެ އިދާރާއިން އަންދާޒާ ކުރެއެވެ.

އެހެންކަމުން ކުރިން ހާލުގައި ޖެހިފައިވާ މީހުންނާއި ހަނގުރާމައިގެ ސަބަބުން މިހާރު ހާލުގައި ޖެހިފައިވާ މީހުން ހިމެނޭ ގޮތަށް މި އެންމެންނަށް ކުރިއަށް އޮތް ހަ މަހަށް ބޭނުންވާ ކާބޯތަކެތި ހޯދުމަށް މަދުވެގެން 470 މިލިއަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ސޫދާނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ނޭދެވޭ އަސަރު ސޫދާނުގެ އަވަށްޓެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެކުނު ސޫދާނު، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، އިތިއޮޕިޔާ، ޗާޑް އަދި ލީބިޔާއާއި މިސްރަށް ވެސް ކުރަމުންދާ ކަމަށް އދ. ގެ ކަމާ ބެހޭ އިދާރާތަކުން ބުނެއެވެ.

ސޫދާނުގެ ސިފައިންނާއި "އާރްއެސްއެފް"ގެ ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށްޓަކައި ސައޫދީ އާއި އެމެރިކާ އިސްނަގައިގެން އެ ދެ ފަރާތުގެ މަންދޫބުންނާ އެކު ޖިއްދާގައި ސުލްހައިގެ މަޝްވަރާތަކެއް ކުރިއަށް ގެންދާތާ އެތައް ދުވަހެއް ވެއްޖެއެވެ. މި މަޝްވަރާތަކުން މިހާތަނަށް އެދެވޭ ނަތީޖާއެއް ހާސިލުކުރެވިފައެއް ނުވެއެވެ.

ނަމަަވެސް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ވަނީ އެ ދެ ފަރާތުން ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމާ އެއްގޮތަށް ބައެއް ފަހަރު ހަމަލާތައް މެދުކަނޑާލި ނަމަވެސް ދޭތެރެއަކުން އަނެއްކާ ވެސް ހަމަލާތައް ބަދަލުކުރަން ފަށައެވެ.

ސޫދާނުގައި ހިނގަމުންދާ މި އަސްކަރީ ކުރިމަތިލުންތައް ދިގުލައިގެން ހިނގައިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް