ސޫދާނަށް ބަނޑުހައިހޫނުކަމުގެ ކާރިސާއެއް ކުރިމަތިވެދާނެކަމުގެ ބިރު ހީވެއްޖެ

ސުދާންގައި ހިންގާ ދާހިލީ ހަމަނުޖެހުތަކުގެ ސަބަބުން އެ ގައުމަށް ބަނޑުހައިހޫނުކަމާ ކުރިމަތިލާންޖެހިދާނެ ކަމަށް އެހީދޭ ޖަމުއިއްޔާތަކުން ބުނޭ. ފޮޓޯ/ސްކައި ނިއުސް

ސޫދާންނުގެ ދާހިލީ ހަނގުރާމައިގައި، ސަލާމަތީ ބާރުތަކާއި ހަތިޔާރު އެޅި އާންމުންގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުތަކުގެ ސަބަބުން ބަނޑުހައިހޫނުކަން ތަހައްމަލުކުރަމުންދާ އެ ގައުމުގެ އާންމުންނަށް ކާބޯތަކެތި ފޯރުކޮށްދިނުން އެހީދޭ ޖަމުއިއްޔާތަކަށް އުދަނގޫވެ، އެ ގައުމަށް ބަނޑުހައިހޫނުކަމުގެ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް އެ ޖަމުއިއްޔާތަކުން ބުނެފިއެވެ.

ސޫދާންގެ ދާހިލީ ހަމަނުޖެހުންތައް ފެށުނީ 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ. ހަމަނުޖެހުންތަކާ ގުޅިގެން 8.3 މިލިޔަން މީހުން ވަނީ ގެދޮރު ނެތިފައެވެ. އަދި އިންސާނީ އެހީއަށް ޖެހިފައިވާ 25 މިލިއަން މީހުން އެ ގައުމުގައި އެބަތިއްބެވެ.

ހަމަނުޖެހުންތަކުގެ ސަބަބުން މިއަހަރުގެ ރަމަޟާން މަހު ސޫދާނުގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. ރަމަޟާން މަހު ކާނެ ކާއެއްޗެއް ނުލިބި ސާފުބޯފެން ލިބުންވެސް ވަނީ ދަތިވެފައެވެ.

"މިދިޔަ 11 މަސް ދުވަހުގެ ތެރޭގައި ކުރިމަތިވި އެކި ހުރަސްތަކުގެ ސަބަބުން އަޅުގަނޑުމެން މިތިބީ ބަނޑުހައިހޫނުކަމުގެ ފުރުސަތު އޮތް ހާލަތެއްގައި. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަނޑުހައިހޫނުކަމުގެ ކާރިސާއެއް އަޅުގަނޑުމެންނާ ކުރިމަތިވެދާނެ." ސޫދާނުގައި ހުންނަ ބައިނަލްއަގުވާމީ ޖަމުއިއްޔާތަކުގެ ކޯޑިނޭޓަރު އެންތޮނީ ނީލް ވިދާޅުވިއެވެ.

މުޅި ސޫދާނަށް ބަލާއިރު، 17.7 މިލިއަން މީހުންނަކީ ކާނެއެއްޗެއް ނުލިބިތިބި މީހުން ކަމަށް އައިޕީސީގެ އެކިއުޓް ފުޑް އިންސެކިއުރިޓީ ކްލަސިފިކޭޝަން އިން ދައްކައެވެ. އޭގެ ތެރެއިން ފަސް މިލިއަނާ ގާތްކުރާ އަދަދެއްގެ މީހުންނަކީ މިހާރުން މިހާރަށް ކާނާއާއި ބޯފެން ބޭނުންވާ މީހުންނެވެ. އަދި އެ މީހުން ތިބީ ހަނގުރާމައިގެ ސަބަބުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ދަތިވެފައި ސަރަހައްދުތަކުގައި ކަމަށް ދުނިޔޭގެ ކާނާއާބެހޭ ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ހާމަކުރެއެވެ.

އެ ސަރަހައްދުތަކަށް އެހީ ފޯރުކޮށްދިނުމަށް އިމަޖެންސީ ރެސްޕޮންސް ރޫމް (އީއާރުއާރު) ގެ ވޮލަންޓިއަރުން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

ސޫދާންގެ ޚަރްތޫމްގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އީއާރު ވޮލަންޓިއަރުން ދަނީ ހަނގުރާމައިގެ ހާލަތުގައިވެސް ބާޒާރަށް ގޮސް 170 އާއިލާއަކަށް ކާންދިނުމަށް ކާބޯތަކެތި ގަތުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ބާޒާރުގައި ތިބޭ ވިޔަފާރިވެރިން ބަލައިގަންނަނީ ހަމައެކަނި ނަގުދު ފައިސާ ކަމުން ތަކެތި ގަތުން ދަތިވެފައިވާ ކަމަށް އީއާރުއާރު އިން ބުނެއެވެ.

މި މަހުގެ ކުރީކޮޅު ޚަރްތޫމް ސްޓޭޓް އިމަޖެންސީ ރޫމުން ވަނީ މުވާސަލާތީ ހިދުމަތްތައް މެދުކެނޑުމުގެ ސަބަބުން އެ ސްޓޭޓްގައި ހުރި ގިނަ ބަޔަކަށް ކާނާ ތައްޔާރުކުރާ 300 ބަދިގޭގެ ތެރެއިން 221 ބަދިގޭގެ މަސައްކަތް މެދުކަނޑާލާފައިވާކަންވެސް ކަށަވަރުކޮށްދީފައެވެ. ބަދިގެތަކުގެ ހިދުމަތް މެދުކަނޑައިލައިފައި ވަނީ ރަމަޟާން މަސް ފެށެން ކައިރިވެފައިވަނިކޮށެވެ. ރަމަޟާން މަސް މިހާރު ފެށިފައިވާއިރު، އާންމުން ރޯދަ ވީއްލާނެ ގޮތެއްވެސް ހޯދައިދެވެން ނެތް ކަމަށް އީއާރްއާރްގެ ވޮލަންޓިއަރުން ބުނެއެވެ.

ސޫދާންގައި ހަމަނުޖެހުން ހިންގަމުން ދަނީ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް)އާއި އެ ގައުމުގެ އަސްކަރިއްޔާގެ ސިފައިންނާ ދެމެދެވެ. އެ ހަމަނުޖެހުންތަކުގެ ދެ ފަރާތުގައި ތިބީ އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް ޢަބްދުލްފައްތާޙް އަލް-ބުރްހާނާއި އާރްއެސްއެފްގެ އިސްވެރިޔާ ޖެނެރަލް މުޙައްމަދު ހަމްދާން ދަގަލޯއެވެ. ހަމަނުޖެހުންތައް ފެށުނީ, އާރްއެސްއެފްގެ ސިފައިން ވެރިރަށް ޚަރްތޫމަށް އަރައި, އެ ރަށް ހިފަން މަސައްކަތް ފެށުމުންނެވެ. ޚަރްތޫމްގެ ބައެއް ސަރަހައްދުތައް މިހާރު އޮތީ އާރްއެސްއެފްގެ އަތްދަށުގައެވެ.

ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ސޫދާނުގައި ހިންގަމުންދާ ދާހިލީ ހަމަނުޖެހުންތައް މެދުކަނޑައިލަން އދގެ ސަލާމަތީ މަޖިލީހުންވެސް ވަނީ ގޮވައިލައިފައެވެ.

އދ ން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި, ސޫދާންގައި ހިންގާ ހަމަނުޖެހުންތަކުގައި މަރުވެފައިވާ މީހުންގެ އަދަދު ވަނީ 13,000އަށް އުފުލިފައެވެ. އަދި, ޒަހަމުވެފައިވާ މީހުންގެ އަދަދު ވަނީ 26,000އަށް އުފުލިފައެވެ.

comment ކޮމެންޓް