ސޫދާނުގައި ކޮލެރާ ފެތުރި 22 މީހުން މަރުވެއްޖެ

ސޫދާންގައި ކޮލެރާ ޖެހިފައިވާ މީހުން އެކަހެރިކޮށް ބައިތިއްބާފައިތިބި ސެންޓަރުގައި އެމީހުންނަށް ފަރުވާ ދެނީ. ފޮޓޯ/އަލް ޖަޒީރާ

ސޫދާނުގައި ކޮލެރާ ފެތުރި 22 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ސިއްޚީ އިދާރާތަކުން ބުނެފިއެވެ.

ސޫދާނުގެ ސިއްޚަތާބެހޭ ވަޒީރު ހައިތަމް މުހައްމަދު އިބްރާހިމް އާދީއްތަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ބަލީގައި މަދުވެގެން 22 މީހަކު މަރުވެފައިވާ ކަމަށާއި، ފާއިތުވި ހަފްތާތަކުގައި އެ ގައުމުން ކޮލެރާގެ 354 ކޭސް ފެނިފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހު އޭނާ ވަނީ ސޫދާނުގައި ކޮލެރާ ފެތުރެމުން އަންނަކަން ވެސް އިއުލާން ކުރައްވައިފައެވެ. އަދި ބަލި ފެތުރެނީ މޫސުމަށް ބަދަލު އައިސްފައިވުމާއި، ބޯފެން ތަޣައްޔަރުވެފައިވާތީ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ އޮފިޝަލު، މާގްރެޓް ހެރިސްއާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސޫދާނުން މިހާތަނަށް 11،327 ކޮލެރާ ކޭސް ފެނިފައިވާއިރު 316 މީހުން ވަނީ އެ ބަލީގައި މަރުވެފައެވެ. އަދި މިހާރު ރިޕޯޓުކޮށްފައިވާ ވަރަށްވުރެ އެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ހެރިސް ވިދާޅުވިއެވެ.

ކޮލެރާ އަކީ ވަރަށް އަވަހަށް ފެތުރޭ ބައްޔެކެވެ. އެ ބަލި ޖެހުމުން ވަރަށް ބޮޑަށް ބޭރަށް ހިންގައެވެ. އޭގެ ސަބަބުން ހަށިގަނޑުން ފެން މަދުވެ، އަވަހަށް ފަރުވާ ނުދެއްވިއްޖެނަމަ، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުރާނައަށް ނުރައްކާވެއެވެ. ބަލި ޖެހެނީ ތަޣައްޔަރުވެފައިވާ ކާނާ ނުވަތަ ފެނުގެ ސަބަބުންނެވެ. ކޮލެރާގެ ނުރައްކާ އެންމެ ބޮޑޫ ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށެވެ.

ސޫދާނުގައި މީގެ ކުރިން ވެސް ވަނީ ކޮލެރާގެ ބަލިމަޑުކަން ފެތުރިފައެވެ. ދެހާސް ސަތާރަ ވަނަ އަހަރު ކޮލެރާގެ ބަލިމަޑުކަން ފެތުރި އެންމެ ތިން މަސް ދުވަހުގެ ތެރޭގައި 700 މީހުން މަރުވެ، 22،000 މީހުންނަށް އެ ބަލި ޖެހިފައިވެއެވެ.

ފާއިތުވި ހަފްތާތަކުގައި ސޫދާނަށް ކުރިމަތިވި، ފެންބޮޑުވުމުގެ ހާދިސާއަކީވެސް ކޮލެރާ އިތުރަށް ފެތުރުމަށް މެދުވެރިވި ސަބަބެކެވެ. ފެންބޮޑުވުމުގެ ހާދިސާގައި ސޫދާނުގެ 18 ޕްރޮވިންސްގެ ތެރެއިން 12 ޕްރޮވިންސަކުން އެތައް ބަޔަކު މަރުވެ،އިމާރާތްތައް ވަނީ ސުންނާފަތިވެފައެވެ.

އެ ހާދިސާއާ ގުޅިގެން ސޫދާނުގެ ގާތްގަނޑަކަށް 118،000 މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އދ.ގެ މައިގްރޭޝަން އެޖެންސީން ބުނެއެވެ.

comment ކޮމެންޓް