ކުރިމަގާ މެދު ނިންމާފައިވާ ނިންމުން ރޯމާގެ ކުޅުންތެރިންނަށް ވާނީ އަންގާފައި: މޮރީނިއޯ

ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ -- ފޮޓޯ/ ގެޓީ

ކުރިމަގާ މެދު ނިންމާފައިވާ ނިންމުން ރޯމާގެ ކުޅުންތެރިންނަށް އަންގާފައިވާ ކަމަށް އެ ކުލަބުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ޗެލްސީ, ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ޔުނައިޓެޑަށް ކާމިޔާބީތަކެއް ހޯދައިދީފައިވާ މޮރީނިއޯ މި ވަގުތު ދަނީ ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލުގައި ސެވިއްޔާއާ ދެކޮޅަށް ނުކުތުމަށް ތައްޔާރުވަމުންނެވެ. މިދިޔަ ސީޒަނުގައި ވެސް ރޯމާއާ އެކު މޮރީނިއޯ ވަނީ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ފައިނަލަށް ނުކުމެ، އެ މުބާރާތް ކާމިޔާބުކޮށްފައެވެ.

ކްރިސްޓޮފާ ގަލްޓިއޭގެ ބަދަލުގައި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ކޯޗުކަމުގެ މަގާމަށް މޮރީނިއޯ ހަމަޖެއްސުމަށް މަޝްވަރާތަކެއް ފަށާފައިވާ ކަމަށް ދާދި ފަހުން ރިޕޯޓުތައް ވަނީ ބުނެފައެވެ.

ނަމަވެސް އުމުރުން 60 އަހަރުގެ ކޯޗު މޮރީނިއޯ ވަނީ އެއްވެސް ކުލަބަކާ ވާހަކަދައްކަމުން ނުދާ ކަމަށް ބުނެފައެވެ.

"އަހަރެން އެއްވެސް ކުލަބަކާ ވާހަކަދައްކާފައެއް ނުވާނެ، އެއްވެސް މަޝްވަރާއެއް ނެތް. އަހަރެންގެ ނިންމުން ޓީމަށް ވާނީ އަންގާފައި. އެކަމަކު އެއީ އަހަރެންނާއި ޓީމާ ދެމެދު އޮތް ވާހަކައެއް. އެ މީހުންނަށް އެނގޭނެ އަހަރެންގެ ނިންމުން،" މޮރީނިއޯ ބުންޏެވެ.

ރޯމާއާ އެކު މޮރީނިއޯ ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އެއް އަހަރުގެ މުއްދަތެއް އެބައޮތެވެ. މޮރީނިއޯއަށް ކުލަބުތަކަކުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، ރޯމާގައި އޭނާ މަޑުކުރުވުމަށް ވާހަކަދެއްކުމަށް ތައްޔާރަށް ހުރި ކަމަށް އެ ކުލަބުގެ ލެޖެންޑް ފްރެންޗެސްކޯ ޓޮޓީ ވަނީ ބުނެފައެވެ.

ހަންގޭރީގެ ޕުސްކަސް އެރީނާގައި ކުޅުމަށް ހަމަޖެހިފައިވާ ޔޫރޮޕާ ލީގުގެ ފައިނަލުގައި ސެވިއްޔާއާ ދެކޮޅަށް ރޯމާ ނުކުންނާނީ މިރޭ 12:00 ގައެވެ.

comment ކޮމެންޓް