މާލެ-ހުޅުމާލެ ލިންކުގައި ސޯލާ ޕެނަލްތައް ހަރުކުރަން ފަށައިފި

މާލެ-ހުޅުމާލެ ލިންކުގެ ހަތަރު ލޭނަށް ބަދަލުވާ ދިމާލުގައި އޮންނަ ހުސް ބިމުގައި ހުރި ދަގަނޑު ސްޓްރަކްޗާތަކުގައި ސޯލާ ޕެނަލް ހަރުކޮށްފައި --- ފޮޓޯ/އެންވަޔަރަމަންޓް މިނިސްޓްރީ

ސިނަމާލެ ބްރިޖާއި ގުޅޭ ހައިވޭގެ ދެފަރާތާއި ހަތަރު ލޭނަށް ބަދަލުވާ ސަރަހައްދުގެ މެދުގައި ހުހަށް އޮންނަ ބައިގައި ޖަހައި ނިމިފައި ހުރި ދަގަނޑު ސްޓްރަކްޗާތަކުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މާލެ-ހުޅުމާލެ ލިންކުގައި އަވިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމުކުރުމަކީ ވޯލްޑް ބޭންކްގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާރޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތެކެވެ. މިއީ ކަރަންޓު އުފައްދަން ބޭނުންކުރާ ތެލަށް ދަޢުލަތުން ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ އިމްޕްލިމެންޓޭޝަން އެގްރީމެންޓްތަކުގައި އެންވަޔަރަމަންޓް މިނިސްޓްރީ އާއި ތައިލެންޑްގެ އެންސިސް ކުންފުންޏާއެކު ސޮއިކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އަދި މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 7 ވަނަ ދުވަހެވެ.

މާލެ-ހުޅުމާލެ ލިންކުގައި ހަރުކޮށްފައި ހުރި ސްޓްރަކްޗާތަކުގައި ސޯލާ ޕެނަލް ހަރުކުރުމުގެ ތެރެއިން--- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ

ސޯލާ ޕެނަލްތައް ހަރުކުރަން ފެށުމާ ގުޅިގެން އެސްޕަޔާ ޕްރޮޖެކްޓްގެ ކޮމިއުނިކޭޝަންސް ސްޕެޝަލިސްޓް އިފާދު ވަހީދު "ސަން"އަށް ވިދާޅުވީ ނިމިފައި ހުރި ސްޓްރަކްޗާތަކުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ފެށީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.

އިފާދު ވިދާޅުވީ މަސައްކަތް ކުރިޔަށްދާ ގޮތަށް ބަލައިއިރު، ޖުލައި މަސް ނިމުމުގެ ކުރިން ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ނިމި، ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި، މިހާރު ވެސް ބޮޑު ބައެއް ނިމިފައިވާ، ދަގަނޑު ސްޓްރަކްޗާތައް ހަރުކޮށް ނިމޭނެ ކަމަށެވެ.

ކުރިން މި މަޝްރޫއު ނިމޭނެ ކަމަށް އަންދާޒާ ކުރީ ޖޫން މަހުގެ ނިޔަލަށެވެ.

https://sun.mv/176641

އެސްޕަޔާ ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގެ ގާއިމުކުރާ ނިޒާމުން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓު ޔުނިޓުން އެކަނި ވެސް ދައުލަތުން ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާގެ އަދަދެއް ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް