ހައިވޭގައި ހަރުކުރާ ސޯލާ ޕެނަލްތައް ޖޫންގެ ނިޔަލަށް ނިންމަނީ

ހައިވޭގައި އޮންނަ ހުސް ސަރަހައްދުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރަނީ -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

ވޯލްޑް ބޭންކްގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާރޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ލިންކް ރޯޑްގައި ހަރުކުރާ ސޯލާ ޕެނަލްތަކުގެ މަސައްކަތް މި އަހަރުގެ ޖޫން ހިސާބުގައި ނިންމައިލެވޭނެކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

މި ޕްރޮޖެކްޓުގެ ދަށުން ފަސް މެގަވޯޓުގެ ކަރަންޓު އުފެއްދޭ ކެޕޭސިޓީގެ ސޯލާ ޕީވީ ލިންކްރޯޑުގައި ހަރުކުރާނެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިހާރު ސޯލާ ޕީވީ ޖެހުމަށް ލިންކް ރޯޑްގެ މެދުގައި ހުސްކޮށް އޮންނަ ސަރަހައްދުގެ އިތުރުން އިރުމަތީ ފަރާތު މޫދާވީ ފަޅިގައި ގަލްވަނައިޒްޑް ސްޓީލް ކެނޮޕީ ސްޓްރަކްޗާތަކެއް ގާއިމުކޮށްފައިވާ ކަމަށެވެ.

މި ސްޓަރަކްޗާގެ މަތީގައި ސޯލާ ޕީވީ މޮޑިއުލްތައް ހަރުކޮށް ނިންމައި، ސޯލާގެ ނިޒާމުގެ ނެޓްވޯކް ގާއިމުކޮށް ސްޓެކްލޯގެ ނެޓްވޯކާ ގުޅައިލައި، ޖޫން މަސް ނިމުމުގެ ކުރިން ކަރަންޓު އުފައްދަން ފެށޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭ ހައުސިންގް ޔުނިޓްތަކުގެ ފުރާޅުގައި ގާއިމްކުރާ ސޯލާ ޕީވީ ނިޒާމުގެ އަމަލީ މަސައްކަތް ނިމި މިހާރު އެ ޕެނަލްތަކުން ކަރަންޓު އުފައްދަމުން އަންނަކަމަށް ވެސް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ހައުސިން ޔުނިޓުތަކުގެ ފުރާޅުގައި ގާއިމްކޮށްފައިވަނީ 400 ކިލޯވޯޓުގެ ސޯލާ ޕީވީއެވެ. މުޅި ޕްރޮޖެކްޓުގެ ދަށުން ޖުމްލަ 5.6 މެގަވޯޓުގެ ކަރަންޓު އުފެއްދޭ މިންވަރަށް ސޯލާ ޕީވީ ހަރުކުރާނެއެވެ.

ލިންކް ރޯޑުގައި މި މަސައްކަތް ކުރަނީ އެންސިސް ކޯ ލިމިޓެޑު ކުންފުނިންނެވެ.

މި ޕެނަލްތަކުން އަހަރަކަށް 7.3 މެގަވޯޓު ކަރަންޓު އުފައްދާނެއެވެ. އޭގެ ސަބަބުން އަހަރަކު 15 އާއި 20 މިލިއަން ރުފިޔާއާ ދެމެދުގެ ޚަރަދެއް ތެލަށް ކުރާ ހޭދައިން ސަލާމަތްކުރެވޭނެ ކަމަށް މިނިސްޓްރީން ލަފާކުރެއެވެ.

އެސްޕަޔާގެ ދެވަނަ ފިޔަވަހީގެ ދަށުން އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ހުޅުވައިލިއިރު ހުޅުލެއާއި ހުޅުމާލޭގައި އިރުގެ އަލިން 5.6 މެގަވޮޓްގެ ހަކަތަ އުފައްދާ ނިޒާމެއް ގާއިމްކުރުމަށް 21 ކުންފުންޏަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އޭގެ ތެރެއިން އެންމެ ކުޑަ އަގު ހުށަހަޅައިގެން ބިޑު ކާމިޔާބުކުރީ މިހާރު ވެސް އެ މަސައްކަތްކުރާ ކުންފުންޏެވެ.

މިއީ މިހާތަނަށް ރާއްޖޭގައި އެއް ކޮންޓްރެކްޓެއްގެ ދަށުން އެންމެ ގިނަ ސޯލާ ޕެނަލް ހަރުކުރާ ޕްރޮޖެކްޓެވެ. ސަރުކާރުން ބުނި ގޮތުގައި މި މަޝްރޫއު އެއްކޮށް ނިމުމުން ދައުލަތުން ތެލަށް ކުރާ ޚަރަދު ވަރަށް ބޮޑަށް ކުޑަވާނެއެވެ.

comment ކޮމެންޓް