މަޖުބޫރު މާއްދާތަކުން ފާސްވާވަރު ކުރިއަށްވުރެ އިތުރުވެއްޖެ: އެޑިއުކޭޝަން މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ --- ފޮޓޯ/ މަޖިލިސް

ދެހާސް ވިހިވަނަ އަހަރު، މި ސަރުކާރުން، ސާނަވީ އުމުރުފުރާގެ ދަރިވަރުންނަށް ފަސް މާއްދާ ކިޔެވުމަށް މަޖުބޫރުކުރި ފަހުން، ހަގީގީ މާނައިގައި މަޖުބޫރު މާއްދާތަކުން ފާސްވާ މިންވަރު އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ފާއިތުވި އަހަރު ސާނަވީ އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން 50 ޕަސެންޓަށްވުރެ ގިނަ ދަރިވަރުންނަކީ ފަސް މާއްދާއިން ފާސްނުވާ ދަރިވަރުން ކަމަށް އަދަދުތަކުން ދައްކާތީ، އެ ކަމުގެ ފާޑުކިޔުން އެޑިއުކޭޝަން މިނިސްޓްރީއަށް ވަނީ އަމާޒުވެފައެވެ.

އެ ކަމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ، މީގެ ކުރިން ނަތީޖާ މަތިކަމަށް ދައްކަނީ 2019ވަނަ އަހަރުގެ ކުރިން ހަމައެކަނި ތަފާސްހިސާބު ރަނގަޅު ކުރުމަށްޓަކައި ބައެއް ކުދިން ބާކީކުރާތީ ކަމަށެވެ.

އެގޮތުން ބީޓެކް އަދި ދަސްވާރު ކިޔަވާ ކުދީންގެ ވާހަކަ މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންގެ ތަފާސްހިސާބުތައް 2019 ގެ ކުރިން ތައްޔާރުކުރަމުން ދިޔައީ ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދު ކަނޑައަޅާއިރު, ދަސްވާރަކީ ތިން މާއްދާގެ ފާސް ކަމަށާއި ބީޓެކަކީ ހަތަރު މާއްދާގެ ފާސް ކަމަށް ބަލައިގެންނެވެ.

ހަމައެއާ އެކު، ދަސްވާރު ހަދާ ކުދިންނަށް އޯލެވެލް އާއި އެސްސީސީގެ މާއްދާތަކުގެ ތެރެއިން، އެ ކުއްޖަކު އިހުތިޔާރުކުރާ ދެ މާއްދާ ފިޔަވައި އެހެން ހުރިހާ މާއްދާތަކެއް ދޫކޮށްލެވެއެވެ. އޭގެ އިތުރުން، ބީޓެކް ހަދާ ކުދިންނަށް އޯލެވެލް އާއި އެސްސީސީގެ މާއްދާތަކުގެ ތެރެއިން، އެ ކުއްޖަކު އިހުތިޔާރުކުރާ އެއް މާއްދާ ފިޔަވައި އެހެން ހުރިހާ މާއްދާތަކެއް ދޫކޮށްލެވެއެވެ.

"މީގެ ކުރިން ސްޓެޓްސް ހަދަނީ އޮފް ރޯލް ކޮށްގެން. އެއީ ދަށްވާނެހެން ހީވާ ކުދިންގެ ނަތީޖާ ނުހިމަނާ ސްޓެސްޓް ހަދަނީ. އެހެންވެ ފެންނަނީ އެންމެ ރަނގަޅު ރެޕްރެސެންޓޭޝަންއެއް ނޫން. އެކަމާ ގުޅިގެން މުޅު އެތީގެ މަންޒަރު ފެންނާނެހެން 2019ގެ ފަހުކޮޅު ބަދަލުތަކެއް އަޅުގަނޑުމެން ގެނައިން،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، 2020ވަނަ އަހަރު ފަސް މާއްދާ ހެދުން މަޖުބޫރު ކުރީ މި ސަރުކާރުންނެވެ.

އޭގެ ފަހުން އެއްވެސް ކުއްޖެއްގެ ނަތީޖާ ބާކީ ނުވާނެހެން ތަފާސްހިސާބު ހަދާތީ، އެހެން އަހަރުތަކާ އަޅާބަލާއިރު ނަތީޖާ ދަަށް ކަމަށް ފެންނަނީ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ޖުމުލަކޮށް މަޖުބޫރު ފަސް މާއްދާއިން ފާސްވާ އަދަދު އިތުރުވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި، ދަރިވަރުންނަށް އެހީއެއްގެ ގޮތުން މިނިސްޓްރީން ޕްރޮގްރާމުތަކެއް ހިންގަމުން އައި ކަމަށާއި މިހާރު އެ ޕްރޮގްރާމުތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަކިވަކި މާއްދާތަކުގެ ވާހަކަ ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އިނގިރޭސި، ހިސާބު އަދި ދިވެހީން ވެސް ދަރިވަރުން ފާސްވާ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ.

އެގޮތުން އިސްލާމާއި ދިވެހިން 75 އިންސައްތަ ދަރިވަރުން ފާސްވިއިރު، ހިސާބުން 62 އިންސައްތަ ދަރިވަރުން ފާސްވިއެވެ. އަދި، އިނގިރޭސިން 75 އިންސައްތަ ދަރިވަރުން ފާސްވެފައިވާއިރު ބިޒްނަސް ސްޓްރީގެ މާއްދާތަކުން ފުރަތަމަ ފަހަރަށް 75 އިންސައްތައަށް ވުރެ ގިނަ ދަރިވަރުން ފާސްވިއެވެ. މީގެ ކުރިން މި އަދަދު އުޅެނީ 60 އިންސައްތައިގައެވެ.

މީގެ އިތުރުން އާޓްސް އަދި ސައިންސް ސްޓްރީމްގެ މާއްދާތަކުން 80 އިންސައްތަ ދަރިވަރުން ވަނީ ފާސްވެފައެވެ.

ނިމިދިޔަ އަހަރު ފާހަގަކޮށްލެވެނީ ސާނަވީ އާއި މަތީ ސާނަވީގެ ގަދަ ދިހައެއްގައި ވެސް އެހެން އަހަރުތަކާ އަޅާބަލާއިރު ގިނަ ދަރިވަރުންތަކެއް ހިމެނުނު އަހަރަކަށެވެ.

comment ކޮމެންޓް