މަސައްކަތްތެރިންނާ ގުޅުންހުރި ބިލްތައް އަވަހަށް ފާސްވުން މުހިންމު: ފައްޔާޒު

އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާިއލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސައްކަތްތެރިންނާ ގުޅުންހުރި ދެ ބިލު ކަމަށްވާ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލާއި އޮކިއުޕޭޝަނަލް ސޭފްޓީ ބިލު އަވަހަށް ފާސްވެ, އެއަށް އަމަލުކުރުން މުހިންމު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒުު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓެގު ކުރައްވައި ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދެ ބިލު ފާސްވުމަކީ މަސައްކަތްތެރިންނަށް ހައްގުތައް ހިމާޔަތްކުރުމަށް މުހިންމު ކަމެއް ކަމަށެވެ. އަދި، އިގްތިސާދީ ގޮތުން މުހިންމު ދެ ބިލު ކަމަށެވެ.

ފައްޔާޒު ވިދާޅުވީ "އެއީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް" ކަމަށެވެ. އަދި، މަޖިލީހަށް ހުށަހެޅޭ ގަރާރުތަކެކޭ އެއްފަދައިން އެ ދެ ބިލަށް ބަހުސްކުރުން އެޖެންޑާކޮށް, ފާސްކުރުން ވެސް ކޮންމެހެން މުހިންމު ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު މަޖިލީހަށް ހުށަހަޅުއްވައިފައިވަނީ ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ)އެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިހާރު އިއްވައިފައިވާއިރު މިހާރު އޮތީ އިބްތިދާއީ ބަހުސްގެ މަރުހަލާގައެވެ.

މި ބިލަކީ ޖުމްލަ 13 ބާބެއްގެ މައްޗަށް އެކުލެވިފައިވާ ބިލެކެވެ. މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި، އެ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު ކަށަވަރުކޮށްދިނުން ހިމެނެއެވެ.

އަދި, މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާ ދޭ ފަރާތްތަކުގެ ޓްރޭޑް ޔޫނިއަންތައް އުފެއްދުމާއި އެ ޔޫނިއަންތައް ހިންގާނެ އުސޫލު ބަޔާންކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ވަޒީފާ ދޭ ފަރާތާއި ލިބޭ ފަރާތާ ދެމެދު ދިމާވާ މައްސަލަތަކާއި ދެ ބަސްވުންތައް ހައްލުކުުރުމުގައި އަމަލުކުރާނެ ގޮތެއް އެކަށައެޅުން ވެސް އެ ބިލުގައި ހިމެނެއެވެ.

comment ކޮމެންޓް