އީވާ ވަކިކޮށް، ދެ ވަޒީރުން ދިފާއުކުރަން އެމްޑީޕީން ތްރީލައިން ވިޕެއް

ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު (ވ) އާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ---

ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އިއްތިހާދުން ހުށަހަޅާފައިވާ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ދެކޮޅަށް ވޯޓު ދޭށާއި، މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ އަބްދުﷲ ވަކިކުރަން ވޯޓު ދޭން، އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ތަރީލައިން ވިޕެއް ނެރެފިއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް "ސަން"އަށް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރުމަށާއި ދެ ވަޒީރުން ވަކިކުރިޔަ ނުދޭން އެ ޕާޓީން ތްރީލައިން ވިޕެއް ނެރެފައިވާ ކަމަށެވެ.

އެގޮތަށް ނިންމީ، ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިއަދު ބޭއްވި ޕީޖީ ބައްދަލުވުމެއްގައި ތްރީލައިން ވިޕެއް ނެރުނީ، އީވާ މަގާމުން ވަކިކުރުމަށާއި، ދެ ވަޒީރުން ވަކިކުރިޔަ ނުދޭން،" އަސްލަމް ވިދާޅުވިއެވެ.

އީވާ ވަކިކުރަން އެމްޑީޕީން ހުށަހެޅީ އޭނާ އެމްޑީޕީން ވަކިވެ، ދަ ޑިމަކްރެޓްސްގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރުން އުފައްދަން މަސައްކަތް ކުރާ ޕާޓީއަށް ސޮއި ކުރެއްވުމުންނެވެ. ސަރުކާރާ މެދު ދެބަސްވުން ބޮޑުވެ، ނަޝީދަށް ތާއީދުކުރައްވައި 13 މެންބަރުން އިސްވެ ވަނީ އާ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދިފައެވެ.

ދެ ވަޒީރުންގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅީ ޗާގޯސް މައްސަލައިގައި އިދިކޮޅު ޕާޓީތަކުން އުފެއްދި އިއްތިހާދުންނެވެ. އެ ބޭފުޅުން ވަނީ ދެ މިނިސްޓަރުން ގާނޫނާ ހިލާފުވެފައިވާ ކަމަށް ތުހުމަތު ކުރައްވައި، އެ މައްސަލަ މަޖިލީހަށް ވައްދައިފައެވެ.

ސަރުކާރާ ދެކޮޅު ގިނަ ޕާޓީތައް އެކުލެވޭ އިއްތިހާދުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް --- ފޮޓޯ/ ޕީޕީއެމް

މަޖިލީހުގައި އެމްޑީޕީގެ 56 މެންބަރުން ތިއްބަވާއިރު، ދަ ޑިމޮކްރެޓްސްގެ 13 މެންބަރުންނާއި، ޕީޕީއެމް/ ޕީއެންސީގެ އަށް މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ ދެ މެންބަރުން އަދި އެމްއެންޕީގެ ތިން މެންބަރުން ތިއްބަވައެވެ.

އަންނަ ބުދަ ދުވަހަށް ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލު ކޮށްފައިވާއިރު، ޝާހިދުގެ މައްސަލަ ތާވަލު ކުރީ ޖޫން ހަވަނަ ދުވަހަށެވެ. އަދި, އީވާގެ މައްސަލަ ތާވަލު ކުރީ ޖޫން 11ވަނަ ދުވަހަށެވެ.

ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ދަ ޑިމޮކްރެޓްސްއާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީ، އެމްއެންޕީ އަދި ޖުމްހޫރީ ޕާޓީން ވެސް އަންނަނީ އެކުގައި މަސައްކަތް ކުރަމުންނެވެ. އެކަމަކު، އެ އިއްތިހާދުގައި ވެސް ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން ބޭނުންވާ މިންވަރަށް މެންބަރުންނެއް ނުތިއްބަވައެވެ.

އެއާ ހިލާފަށް އީވާ ވަކިކުރަން އެމްޑީޕީން ހުށަހެޅީ ވެސް 50 މެންބަރުންގެ ސޮޔާ އެކުގައެވެ. މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރަން ބޭނުންވާނީ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓެވެ. އެއީ، 43 މެންބަރުންނެވެ.

comment ކޮމެންޓް