ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އަދި ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ޕެލޭއަށް އދ. މަހިބަދޫ ފުޓުބޯޅަ ސްޓޭޑިއަމް ހާއްސަކޮށްފިއެވެ.
ޕެލޭ ސްޓޭޑިއަމް, މިއަދު ހަވީރު ރަސްމީކޮށް ހުޅުވާފައިވަނީ އަންނަ މަހު އިންޑިއާގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންދާ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ މެޗަކުންނެވެ. އެ މެޗު ބައްލަވައިލެއްވުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުރުން އެފްއޭއެމްގެ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރުކަން ކުރައްވާ އެ ރަށަށް އުފަން ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަހުމަދު ތާރިގު (ޓޮމް) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ކުޅުނު އެ މެޗުގައި ގައުމީ ޓީމާ ދެކޮޅަށް ނުކުތް މަހިބަދޫގެ ޓީމުން ފެނުނު ކުޅުންތެރިންގެ ތެރޭގައި ފުރަތަމަ ޑިވިޝަންގައި ކުރިން ކުޅެފައިވާ ބައެއް ކުޅުންތެރިންގެ އިތުރުން މިހާރު ވެސް ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ކުޅޭ މަހިބަދުއަށް އުފަން ބައެއް ކުޅުންތެރިން ފާހަގަކޮށްލެވުނެވެ. އޭގެ ތެރޭގައި މުހައްމަދު ޝާމިރާއި އަބްދުﷲ އަނީސް އާއި އަހުމަދު ނުހާދާއި ހުސައިން ނިޔާޒް (ބޮކުރީ) އާއި ގާސިމް ސަމާމް (ސައްމޭ) އަދި އަބްދުﷲ މިދުހަތު ފަހުމީ ފަދަ ކުޅުންތެރިން ހިމެނެއެވެ.
އެ މެޗުގައި މަހިބަދޫގެ މައްޗަށް ގައުމީ ޓީމުން ކުރި ހޯދާފައިވަނީ 5-0 ގެ ނަތީޖާއަކުންނެވެ. ގައުމީ ޓީމަށް ގޯލުތައް ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އިބްރާހިމް އައިސަަމާއި އަލީ ފާސިރު (ސެންޓޭ) އާއި ހައިޝަމް ހަސަން އަދި މުހައްމަދު ޝަޚާއުއެވެ.
މަހިބަދޫ ސްޓޭޑިއަމް, ޕެލޭގެ ނަމަށް ހާއްސަކޮށްފައި މިވަނީ ކޮންމެ ގައުމެއްގެ ވެސް ސްޓޭޑިއަމަކަށް ޕެލޭގެ ނަން ދިނުމަށް އެދިވަޑައިގަންނަވާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައިވަނިކޮށެވެ.
އެ ސްޓޭޑިއަމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ފޮޓޯތަކެއް އިންސްޓާގްރާމްގައި ހިއްސާކުރައްވަމުން ފީފާގެ ރައީސް އިންފަންޓީނޯ ވަނީ މަހިބަދޫ ސްޓޭޑިއަމަށް ޕެލޭގެ ނަން ދިނުމުން އެކަމަށްޓަކައި އެފްއޭއެމާއި މަހިބަދޫގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އޭގެ އިތުރުން ފުޓުބޯޅައަށް ނުކުންނަ ކޮންމެ މީހަކަށް ވެސް ޕެލޭގެ ހާއްސަކަން އެނގި, އެ ހަނދާންތައް އާކުރަން ޖެހޭނެ ކަމަށް އިންފަންޓީނޯ ވިދާޅުވިއެވެ.
View this post on Instagram
މަހިބަދޫއަކީ ދިވެހި ފުޓުބޯޅައަށް ގިނަ ކުޅުންތެރިންތަކެއް ނެރުނު ރަށެކެވެ. އެގޮތުން ޓޮމްގެ އިތުރުން ގައުމީ ޓީމުގެ ގޯލު 17 އަހަރުވަންދެން ބެލެހެއްޓި ކީޕަރު އިމްރާން މުހައްމަދަކީ ވެސް މަހިބަދުއަށް އުފަން ކުޅުންތެރިއެކެވެ. މިހާރު ގައުމީ ޓީމުގެ ފަހަތް ބެލެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ސަމޫހު އަލީ (ސަމުއްޓޭ) އަކީ ވެސް އެ ރަށަށް ނިސްބަތްވާ ކުޅުންތެރިއެވެ.
މަހިބަދޫ ދަނޑު ހާއްސަކުރި ޕެލޭއަކީ ކެރިއަރުގައި ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ. ޕެލޭ ވަނީ ބްރެޒިލް ޓީމަށް ކުޅެދިން 91 މެޗުން 77 ގޯލު ޖަަހައިފައެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށް, ޕެލޭ މަރުވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އުމުރުން 82 އަހަރުގައެވެ.