އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން ތިންވަނަ ބުރުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ފިލިޕީންސް އަތުން ބަލިވެއްޖެއެވެ.
ފިލިޕީންސްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ހަތަރު ލަނޑު އެއް ލަނޑުންނެވެ.
ފިލިޕީންސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެށުން ވެސް ދިޔައީ އެ ޓީމުން އެންމެ ބޭނުންވި ގޮތަށެވެ. މިގޮތުން މެޗުގެ ކުޅުންފެށިތާ ހަވަނަ މިނެޓުގައި ފިލިޕީންސްއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފައެވެ.
މިލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެފަސަން ޓަބީނާސްއެވެ. އަދި މިލަނޑު ޖެހިތާ 13 މިނެޓް ފަހުން ބިޔޯން މާޓިން ކްރިސްޓެންސެން ކާމިޔާބު ކޮށްދިން ލަނޑުން ފިލިޕީންސްއިން އެ ޓީމުގެ ލީޑު ފުޅާކުރިއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއަށް މާރަނގަޅު ކުޅުމެއް ކުޅެވުނުތަން ފެނިގެން ނުދިޔަ ނަމަވެސް ފިލިޕީންސްގެ ޓީމު ހިފެހެއްޓޭތޯ މަސައްކަތް ކުރިތަން ފެނިގެންދިޔައެވެ. އަދި މެޗުގެ ކުޅުން ދިޔަ ވަރަކަށް ރާއްޖެ މަޑު މަޑުން މެޗުގެ ތެރެއަށް ވަދެވެމުންދިޔަތަން ފެނިގެންދިޔައެވެ.
މި މެޗުގެ ދެވަނަ ހާފަށް ރާއްޖެއިން ނިކުތީ ޓީމުގެ ކުޅުން ރަނގަޅުކޮށް މެޗުން ނަތީޖާއެއް ނެރުމުގެ އުންމީދާ އެއްކޮށްކަން ފާހަގަ ވެގެންދިޔައެވެ. މިގޮތުން އެ ޓީމުން ހިތްވަރާއެކު މަސައްކަތް ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 62 ވަނަ މިނެޓުގައި ރާއްޖެއިން ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކުރުމެވެ.
މިލަނޑު ރާއްޖެއަށް ކާމިޔާބު ކޮށްދިނީ އަލީ ފާސިރެވެ. ނަމަވެސް މި މެޗުގައި ފިލިޕީންސް ފެނިގެންދިޔައީ ރާއްޖެއަށްވުރެ ވަރުގަދަ ކޮށް ކަމުން އެ ޓީމުން ވަނީ މެޗުގެ 77 ވަނަ މިނެޓުގައި ރެންޑީ ޝުނައިޑާ ކާމިޔާބު ކޮށްދިން ލަނޑުން އަނެއްކާ ވެސް ދެ ލަނޑުގެ ލީޑު ނަގައިފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ސަންޑްރޯ ރެޔޭސް ކާމިޔާބު ކޮށްދިން ލަނޑުން ފިލިޕީންސްއިން މެޗު ނިންމާލީ ހަތަރު ލަނޑު އެއް ލަނޑުން ކުރީގައި އޮވެގެންނެވެ.
މިކާމިޔާބީ އާއެކު ފިލިޕީންސް އިން އެ ޓީމުގެ ފެށުން ރަނގަޅު ކޮށްފައިވާއިރު ރާއްޖޭގެ ފެށުން މިދިޔައީ އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ.
އަދި މި މެޗުގައި ނިކުތް ނަތީޖާ އާއެކު އޭޝިއަން ކަޕް ކޮލިފައިންގައި ރަނގަޅު ނަތީޖާ އެއް ހޯދަން ބޭނުން ނަމަ ރާއްޖޭގެ ޓީމުން މިހާރަށް ވުރެ ރަނގަޅަށް މަސައްކަތް ކޮށް އިތުރު ހިތްވަރެއް ލާންޖެހޭކަން ފާހަގަ ވެގެންދެއެވެ. އަދި މި ހިތްވަރު އެ ޓީމަށް ލެވިއްޖެނަމަ މިއަށްވުރެ ރަނގަޅު ނަތީޖާއެއް ދެން ކުޅޭ މެޗުން ނެރެވުމަކީ ގާތްކަމެކެވެ.
މި ގްރޫޕްގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ޖޫން މަހުގެ 10 ވަނަ ދުވަހު ރަށުން ބޭރުގައި ބައްދަލުކުރާނީ ޓިމޯ ލެސްޓޭ އާދެކޮޅަށެވެ.
ރާއްޖެ ހިމެނޭ ގްރޫޕް އޭ އަށް ނިސްބަތްވާ ތަޖިކިސްތާން އާއި ޓިމޯ ލެސްޓޭ ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ތަޖިކިސްތާންއެވެ.