ސްޕެނިޝް ލަލީގާގައި އެފްސީ ބާސެލޯނާއިން ފަހު 20 މިނެޓުގައި ނަތީޖާ އަނބުރާލައި އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް ކުރި ހޯދައި އެނބުރި އެއްވަނައަށް އަރައިފިއެވެ.
އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބުކޮށްފައިވަނީ އެތުލެޓިކޯއިން ދެ ލަނޑު ކާމިޔާބުކޮށްފައިވަނިކޮށް، ފަހަތުން އަރައި ހަތަރު ލަނޑު ކާމިޔާބުކޮށްގެންނެވެ.
މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ ބާސާއިންނެވެ. އެކަމަކު، 72 ވަނަ މިނެޓާ ހަމައަށް އެ ޓީމު އޮތީ ދެ ލަނޑުގެ ތަފާތަކުން ބަލިވެފައެވެ. މެޗުގައި އެތުލެޓިކޯއިން ޑިފެންސްކުރި މިންވަރުން ގިނަ ސަޕޯޓަރުން ހީކޮށްގެން ތިބީ ބާސާއަށް ނަތީޖާ އަނބުރާލަން އުނދަގޫވާނެ ކަމަށެވެ.
އެތުލެޓިކޯއަށް ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދިނީ ހޫލިއަން އަލްވަރޭޒެވެ. އެ ޓީމުން ލީޑު ފުޅާކުރީ 70 ވަނަ މިނެޓުގައި އެލެގްޒެންޑާ ސޯލޮތު ޖަހައިދިން ލަނޑުންނެވެ.
އެކަމަކު، އެތުލެޓިކޯ ސަޕޯޓަރުން އުފާފާޅުކޮށް ނުނިމެނީސް ބާސާއިން ވަނީ 72 ވަނަ މިނެޓުގައި ލަނޑެއް ޖަހައިފައެވެ. އެ ޓީމަށް އުންމީދު އާކޮށްދިނީ ރޮބަޓް ލެވަންޑޯސްކީއެވެ.
އޭގެ ހަ މިނެޓު ފަހުން ފެރާން ޓޮރޭޒް ވަނީ ދެވަނަ ލަނޑު ޖަހައި، ނަތީޖާ ހަމަހަމަކޮށްފައެވެ.
ބާސާއިން ލީޑު ނެގީ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލެމީން ޔަމާލެވެ. އެ ޓީމަށް ފަހު ލަނޑު ޖަހައިދިނީ އިތުރު ވަގުތުގެ އަށްވަނަ މިނެޓުގައި ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޓޯރޭޒެވެ.
މި ކާމިޔާބީއާ އެކު ބާސާއިން މިހާރުވަނީ ކުޅުނު 27 މެޗުން ލިބުނު 60 ޕޮއިންޓާ އެކު އެއްވަނަައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ޕޮއިންޓްގެ ގޮތުން ހަމަކޮށް، ފައިދާ ގޯލަށް ބަލާއިރު އެއްވަނަ މަގާމަށް ވެސް ކުރިއަށް ޖެހިލާފައެވެ.
ސާއިން އަދި ނުކުޅެ އެއް މެޗު އޮތުމުން މި ލީޑު ތިން ޕޮއިންޓަށް އިތުރު ކުރުމަކީ ވެސް ބާސާއަށް އޮތް ފުރުސަތެކެވެ. މެޗުން ބަލިވުމުން އެތުލެޓިކޯ އޮތީ 56 ޕޮއިންޓާ އެކު ތިންވަނައިގައެވެ.
މި މުބާރާތުގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލާލާއިރު އެތުލެޓިކް ބިލްބާއޯއާއި ސެވިއްޔާ ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކޮށްފައިވަނީ ބިލްބާއޯއިންނެވެ. ރެއާލް ސޮސިއެޑާޑާއި ރެއާލް ވަޔެކާނޯ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވީއިރު ރެއާލް ބެޓިސްއާއި ލެގާނޭސް ބައްދަލުކުރި މެޗު 3-2 އިން ކާމިޔާބުކޮށްފައިވަނީ ބެޓިސްއިންނެވެ.