ޑޯޓްމަންޑުން ފުރުސަތު ގެއްލުވާލުމުން ބަޔާނަށް ލީގު ޗެމްޕިއަންކަން

ބަޔާން މިއުނިކުން ޖަރުމަން ބުންޑަސްލީގާގެ ޗެމްޕިއަންކަން ހޯދުން -- ފޮޓޯ/ ގެޓީ

ބޮރޫޝިއާ ޑޯޓްމަންޑުން ފުރުސަތު ގެއްލުވާލުމުން، ގޯލުގެ ތަފާތުން ބަޔާން މިއުނިކުން ޖަރުމަން ބުންޑަސްލީގާގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިސީޒަނުގެ ޖަރުމަން ބުންޑަސްލީގާގައި ކުޅޭ ފަހު މެޗުތައް މިރޭ ކުރިއަށްދިޔަ އިރު، އެންމެ ވާދަވެރިކޮށް ދިޔައީ ޗެމްޕިއަންކަމަށް ވާދަކުރަމުންދިޔަ ބަޔާނާއި ޑޯޓްމަންޑް ކުޅުނު މެޗުތަކެވެ. ޑޯޓްމަންޑަށް މޮޅެއް ހޯދައިގެން ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވެން އޮތް އިރު، ބަޔާނަށް އޮތީ މޮޅެއް ހޯދިޔަސް ޑޯޓްމަންޑް މެޗުގެ ނަތީޖާއަށް އިންތިޒާރު ކުރުމެވެ.

ބަޔާނުން ރަށުން ބޭރުގައި މިރޭ ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ވަނީ ކޮލިން އަތުން މޮޅުވެފައެވެ. އަދި ޑޯޓްމަންޑަށް ލީގު ޗެމްޕިއަންކަން ގެއްލުނީ މިރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި 2-2 ގެ ނަތީޖާއަކުން މައިންޒް އަތުން އެއްވަރުވުމުންނެވެ. މިއީ ބަޔާނުން ޖެހިޖެހިގެން ލީގު ޗެމްޕިއަންކަން ހޯދި 11 ވަނަ ފަހަރެވެ.

މިރޭ ބަޔާނުން ކުޅުނު މެޗުގެ އަށްވަނަ މިނެޓުގައި އެޓީމުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ލެރޯއީ ސާނޭ ދިން ބޯޅައަކުން ބަޔާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަން މިޑްފީލްޑަރު ކިންގްސްލީ ކޮމާންއެވެ. އޭނާއަށް ލިބުނު ބޯޅަ އަމާޒުކޮށްލާފައިވަނީ ކޮލިން ގޯލުގެ މަތީ ކަނަކަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލުމަށް ވެސް ބަޔާނަށް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ތޯމަސް މުލާއަށް ލިބުނު ފުރުސަތެއް ފާހަގަށްލެވެއެވެ. ރީތި ކުޅުމަކަށްފަހު މުލާއަށް ލިބުނު ބޯޅައިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ކޮލިން ގޯލުގެ ހުރަސް ދަނޑިއަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބަޔާން ކުރީގައި އޮވެގެންނެވެ.

އެ މެޗުގެ ފަހުކޮޅު ދިޔައީ ފޯރިގަދަކޮށެވެ. ބަޔާންގެ ސާޖް ނަބްރީ އަތުގައި ބޯޅަ ޖެހުމާއެކު ލިބުނު ޕެނަލްޓީއަކުން މެޗުގެ 81 ވަނަ މިނެޓުގައި ކޮލިނުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަަމަކޮށްފައެވެ. ކޮލިންއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެޓީމުގެ އޮސްޓްރިއާ މިޑްފީލްޑަރު ޑެޖާން ލިޔުބިޗިޗްއެވެ.

ބަޔާނަށް ލީގު ކަށަވަރުވި ގޯލު ފެނިގެންދިޔައީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށެވެ. ނަބްރީ ދިން ބޯޅައަކުން ބަޔާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޒުވާން ފޯވަޑް ޖަމާލް މުސިއާލާއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ކުޅެން ނުކުތް ދެ މިނެޓުގެ ތެރޭގައެވެ.

ޑޯޓްމަންޑުން މިރޭ ކުޅުނު މެޗުގައި އުނދަގޫތަކެއް ކުރިމަތިވެގެންދިޔައީ މައިންޒުން ފުރަތަމަ 24 މިނެޓުގެ ތެރޭގައި ދެ ގޯލުގެ ލީޑެއް ހޯދުމުންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި މައިންޒަށް ނޯވޭ ޑިފެންޑަރު އަންދްރޭސް ހަންޝޭ އޮލްސަން ލީޑު ހޯދައިދިން އިރު، މެޗުގެ 24 ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ އޮސްޓްރިއާ ފޯވަޑް ކަރީމް އޮނިސިވޯއެވެ.

ޑޯޓްމަންޑުން ޖެހި ގޯލުތައް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގެ ތެރޭގައެވެ. މަސައްކަތްތަކަކަށްފަހު މެޗުގެ 69 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ޕޯޗުގަލް ޑިފެންޑަރު ރަފައެލް ގުރޭރޯ ފަރަގު ކުޑަކޮށްދިން އިރު، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޑޯޓްމަންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ޖަރުމަން ޑިފެންޑަރު ނިކްލަސް ސޫލޭއެވެ.

ޖަރުމަން ބުންޑަސްލީގާގެ މެޗުތައް ނިމިގެންދިޔަ އިރު، އެއްވަނައިގައި އޮތް ބަޔާން އަދި ދެވަނައިގައި އޮތް ޑޯޓްމަންޑަށް ވެސް 34 މެޗުން ލިބިފައިވަނީ 71 ޕޮއިންޓެވެ. ގޯލުގެ ތަފާތުން ބަޔާން ކުރި ހޯދީ 54 ފައިދާ ގޯލުންނެވެ. އަދި ފައިދާ ގޯލުގެ ގޮތުގައި ޑޯޓްމަންޑަށް ލިބިފައިވަނީ 39 ގޯލެވެ.

comment ކޮމެންޓް