ތިރުވަނަންތަޕޫރަމްގައި ހުންނަ ރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަގާމަށް އާމިނަތު ޝިފާނާ މިއަދު އައްޔަން ކުރައްވައިފިއެވެ.
ކޮންސުލް ޖެނެރަލަކަށް ޝިފާނާ އައްޔަނު ކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއެވެ.
ޝިފާނާއާ ލިޔުން ހަވާލުކުރެއްވުމަށްފަހު ޝާހިދު ވިދާޅުވީ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވައި އޮފިޝަލެއްގެ ހައިސިއްޔަތުން ޝިފާނާއަށް ލިބިފައިވާ ތަޖުރިބާގެ ބޭނުން ހިފައިގެން މަގާމުގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރައްވަމުން ގެންދަވާނެކަމަށް ވަރަށް ބޮޑަށް ޔަގީން ކުރައްވާ ކަމަށެވެ.

ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަގާމަށް އާމިނަތު ޝިފާނާ އައްޔަން ކުރެއްވުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ
އައު ކޮންސުލް ޖެނެރަލްގެ ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވަނީ އެ މަގާމުގެ ދައުރު ހަމަކުރައްވައި މިނިސްޓްރީއަށް އެނބުރި ވަޑައިގެންނެވި އެންމެ ފުރަތަމަ އަންހެން ކޮންސުލް ޖެނެރަލް، އާމިނަތު ދީދީއަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.