މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާ ޖޭފޯ ގުޅިވަޑައިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ފޯމު ހަވާލުކުރެއްވީ މިއަދު ރައީސް ފ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ނިލަންދޫގައެވެ.
ޖޭފޯ މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންނެވިއިރު އެ ފަދަ އަޑުތަކެއް ފާއިތުވި ހަފުތާގެ ތެރޭ ފެތުރިފައިވެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އީވާ އަބްދުﷲ ވަކިކުރުމަށް އެމްޑީޕީން ވެއްދި މައްސަަލައިގައި ޖޭފޯ ސޮއިކުރައްވައިފައިވެއެވެ.
މިއަދާ ހަމައަށް އައިރު ވެސް ޖޭފޯ ސިޔާސީގޮތުން މާ ބޮޑެތި ބަހުސްތަކެއްގައި މަޖިލީހުގައި ވާހަކަދައްކަވައި ނުހައްދަވައެވެ.
ސިޔާސީ މައިދާނަށް ޖޭފޯ ނިކުމެވަޑައިގަތީ ޑީއާރްޕީއިންނެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު މަސައްކަތްކުރެއްވުމަށް ޓަކައި ޕީޕީއެމާ ގުޅިވަޑައިގަތެވެ. އެ ވެރިކަމުގެ ތެރޭގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވިއެވެ.
ސަރުކާރު ބަދަލުވުމާއެކު ޖޭފޯ ސިޔާސީ މައިދާނުން ނުފެނި ދުވަސްތަކަކަށްފަހު 2019ގައި އޮތް މަޖިލިސް އިންތިޚާބުގައި އޭނާ ވާދަކުރެއްވީ ޕީޕީއެމް ކެންޑިޑޭޓާ ދެކޮޅަށް މިނިވަން މެންބަރެއްގެ ގޮތުގައެވެ.
އޭގެ ފަހުން ސިޔާސީ ގޮތުން އައި ބަދަލާއެކު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމަށް އޭނާ މަސައްކަތްކުރެއްވިއެވެ. ނަމަވެސް ޕާޓީއަށް ސޮއިނުކުރައްވައެވެ.