އިތުރު އަނިޔާއަކާއެކު ޖޭމްސް މައާފަށް އެދިއްޖެ

ޗެލްސީގެ އިނގިރޭސި ޑިފެންޑަރު ރީސް ޖޭމްސް -- ފޮޓޯ/ ގެޓީ

ޗެލްސީގެ އިނގިރޭސި ޑިފެންޑަރު ރީސް ޖޭމްސްއަށް އިތުރު އަނިޔާއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ފައިގެ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގުގައި 4-1 ގެ ނަތީޖާއަކުން ޔުނައިޓެޑް އަތުން ޗެލްސީ ބަލިވި މެޗުގައި ވެސް ޖޭމްސް ފެނިފައެއް ނުވެއެވެ.

އެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗެލްސީގެ ވަގުތީ ކޯޗު ފްރޭންކް ލަމްޕާޑް ވަނީ ޖޭމްސްގެ އަނިޔާއާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ. އެ އަނިޔާއާ ގުޅިގެން ޕްރިމިއާ ލީގުގައި ޗެލްސީ ކުޅޭ ފަހު މެޗު ވެސް ޖޭމްސްއަށް ގެއްލޭނެ ކަމަށް ލަމްޕާޑް ވަނީ ބުނެފައެވެ.

"މެޗުގެ ކުރިން ބޭއްވި ތަމްރީނުތަކުގައި އޭނާ ބައިވެރިވި ނަމަވެސް، އަނިޔާއާ ގުޅިގެން ވަކި ހިސާބަކުން އޭނާ ތަމްރީނުތައް ކުރުކޮށްލަން ޖެހުނު. އުންމީދުކުރަނީ ސްކޭންތަކުން މާބޮޑު އަނިޔާއެއް ނުދައްކާނެ ކަމަށް،" ލަމްޕާޑް ބުންޏެވެ.

އެ އަނިޔާއާ ގުޅިގެން އިންސްޓަގްރާމްގައި ސަޕޯޓަރުންނަށް ޖޭމްސް ވަނީ ހާއްސަ މެސެޖެއް ދީފައެވެ. އެ މެސެޖުގައި ޖޭމްސް ބުނީ މިސީޒަން ދިޔައީ ގޯސްކޮށް ކަމަށާއި އެކަމަށްޓަކައި މައާފަށް އެދޭ ކަމަށެވެ. އަދި ތަށިތައް ހޯދުމަށް މަސައްކަތްކޮށްދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޖޭމްސްއަށް މިސީޒަން ވެގެންދިޔައީ އަނިޔާ ގިނަ ސީޒަނަކަށެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ޖޭމްސްއަށް ވޯލްޑް ކަޕް ގެއްލިގެންދިޔަ އިރު، އޭގެ ފަހުން ޑިސެމްބަރު މަހުގެ ފަހުކޮޅު ކަކުލަށް ލިބުނު އިތުރު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރަށް ދާން ޖެހުނެވެ. ފެބްރުއަރީ މަހު އެނބުރި ކުޅުމަށް އައި ނަމަވެސް، އޭޕްރީލް މަހުގެ ތެރޭގައި ފައިގެ މަސްގަނޑަށް އަނިޔާވެގެން އަނެއްކާވެސް ކުޅުމާ ދުރަށް ދާން ޖެހުނެވެ.

ޗެލްސީއަށް މިސީޒަނަކީ ދަށް ސީޒަނެކެވެ. އަހަރުތަކަކަށްފަހު އަންނަ ސީޒަނުގައި ޔޫރަޕުގެ މުބާރާތަކުން ވެސް އެޓީމު ފެނިގެންނެއް ނުދާނެއެވެ. ޕްރިމިއާ ލީގު ތާވަލުގައި ޗެލްސީ މިވަގުތު 12 ވަނައިގައި އޮތް އިރު، ލީގުގެ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު ޗެލްސީން ނުކުންނަން ޖެހޭނީ ތާވަލުގެ ހަތަރުވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.

comment ކޮމެންޓް