އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން ހޯދި ފަސޭހަ މޮޅާއެކު މެންްޗެސްޓާ ޔުނައިޓެޑުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަަށަވަރުކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ރޭ ކުޅުނު ލީގު މެޗުން ޔުނައިޓެޑް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. ލީގުގެ ގަދަ ހަތަރެއް ކަށަވަރުކޮށްފައިވަނީ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ދެވަނައިގައި އޮތް އާސެނަލާއި ތިންވަނައިގައި އޮތް ޔުނައިޓެޑް އަދި ހަތަރުވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑެވެ.
އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ލިވަޕޫލާއި ޗެލްސީއަށް ޖާގަ ގެއްލިފައިވާ އިރު، އޭގެ ތެރެއިން ޗެލްސީއަށް ޔޫއެފާ ޔޫރޮޕާ ލީގުން ވެސް ފުރުސަތެއް ލިބިފައެއް ނުވެއެވެ. އަންނަ ސީޒަނުގައި ލިވަޕޫލް ފެންނާނީ ޔޫރޮޕާ ލީގުންނެވެ.
ރޭ ކުޅުނު ފުރަތަަމަ ހަ މިނެޓުގެ ތެރޭގައި ޔުނައިޓެޑުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކްރިސްޓިއަން އެރިކްސަން ނަގައިދިން ހިލޭ ޖެހުމަކުން ޔުނައިޓެޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯއެވެ.
އެ ގޯލަށްފަހު ޗެލްސީއަށް ނަތީޖާ ހަމަހަމަކުރުމަށް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން އެޓީމުގެ ޖަރުމަން ފޯވާޑް ކައި ހަވާޓްޒްއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ލެވިސް ހޯލް ނަގައިދިން ހުރަހަކުން ހަވާޓްޒް ބޮލުން ފޮނުވާލި ހަމަލާ، ޔުނައިޓެޑުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޔުނައިޓެޑުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޖޭޑަން ސަންޗޯ ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވަޑް އެންތޮނީ މާޝިއަލްއެވެ. އެ ގޯލާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
ދެ ޓީމަށް ލިބުނު ފުރުސަތުތަކަށްފަހު މެޗުގެ 73 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ތިންވަނަ ގޯލު ފެނިގެންދިޔައެވެ. އެ ގޯލަކީ ޗެލްސީގެ ފެނަލްޓީ އޭރިއާ ތެރެއިން ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒަށް ޗެލްސީ ޑިފެންޑަރު ވެސްލީ ފޮފާނާ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. ޔުނައިޓެޑަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒެވެ.
މެޗުގެ 78 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ހަތަރު ގޯލުގެ ލީޑެއް ހޯދައިފައެވެ. ޗެލްސީގެ ފޮފާނާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޔުނައިޓެޑަށް އެ ގޯލު ކާމިިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑެވެ.
މެޗުގައި ޗެލްސީން ޖެހި ގޯލު ފެނިގެންދިޔައީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށެވެ. ހަކީމް ޒިޔެޗް ދިން ބޯޅައަކުން ޗެލްސީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް ފޯވަޑް ޖޮއާ ފީލިކްސްއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޔުނައިޓެޑްގެ ދެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު، ގޯލުގެ ތިރީ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.