ބާއްޖަވެރި ދިރިއުޅުމެއް ލިބިގަންނާނެ ގޮތް

ދެމަފިރިއަކު އެމީހުންގެ ދަރިފުޅާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަނީ --- ފޮޓޯ / މުސްލިމްވިލެޖް.ކޮމް

ކޮންމެ މީހެއްގެވެސް އެންމެ ބޮޑު އުއްމީދަކަށްވާނީ މި ދުނިޔޭގެ ޙަޔާތުގައި ބާއްޖަވެރި ދުވަސްތަކެއް ވޭތުކުރުމަށްފަހު، ކާމިޔާބު ލިބިގެންވާ މީހެއްގެގޮތުގައި އުޚުރަވީ ޙަޔާތާ ބައްދަލުކުރުމެވެ. ސިކުނޑީގެ ހަމަޖެހުމާއި، އުފާވެރިކަމާއި، ހިތާމަތަކާއި ކަންބޮޑުވުންތަކުން ސަލާމަތްވެގެންވުމާއި، ދިރިއުޅުމުގެ ލުއިފަސޭހަކަން މިއީ ޙަޔާތުގެ ކާމިޔާބު ވަޒަންކުރެވޭ މިންގަނޑުތަކެވެ. މިކަންކަން ލިބިގަނެ ދިރިއުޅުމުގައި ކާމިޔާބުމީހަކަށްވުމަށް ނޭދޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ.

ބާއްޖަވެރި ދިރިއުޅުމެއް ހޯދުމަށްޓަކައި ޢަމަލުކުރަންވީގޮތް އިސްލާމްދީނުގައި އަންގަވާފައިވެއެވެ. ހަމަމިއާއެކު، ކާމިޔާބު ދިރިއުޅުމެއް ލިބިގަތުމުގައި ބޭނުންކުރެވޭނެ އުކުޅުތައް، ޢިލްމީ ހޯދުންތަކާއި ތަޖުރިބާގެ އަލީގައި ދެނެގަންނަމުން ދެއެވެ. އެހެންނަމަވެސް ﷲ އަށް އީމާންވެގެންވާ މީހަކަށްމެނުވީ، މި ދެބައިގައި ހިމެނޭ ކަންކަން ލިބިގަނެ އެމީހެއްގެ ޙަޔާތް ކާމިޔާބުގެ މަގަށް މިސްރާބުކުރުމަކީ ވެވޭނޭކަމެއްނޫނެވެ. އެހެންކަމުން، ބައެއްމީހުން ދިރިއުޅުމުގެ ކާމިޔާބީގެ ފޮނިމީރުކަން ފުރިހަމަގޮތުގައި ޙާޞިލުކުރަމުންދާއިރު، އަނެއްބަޔަކު ހިމެނެނީ މީގެތެރެއިން ބައިކުޅަބައެއް ޙާޞިލުކުރެވޭ މީހުންކަމުގައެވެ.

އަންނަނިވި ފޮޅުވަތްތަކުގައި މިބަޔާންކުރަނީ ބާއްޖަވެރި އުފާވެރި ދިރިއުޅުމެއް ޙާޞިލުކުރުމަށްޓަކައި އިސްލާމްދީނުގައި ދައްކަވާފައިވާ މުހިއްމު ބައެއް މަގުތަކެވެ. އަދި މިއީ، މިއާމެދު ޝައްކު ކުރުމުގެ ޖާގައެއްނެތް، އިންސާނީ ދިރިއުޅުމުގެތެރެއިން ތަޖުރިބާކުރެވި ޔަޤީންކަން ލިބިފައިވާ ކަންތައްތަކެކެވެ. މީގެތެރެއިން ގިނަ ކަންތައްތަކެއް ލިބިގަންނަމީހާގެ ދިރިއުޅުން އުޖާލާވެ އުފާވެރިވެގެންދާއިރު، މިއިން އެއްވެސް މިންވަރެއް ލިބިނުގަންނަމީހާގެ ދިރިއުޅުމަކީ ދަތިއުނދަގޫ ވޭންދެނިވި ދިރިއުޅުމެއްކަމުގައި ވެދެއެވެ.

ދިރިއުޅުމުގެ ބާއްޖަވެރިކަން އެއާގުޅިފައިވާ އެންމެ މުހިއްމު އަސާސަކީ އީމާންކަމާއި ޞާލިޙު ޢަމަލެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ (އައްނަޙްލު: 97) "މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިޙު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ." (އައްނަޙުލު: 97)

ﷲ އަށް އީމާންވުމަށްފަހު، ހެޔޮ ޢަމަލުކުރާ އަޅުންނަށް ރަނގަޅު ބާއްޖަވެރި ދިރިއުޅުމަކާއި، އެބައިމީހުން ކުރާ ހެޔޮ ޢަމަލުތަކަށް އެކަށީގެންވާ ހެޔޮ ޖަޒާ ދެއްވާނެކަމަށް އެ އިލާހުވަނީ ވަޢުދުވެވޮޑިގެންފައެވެ. އިސްވެދިޔަ އާޔަތުގައި އަންގަވާފައިއެވާ ބާއްޖަވެރި ދިރިއުޅުމަކީ މި ދުނިޔޭގެ ދިރިއުޅުމާއި އާޚިރަތުގެ ގޮވަތި (ސުވަރުގެ) ކަމުގައި ތަފްސީރު ޢިލްމުވެރިން ވިދާޅުވެއެވެ.

ޝައްކެއްނެތްގޮތުގައި، ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި އީމާންވެގެންވާމީހާ އެންމެ އިސްކަމެއްދޭނީ ހެޔޮ ޢަމަލުތައްކުރުމަށެވެ. ނުބައި ޢަމަލުތަކުން ދުރުހެލިވުމަށް ނަފުސުގެ ޖިހާދުކޮށް، އެގޮތުގައި ދެމިހުރުމަށެވެ. މި މުހިއްމު ސިފަ ލިބިގަތުމަށްފަހު، ﷲ ތަޢާލާގެ ނިޔާފުޅަށް ރުހި ޤަބޫލުވެ އެންމެހައި ކަންކަމުގައި ކެތްތެރިކަން އިސްކުރުމުގެ ނަތީޖާއަކީ އެފަދަމީހާގެ ހިތަށް ހަމަޖެހުން ލިބި އުފާވެރިކަން އިޙްސާސްކުރެވުމެވެ. އެފަދަމީހާ އޭނާއަށް ﷲ ތަޢާލާ ދަރުމަކުރައްވާފައިވާ ގިނަގުނަ ނިޢުމަތްތަކާމެދު ވިސްނައި އެ ނިޢުމަތްތައް ދެއްވިކަމުގެ މައްޗަށް އެ އިލާހަށް ޝުކުރުވެރިވާނެއެވެ. މީގެ ނަތީޖާއެއްގެގޮތުން، ކަންބޮޑުވުމާއި ހިތާމަތައް ފިލުވައިލުމުގައި އިލާހީ މަދަދު ލިބިފައިވާ މީހުންގެތެރެއިން އެފަދަމީހާ ހިމެނިދެއެވެ. ރަސޫލުﷲ ޙަދީޘް ކުރައްވާފައިވެއެވެ. "މުއުމިނެއްގެ ކަންތައްތައް (ހުންނަގޮތް) ކިހައި ޢަޖައިބުހެއްޔެވެ؟ ހަމަކަށަވަރުން، އޭނާގެ ހުރިހައިކަމެއްގައި އެކުލެވިގެންވަނީ ހެޔޮކަމެވެ. އަދި މިކަންކަމަކީ މުއުމިނެއްގެ ކިބައިގައިނޫނީ ހުންނާނެ ކަންކަމެއްނޫނެވެ. އޭނާއަށް ހެޔޮކަމެއް މެދުވެރިވެއްޖެނަމަ އެކަމަށްޓަކައި (ﷲ އަށް) ޝުކުރުވެރިވެއެވެ. އެގޮތް އޭނާއަށް ހެޔޮވެގެންވެއެވެ. އަދި އޭނާއަށް ދެރަކަމެއް ކުރިމަތިވެއްޖެނަމަ އެކަމަށް ކެތްތެރިވެއެވެ. އެގޮތް އޭނާއަށް ހެޔޮވެގެންވެއެވެ."(މުސްލިމް 14/5318)

އީމާންވެ ޞާލިޙު ޢަމަލުކުރުމުގެ ތެރޭގައި، ﷲ ހަނދުމަކޮށް އެކަލާނގެއަށް ޒިކުރުކުރުންވެސް ހިމެނޭނެއެވެ. ނަމަވެސް އެކަލާނގެ ހަނދުމަކުރުމަކީ ހިތްތަކަށް ހަމަޖެހުން ގެނެސްދޭކަމެއްކަމުގައި ﷲ ތަޢާލާ ވަކި އާޔަތެއްގައި އަންގަވާފައިވެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ (ރަޢުދު: 28) "އެއުރެންނީ، އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުންނޫންހެއްޔެވެ؟"

ހިތާމަތަކާއި މޮޅިވެރިކަމާއި ކަންބޮޑުވުން ފިލައިގޮސް، ބާއްޖަވެރި ދިރިއުޅުމަކަށް މިސްރާބުކޮށްދޭ އަނެއްކަމަކީ އެންމެހައި މުޢާމަލާތުތަކުގައި މީސްތަކުންނާމެދު ހެޔޮކޮށް ކަންތައްކުރުމެވެ. މުސްލިމެއްކަމުގައިވިޔަސް ނުވަތަ އެނޫންމީހެއްކަމުގައިވިޔަސް، އެހެންމީހުންނާމެދު ހެޔޮގޮތުގައި މުޢާމަލާތުކުރާނަމަ އެމީހެއްގެ ކިބައިން މޮޅިވެރިކަމާއި ހިތާމަތައް ފިލައިދާނެއެވެ. މީގެއިތުރުންވެސް، ބަރާބަރަށް ނަމާދުކުރުމާއި، ޤުރުއާން ކިޔެވުމާއި، ހެޔޮގޮތުގައި ﷲ އަށް ވަކީލުކުރުމަކީވެސް ދިރިއުޅުން ބާއްޖަވެރިވުމުގެ މުހިއްމު ސަބަބުތައްކަން ޝަރުޢީ ދަލީލުތަކުން އެނގެއެވެ. ވީމާ، އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ހޯދަން އެދޭނަމަ މި ބަޔާންކުރި ކަންކަމަށް ސަމާލުކަން ދޭންޖެހޭނެއެވެ. މިކަންކަމަށް ސަމާލުވުމުން އެމީހެއްގެ ދުނިޔެއާއި އާޚިރަތުގެ ޙަޔާތްވެސް ބާއްޖަވެރިވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް