އެނބުރި ބާސެލޯނާއަށް ދިއުމަކީ ބޭނުންވާ ކަމެއް ކަމަށް ތަޖުރިބާކާރު ސްޕެއިންގެ މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ ބުނެފިއެވެ.
ޖަޕާންގެ ވިސެލް ކޯބީއަށް ކުޅެމުންދާ އުމުރުން 39 އަހަރުގެ އިނިއެސްޓާ ވަނީ މި ސީޒަނަކީ އެ ކްލަބަށް އޭނާ ކުޅޭ އެންމެ ފަހު ސީޒަން ކަމަށް އިއުލާންކޮށްފައެވެ. މި ސީޒަންގައި ވިސެލް ކޯބީއަށް އޭނާ ކުޅޭ ފަހު މެޗަށް ވެގެންދާނީ އަމިއްލަ ދަނޑުގައި އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ކޮސަޑޯލް ސަޕޯރޯއާ ދެކޮޅަށް ކުޅޭ މެޗެވެ.
ވިސެލް ކޯބީ އިން ދެން އިނިއެސްޓާ ނުފެނުނު ނަމަވެސް، ފުޓުބޯޅަ ކެރިއަރުގައި އިތުރު ފުރުސަތުތަކުގެ ބޭނުން ހިފަން އޭނާ ބޭނުންވެއެވެ. އަދި އިނިއެސްޓާގެ ކެރިއަރުގައި އެންމެ ގިނަ ކާމިޔާބީ ހޯދާފައިވާ ބާސާއަށް އެނބުރި ދާން ބޭނުންވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
"އަހަރެން ވަކި ހިސާބަކުން ބާސާއާ ގުޅެން ބޭނުން. އެކަމަކު އަދި އެއީ އެހާ ކައިރީގައި އޮތް ކަމަކަށް ނުވެދާނެ. ބާސާގެ ކޯޗުގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން ޒަވީ ދެމިހުންނާނެ ކަމަށް އުންމީދުކުރަން. އަހަރެން ބޭނުންވަނީ ފުޓުބޯޅަ ކުޅުމައިގެން ކުރިއަށްދާން. ކެރިއަރު ނިންމާލަން ބޭނުންވަނީ ފުޓުބޯޅަ ދަނޑުމަތިން," އިނިއެސްޓާ ބުންޏެވެ.
ޒަވީ އާއި އިނިއެސްޓާއަކީ ބާސާގެ ކާމިޔާބީ ދެ އުފެއްދުމެކެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ޒަވީ އާއި އިނިއެސްޓާ ވަނީ ބާސާއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. އޭގެ އިތުރުން ސްޕެއިނަށް ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށްދިނުމުގައި ވެސް އެ ދެ ކުޅުންތެރިން އިސް ދައުރެއް އަދާކުރިއެވެ.