ފަތުރުވެރިކަމުގެ އާމްދަނީ ހަ ބިލިއަނަށް އިތުރުކުރުމުގެ އަމާޒާއެކީ އައު ޓޫރިޒަމް މާސްޓާޕްލޭން އިފްތިތާހުކޮށްފި

ފަތުރުވެރިކަމުގެ އައު މާސްޓާ ޕްލޭން ލޯންޗުކުރުމުގެ ތެރެއިން --- ފޮޓޯ/ ޓުއަރިޒަމް މިނިސްޓްރީ

ފަތުރުވެރިކަމުގެ ދާއިރާއިން ނަފާގެ ގޮތުގައި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި، އަހަރަކު ހަ ބިލިއަން ޑޮލަރު ހޯދުމުގެ އަޒުމާއެކު ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓާ ޕްލޭން މިއަދު ލޯންޗުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ އޮޑީޓޯރިއަމްގައި ބޭއްވި ޚާއްސަ ޙަފުލާއެއްގައި މި ޕްލޭން ލޯންޗުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމައީލް އާއި ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަގްސަދުގައި ލޯންޗުކުރި މި ޕްލޭނާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މި މާސްޓާ ޕްލޭނުގެ މިސްރާބަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ "ޖަވާހިރު" ކަމުގައިވާ "ވަން އައިލެންޑް ވަން ރިސޯޓް"ގެ ކޮންސެޕްޓުގެ މިސްރާބުގައި ދެމި އޮތުން ކަމަށެވެ.

އަދި އެ ކޮންސެޕްޓު ދެމެހެއްޓި ނަމަވެސް، އެ ކޮންސެޕްޓާ އެކު މިއަދު ފަތުރުވެރިކަމުގެ ތަފާތު އެކި ކޮންސެޕްޓްތައް ރާއްޖޭގައި ކުރިއެރުވުމަކީ މި މާސްޓާ ޕްލޭނުގެ ދަށުން އެކަށައެޅޭނެ ކަމެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ އައު މާސްޓާ ޕްލޭން ލޯންޗުކުރުމުގެ ތެރެއިން --- ފޮޓޯ/ ޓުއަރިޒަމް މިނިސްޓްރީ

"1972 ގަ ފެށުނު ޓުއަރިޒަމް މިހިސާބަށް އައިއިރު، ރަނގަޅު މިސްރާބެއް އައިސްގެންތާ ނިމިގެން މިދިޔަ ތިން އަހަރު ދުނިޔޭގެ އެންމެ މޮޅު ޑެސްޓިނޭޝަންގެ ގޮތުގައި ހޮވިގެން މިދިޔައީ. އެހެންވީމާ ނެވިގޭޝަން އަޅުގަނޑުމެން ކުރިއަށް ގެންދާއިރު، ރަނގަޅަށް ކުރަމުން އަންނަ ދަތުރެއްގެ މިސްރާބު ބަދަލުކުރަން ނުޖެހޭ. އެހެންވީމަ ފަސްވަނަ މާސްޓާ ޕްލޭނުގެ މިސްރާބު ވެސް ބަދަލުކުރުމެއް ނެތް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދިވެހިން ފަތުރުވެރިކަމުގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވެ، އެ ސިނާއަތުގެ މަތީފަނޑީގައި ތިބުމާއެކު، އެ ސިނާއަތުގައި ހަރަކާތްތެރިވުމަކީ މި ޕްލޭނުން ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް ކަމަށެވެ.

"މި ފަތުރުވެރިކަމުގެ މާސްޓާ ޕްލޭންގެ މައިގަނޑު ޖުމްލައަކަށް މިއޮތީ ފަތުރުވެރިކަމުގެ ވެރިންނަކީ ދިވެހިންނަށް ހެދުން. އެއީ ޕްރޮޑަކްޓް އޮވްނާޝިޕް ގޮތުގައި ވެސް އަދި ވަޒީފާގެ ގޮތުގައި ވިޔަސް، އަޅުގަނޑުމެން ބޭނުންވަނީ ދިވެހިން މި އިންޑަސްޓްރީ ލީޑް ކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ އައު މާސްޓާ ޕްލޭން ލޯންޗުކުރުމުގެ ތެރެއިން --- ފޮޓޯ/ ޓުއަރިޒަމް މިނިސްޓްރީ

މިއަދު މި ލޯންޗުކުރި ފަތުރުވެރިކަމުގެ އައު މާސްޓާ ޕްލޭނުގައި ވާ އެންމެ މައިގަނޑު އެއް އަމާޒަކީ 2027 ވަނަ އަހަރާއެކު، އަހަރަކު ފަތުރުވެރިކަމުގެ ދާއިރާއިން ހަ ބިލިއަން ޑޮލަރު ރާއްޖެއަށް ލިބުމެވެ. މި އަހަރު ރާއްޖެއަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ ހަ ބިލިއަން ޑޮލަރެވެ.

މި ޕްލޭނުން ޙާސިލްކުރަން ބޭނުންވާ 15 ލަނޑުދަނޑިއެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

1. ރާއްޖޭގެ ހުރިހާ އަތޮޅަކުގެ ރަށްތަކުގެ މީހުންނަށް ފަތުރުވެރިކަމުން ލިބޭ މަންފާ އިތުރުކުރުން.

2. ރާއްޖޭގައި ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ހިއްސާ ކުރެވޭ މައުލޫމާތުތަކަކީ ރާއްޖެއަށް ޝައުގުކުރުވަނިވި ސިފަތައް އެންމެ ފުރިހަމައަށް، ސާފުކޮށް ހިއްސާކުރެވޭ މައުލޫމާތުތަކެއް ކަމަށް ވުން.

ފަތުރުވެރިކަމުގެ އައު މާސްޓާ ޕްލޭން ލޯންޗުކުރުމުގެ ތެރެއިން --- ފޮޓޯ/ ޓުއަރިޒަމް މިނިސްޓްރީ

3. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ތަފާތު އަދި އައު އުފެއްދުންތަކާއި ތަޖުރިބާތައް ފަތުރުވެރިކަމުގެ ދާއިރާއަށް ތަޢާރަފްކުރުން.

4. ރާއްޖޭގ ފަތުރުވެރިކަމުގެ ދާއިރާގައި ޝާމިލުވާ އެންމެހާ ފަރާތްތަކުން މޫސުމަށް އަންނަ ބަދަލުތަކާއި ރާއްޖޭގެ ގުދުރަތީ ހަޒާންތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުން.

5. ރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އިއާދަކުރުވަނިވި ހަކަތައިގެ ނިޒާމުތައް ޤާއިމްކުރުމަށް ބާރުއަޅައި، ތިމާވެއްޓަށް ކުރާ އަސަރުގެ "ނެޓް-ޒީރޯ" ޙާސިލްކުރުމަށް މަސައްކަތްކުރުން.

6. އެންމެހާ ފަތުރުވެރިންނަށް ޒަމާނީ ފެންވަރުގެ ދަތުރުފަތުރުގެ ޚިދުމަތް ކަށަވަރުކުރުން.

7. ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިން ދަމަހައްޓައި، މަސައްކަތްތެރިން އެ ސިނާއަތަށް ޝައުގުވެރިކުރުވުން.

8. ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އިންވެސްޓްމެންޓްތަކާއި އީޖާދީ ފައިނޭންސް ކުރުމުގެ ފުރުސަތުތައް މަގުފަހިކޮށް، އެފަދަ އިންތިޒާމްތައް ޤާއިމްކުރުމަށް ބާރުއެޅުން.

9. ވިޔަފާރިކުރުމަށް މަގުފަހިކުރުމަށްޓަކައި ގެންނަންޖެހޭ ޤާނޫނީ ބަދަލުތަކާއި އިސްލާޙުތައް ގެނައުން.

10. ފަތުރުވެރިކަމުފެ ދާއިރާ ޑިޖިޓަލައިޒްކުރުން އަވަސްކުރުން.

11. ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކޮށް ދެމެހެއްޓުމުގައި ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން އެއްބައެއްގެ ގޮތުގައި އެއް އަމާޒަކަށް މަސައްކަތްކުރުން.

12. ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ދިރާސާތަކާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް، އެދާއިރާ ކުރިއެރުވުން.

13. ރާއްޖޭގެ ސިއްހީ އަދި ސަލާމަތާއި ގުޅުންހުރި ނިޒާމްތައް ހަރުދަނާކުރުން.

14. ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި، ދާއިމީ ހެޔޮ ބަދަލުތަކެއް ޤާއިމްކުރެވޭނެ މިންގަނޑުތަކެއް ތަޢާރަފްކުރުން.

15. ރާއްޖޭގެ ފަތުރުވެރިކަމަކީ ކޮންމެ އުމުރެއްގެ އަދި ކޮންމެ ބާވަތެއްގެ މީހަކަށް ވެސް ފަސޭހަކަމާ އެކު ބޭނުންކުރެވޭނެ ޚިދުމަތަކަށް ވުން.

ފަތުރުވެރިކަމުގެ އައު މާސްޓާ ޕްލޭން ލޯންޗުކުރުމުގެ ތެރެއިން --- ފޮޓޯ/ ޓުއަރިޒަމް މިނިސްޓްރީ

މި ޕްލޭނަކީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު (އޭޑީބޭ) ގެ އެހީއާކު ތައްޔާރުކުރެވިފައިވާ ޕްލޭނެކެވެ. މި މާސްޓާ ޕްލޭންގައި ޖުމްލަ 10 ކޮންސަލްޓަންޓުން މަސައްކަތްކޮށްފައިވާއިރު އޭގެ ތެރެއިން އަށް ކޮންސަލްޓެންޓުން އައްޔަންކޮށްފައިވަނީ ލޯކަލް ކޮންސަލްޓެންސީގެ އުސޫލުންނެވެ.

އަދި މި ޕްލޭނުގެ ލީޑް އާއި މާކެޓިން އެންޑް ޕްރޮޑަކްޓް ޑިވެލޮޕްމެންޓް ކޮންސަލްޓަންޓް އައްޔަންކުރެވުނީ ބައިނަލްއަގުވާމީ ކޮންސަލްޓެންޓީގެ އުސޫލުންނެވެ.

މި މާސްޓާޕްލޭން އެކުލަވާލާފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ހުރި އިސްތިރާޖީ އަދި އެނޫނަސް ހިރާސްތަކާއި ގޮންޖެހުންތަކަށް ހުރަސްކޮށް، އެ ދާއިރާ ކުރިއަރުވަން ކުރާނެ މަސައްކަތްތަކާއެކުއެވެ.

އެގޮތުން ފަސް އަހަރަށް އެކުލަވާލާފައިވާ އެ ޕްލޭނުން ހާސިލުކުރެވިފައިވާ މިންވަރު 2025 ވަނަ އަހަރު ނިމެންވާއިރަށް ބަލައި، މަަގުސަދުތައް ހާސިލު ކުރުމަށް ޕްލޭނަށް ބަދަލެއް ގެންނަން ޖެހޭނަމަ، އެކަން ކުރާނެއެވެ.

comment ކޮމެންޓް