ކާވާ ވިމެންސް ޗެލެންޖް ކަޕް: ދެ މެޗުން ރާއްޖެ ބަލިވެ، ސެމީގެ އުންމީދަށް ހުރަސްތަކެއް

ކާވާ ވިމެންސް ޗެލެންޖް ކަޕްގައި ވާދަކުރުމަށް ނޭޕާލަށް ފުރި ގައުމީ އަންހެން ވޮލީ ޓީމު -- ފޮޓޯ/ ވީއޭއެމް

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ޗެލެންޖް ކަޕްގެ ފުރަތަމަ ދެ މެޗުން ރާއްޖެ ބަލިވެ، ސެމީ ފައިނަލުގެ އުންމީދުތަކަށް ހުރަސް އެޅިއްޖެއެވެ.

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދާ އެ މުބާރާތުގެ ގްރޫޕު ސްޓޭޖުގައި އިއްޔެ ރާއްޖެއިން ކަޒަކިސްތާން އަތުން ބަލިވި އިރު، މިއަދު ކުޅުނު މެޗުގައި އުޒްބަކިސްތާނު އަތުން ވެސް ވަނީ ބަލިވެފައެވެ.

ރާއްޖޭގެ ފުރަތަމަ މެޗުގައި އިއްޔެ ކަޒަކިސްތާން އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. ކަޒަކިސްތާނުގެ ވަރުގަދަ ކުޅުން ހުއްޓުވުމަށް ރާއްޖޭގެ ޓީމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު އެ މެޗުގެ ސެޓުތައް ކަޒަކިސްތާނުން ގެންދިޔައީ 16-25، 14-25 އަދި 6-25 އިންނެވެ.

ރާއްޖެއިން މިއަދު ނުކުތް އުޒްބަކިސްތާން ވެސް ވެގެންދިޔައީ ވަރުގަދަ ކުޅުމެއް ދެއްކި ޓީމަކަށެވެ. އުޒްބަކިސްތާނުގެ އެޓޭކުތައް ނުހިއްޓި، އެ މެޗުން ވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް އުޒްބަކިސްތާނުން ގެންދިޔައީ 18-25، 14-25 އަދި 4-25 އިންނެވެ.

އިއްޔެ އިން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގައި ރާއްޖެ ހިމެނެނީ ސްރީލަންކާ އާއި ކަޒަކިސްތާން އަދި އުޒްބަކިސްތާނާއެކު "ޕޫލް ބީ" ގައެވެ. "ޕޫލް އޭ" ގައި ހިމެނެނީ ނޭޕާލާއި އިންޑިއާ އާއި ބަންގުލަދޭޝްގެ އިތުރުން ކިރްގިސްތާނެވެ. އެ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަތައް ލިބިގެންދާނީ ދެ ގްރޫޕުން އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތަކަށެވެ. ދެން ހިމެނޭ ޓީމުތައް ވާދަކުރަން ޖެހޭނީ ރެލިގޭޝަން ބުރުގައެވެ.

އެ މުބާރާތުގެ ގްރޫޕު ސްޓޭޖުގައި ރާއްޖެއަށް ދެން އޮންނާނީ އެންމެ މެޗެކެވެ. އެ މެޗުގައި ރާއްޖެ ނުކުންނަން ޖެހޭނީ ދެކުނު އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ސްރީލަންކާއާ ދެކޮޅަށެވެ.

ބައިނަލްއަގުވާމީ މުބާރާތަކުން ރާއްޖޭގެ އަންހެން ވޮލީ ޓީމު ހޯދި އެންމެ ބޮޑު ކާމިޔާބަކީ 2021 ވަނަ އަހަރު ބޭއްވި އޭޝިއަން ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ހޯދި ރިހި މެޑަލްއެވެ. ބަންގުލަދޭޝްގައި ކުރިއަށްދިޔަ އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިވީ ނޭޕާލް އަތުންނެވެ. އެ މުބާރާތުގައި ރާއްޖެ އާއި ނޭޕާލްގެ އިތުރުން ބަންގުލަދޭޝް އާއި ކިރްގިސްތާން ވެސް ވާދަކުރިއެވެ.

comment ކޮމެންޓް