ދިވެހިންގެ ނިވަލުގައި ބިދޭސީން ހިންގާ ވިޔަފާރިތަކަށް ހަރުކަށި ފިޔަވަޅު އަޅަނީ

މާލޭ ކަންމަތީ ފިހާރައެއްގައި ބިދޭސީ މީހަކު ފިހާރަ ސޭޓުކަން ކުރަނީ. ފިހާރައިގެ ސޭޓަކަށް ބިދޭސީއަކު ލުމަކީ މަނާކަމެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމެއްގައި ދިވެއްސަކު ހުރެ، ބިދޭސީންނަށް މަންފާލިބޭގޮތަށް ވިޔަފާރިކުރާނަމަ، އެ ވިޔަފާރިއެއްގެ ހުއްދަ ބާތިލްކުރެވޭގޮތަށް އަމިއްލަ ފަރުދުންގެ ވިޔަފާރި ޤަވާއިދު އަލުން އިސްލާހުކޮށް އިކޮނޮމިކް މިނިސްޓްރީން ގެޒެޓްކޮށްފިއެވެ.

މިހާރު އަމަލުކުރަން ފަށާފައިވާ މި ޤަވާއިދު އެކުލަވާލާފައިވަނީ، ސީދާ އަދި ނުސީދާ ގޮތުން ބިދޭސީ ފަރާތަކަށް މަންފާ ލިބޭ ގޮތަށް ހިންގަމުންދާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް ވާގިވެރިވާ ފަރާތްތަކުގެ ވިޔަފާރި ރަޖިސްޓަރީ ބާތިލުކުރެވޭގޮތަށެވެ.

މިގޮތުން މި ޤަވާއިދަށް ގެނައި އިސްލާހާއެކު، އެފަދަ ފަރާތްތައް 100,000 ރުފިޔާ އިން ޖޫރިމަނާކޮށް، 5 އަހަރު ދުވަހުގެ މުއްދަތަށް އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓްރީނުކުރެވޭނެ ފަރާތެއްގެ ގޮތުގައި ކަނޑައެޅެއެވެ.

މި ޤަވާއިދުގައި ވާގޮތުން އެފަދަ ގޮތަކަށް ވިޔަފާރިއެއްގެ ރަޖިސްޓްރީ ބާތިލްކޮށްފިނަމަ ސަބަބު ބަޔާންކޮށް އާއްމުކުރަން ޖެހެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ފަރުދުންގެ ވިޔަފާރި ޤަވައިދު އަލުން އިސްލާހުކުރީ ބިދޭސީން ހިންގާ އެފަދަ ވިޔަފާރިތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ދިވެހިރައްޔިތުންނަށް ލިބޭ އިޤްތިޞާދީ ފުރުޞަތުތައް ހަނިވިޔަ ނުދިނުމަށްޓަކައި ފިޔަވަޅު އަޅާނެ ދެފުށްފެންނަ އިންތިޒާމެއް ޤާއިމުކުރުމަށް ކަމަށެވެ.

މި ޤަވާއިދުގައި އަލަށް އެކުލަވާލާފައިވާ ކަންކަމުގެ ތެރޭގައި، ވިޔަފާރިކުރާ ތަނުގެ ބޭރުގައި ނުވަތަ ދުވާރު މަތީގައި މުދާ ބަހައްޓައިގެން ވިޔަފާރިކުރާ ފަރާތްތައް ޖޫރިމަނާ ކުރެވޭ އުސޫލެއް ވެސް ވަނީ ހިމަނާފައެވެ. މިގޮތުން މި އުސޫލާ ހިލާފްވާ ފަރާތްތައް 1,000ރުފިޔާ އާއި 100,000ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވެއެވެ.

ދިވެހިރާއްޖޭގައި ހިނގާ އިޤްތިޞާދީ ޙަރަކާތްތަކުގައި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ހިއްސާ ބޮޑެވެ. ނަމެއްގައި ދިވެއްސަކު ހުރެ، ބިދޭސީން ހިންގަމުން އަންނަ ވިޔަފާރިތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މިކަމަކީ ހުއްޓުވަން ޖެހިފައިވާ ކަމެއްކަމަށް ސަރުކާރުން އަބަދުވެސް އަންނަނީ ބުނަމުންނެވެ.

އެހެން ނަމަވެސް، މިކަން ހުއްޓުވަން ސަރުކާރަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅާ ކަމުގެ ޝަކުވާ އާއި ކަންބޮޑުވުން އާންމުންގެ ތެރޭގައި އަބަދުވެސް ބޮޑެވެ.

comment ކޮމެންޓް