އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭގެ މަޝްރޫއުގެ ދަށުން ބަނދަރާއި އެކަމާ ގުޅުން ހުރި ޚިދުމަތްތައް ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކުރުމަށް މިއަދު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ މަޝްރޫއުގެ ޑެވެލޮޕަރުގެ ހައިސިއްޔަތުން އެ އެއްބަސްވުމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓު ފްރީ ޒޯންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމެވެ. އަދި އެ މަސައްކަތްތަކާ ހަވާލުވި ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު (ސީއޭއައި)ގެ ފަރާތުން ސޮއިކޮށްކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު ޓަން ކުން ޗިއާއޯ ޖޯޖްއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން އިހަވަންދިއްޕޮޅު ސަރަހައްދު ވިޔަފާރިއާއި ލޮޖިސްޓިކްސް ހަބަކަށް ބަދަލުކުރުމަށް ސަރުކާރުން ރާވާފައިވާ ޕްލޭނާ އެއްގޮތަށް، މޯލްޑިވްސް ގޭޓްވޭ މަޝްރޫއުގެ ސްކޯޕާއި ފިޔަވަހިތައް ތަރައްގީ ކުރުމަށް ބޭނުންވާ ޕްލޭން އެކުލަވައިލާނެ ކަމަށެވެ. މީގެ އިތުރުން ފައިނޭންޝަލް އެސެސްމެންޓް ހެދުމާއި މަޝްރޫއު ކުރިއަށްގެންދިޔުމަށް ބޭނުންވާ މުހިންމު ކޮމާޝަލް ޓާމްސް ކަނޑައެޅުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ މިއީ ވަރަށް ތާރީޚީ އެއްބަސްވުމެއް ކަމަށާއި މިއީ އިގުތިސާދު ސިންދަފާތު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލުވުމަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެ މަސައްކަތުގައި އެހީވުމަށް ސީއޭއައިން ނިންމައިފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވައި، މި މަޝްރޫއު ކުރިއަށްގެންދަވަން ރައީސް ނިންމެވިއިރު އެ މަނިކުފާނަކީ މިފަދަ މަސައްކަތްތަކަށް ގާބިލު ބޭފުޅެއްކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން އިހަވަންދިއްޕޮޅުގައި މެރިޓައިމް ޚިދުމަތްތައް ދޭން ކުރީ ސަރުކާރުތަކުން ވެސް ރޭވި ނަމަވެސް ކާމިޔާބުވެފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ކުރީގެ ބައެއް ސަރުކާރުތަކުން ވެސް [މި ޚިދުމަތްތައް ފެށުމަށް] ވިސްނައިފައިވޭ. ނަމަވެސް އެކަން ހަގީގަތަކަށް ހަދަން ފިޔަވަޅު އަޅައިފައި ނުވޭ. އެހެންވެ އަޅުގަނޑު ވަކިން މި ފާހަގަކުރަނީ ރައީސް މުއިއްޒަކީ ޒުވާން، ތައުލީމީ އަދި އިންޖިނިއަރެއްގެ ތަޖުރިބާ ހުރި ބޭފުޅެއްކަން،" ސައީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސީއޭއައިގެ މަސައްކަތްތަކަށް ސަރުކާރާއި ދިވެހީން އެއްބާރުލުން ދޭނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ޝިމާދު ވިދާޅުވީ މިއަދު ސޮއިކުރި ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން ފީސިބިލިޓީ ސްޓަޑީތަކާއި ޓެކްނިކަލް މަސައްކަތްތަކާއި އިހަވަންދިއްޕޮޅުގައި މެރިޓައިމް ޚިދުމަތްތައް ފެށުމަށް ސީއޭއައިއިން އިންވެސްޓް ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަ މަސް ތެރޭގައި އެ ކުންފުންޏާއެކު ދާއިމީ އެއްބަސްވުމެއް ހެދޭނެ ކަމަށް ބެލެވޭ ކަމަށާއި އެއާއެކު 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ހަމަޖެއްސުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ފެސިލިޓީ ބޭނުންކުރާނީ އިހަވަންދިއްޕޮޅުގައި މެރިޓައިމް ޚިދުމަތް ދިނުމަށް ބޭނުންވާ ބިމާއި ބަނދަރާއި ކީވޯލްއައި ވެއާހައުސް އާއި ފަތުރުވެރިކަމައި ރެއަލް އެސްޓޭޓް ޚިދުމަތްތައް ފަށަން ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ ކާމިޔާބު ޕާޓްނާޝިޕަކަށް ވާނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަން އަދި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭއަކީ ރާއްޖޭގެ އިގުތިސާދު ކުރިއަރުވައި އިތުރު ހަރުފަތަކަށް ގެންދާނެ ސްޓްރެޓީޖިކް އިންވެސްޓްމެންޓަކަށް ވާނެ ކަމަށް އުއްމީދު ކުރަން،" ޝިމާދު ވިދާޅުވިއެވެ.
ޓްރާންޝިޕްމަންޓާއި ރީއެކްސްޕޯޓް ވިޔަފާރިއަށް ޚާއްސަކޮށްގެން ސަރުކާރުން އުފެއްފި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން އުފައްދާފައިވަނީ އެސްޓީއޯ، އެމްޕީއެލް، އެމްއޭސީއެލް، އާބަންކޯ އަދި އެމްޓީސީސީ ގުޅިގެންނެވެ.
ރާއްޖޭގެ އިގުތިސާދަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަގުސަދުގައި މިދިޔަ ސެޕްޓެމްބަރު މަހު އިހަވަންދިއްޕޮޅުގައި ވަނީ ރަސްމީކޮށް ބަންކަރިންގެ ޚިދުމަތް ފަށައިފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ "އައިހެވަން"ގެެ ނަމުގައި އިހަވަންދިއްޕޮޅުގައި އިންޓަގްރޭޓޭޑް ޕްރޮޖެކްޓެއް ހިންގަން އިއުލާނުކޮށްފައެވެ. .އެ މަޝްރޫގައި ބަނދަރަކާއި އެއާޕޯޓަކާއި ބަންކަރިންގެ ޚިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން އޮތީ ހިމަނައިފައެވެ.
ނަމަވެސް އެ ޕްރޮޖެކްޓު ކުރިއަށްގެންދާނެ އިންވެސްޓަރަކު ލިބިފައެއް ނުވެއެވެ.