ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރަށް ސަރުކާރުން ހުށަހަޅާފައިވާ ބިލްތަކުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުމުގެ ބިލް ހިމަނާފައި ނުވާތީ ސިޔާސީގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒު ވެއްޖެއެއެވެ.
މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިދިޔަ ބުރާސްފަތި ދުވަހު ފަށާފައިވާއިރު، ދެވަނަ ދައުރަށް ސަރުކާރުން ހުށަހަޅާ ބިލްތަކުގެ ލިސްޓެއް ބަންޑާރަ ނައިބުގެ އޮފީހުން އިއްޔެ ވަނީ އާންމުކޮށްފައެވެ. ނަމަވެސް އެ ބިލުތަކުގެ ތެރޭގައި ޖޭއެސްސީ އިސްލާހު ކުރުމުގެ ބިލް ނުހިމެނެއެވެ.
ޖޭއެސްސީ އިސްލާހު ކުރުމަކީ އެޖެންޑާ 19 މެނިފެސްޓޯގައި ހިމަނާފައިވާ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް ދައުރު ނިމެން ކައިރިވެފައިވާއިރު ޖޭއެސްސީ އިސްލާހުކުރުމަށް އެއްވެސް މަސައްކަތެއް ސަރުކާރުން ކޮށްފައިނުވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޖޭއެސްސީ އިސްލާހުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން މިދިޔަ އަހަރު ފަށާފައިވާއިރު، މަޖިލީހުގެ ފުރަތަމަ ދައުރުގައި އެ އިސްލާހު ހުށަހަޅަން އޭޖީ އޮފީހުން ނިންމި ނަމަވެސް ދައުރު ނިމި މަޖިލިސް ޗުއްޓީއަށް ދިޔަ އިރުވެސް އެ ބިލު ހުށަހަޅާފައެއް ނުވެއެވެ.
އެއަށްފަހު އެންމެންވެސް ހީކޮށްގެން ތިބީ މަޖިލީހުގެ ދެވަނަ ދައުރަށް އެ ބިލު ހުށަހަޅާނެ ކަމަށެވެ. ނަމަވެސް މި ފަހަރުވެސް އެ ބިލުގެ ނިޝާނެއް ނެތެވެ.
އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން، ޖޭއެސްސީ އިސްލާހު ކުރުމުގެ ބިލު ސަރުކާރުން ހުށަހަޅާފައި ނުވަނީ ރައީސް ޞާލިޙް އެ ވައުދު ފުއްދަވައި އަވަދިވެވަޑައިގެންތޯ އައްސަވައި މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަޙްމަދު ތޯރިގް (ޓޮމް) ސުވާލު އަމާޒުކުރައްވާފައިވެއެވެ.
މެމްބަރު ތޯރިގް ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް މީގެކުރިން މަޖިލީހަށް އެކި ފަހަރުމަތިން ބިލު ހުށަހަޅާފައެވެ. ނަމަވެސް އެ ބިލްތައް ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.
ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ޖޭއެސްސީ އިސްލާހު ކުރުމުގެ އެއްވެސް ނިޔަތެއް މި ސަރުކާރުގެ ނެތް ކަމަށާއި، އެއީ ހަމައެކަނި ވޯޓް ހޯދުމުގެ ބޭނުމުގައި ދެއްކެވި ވާހަކައެއް ކަމަށެވެ.
އަދި، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވެސް ވަނީ އެކަމާމެދު ކޮންބޮޑުވުން ފާޅުކުރައްވާފައެވެ.
ޖޭއެސްސީ މިހާރު އެކުލަވާލާފައިވާ ގޮތުން އެ ކޮމިޝަނަށް ސިޔާސީ ނުފޫޒު ފޯރުވޭ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކޮށްފައިވެއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން މިހާރު އެކުލެވިގެންވާ ގޮތަށް ބަލާއިރު، މިހާރު އެ ކޮމިޝަނުގައި ތިއްބަވަނީ އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، ބަންޑާރަ ނައިބާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ގާނޫނީ ވަކީލުންގެ ތެރެއިން ވަކީލެއްގެ އިތުރުން، ދަށު ކޯޓުތަކުގެ ފަނޑިޔާރަކާއި، ހައި ކޯޓު ފަނޑިޔާރަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ. މިސަރުކާރުން ވައުދުވީ އެ ގޮތް ބަދަލު ކުރުމަށެވެ.