ޖޭއެސްސީ އިސްލާހު ކުރުމުގެ ބިލް މި ދައުރުގައި މަޖިލީހަށް ހުށަހަޅަނީ

ޖޭއެސްސީގެ މެމްބަރުން --- ފޮޓޯ/ ޖޭއެސްސީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުން ހިމެނޭހެން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް 23 ބިލެއް ހުށަހަޅަން ނިންމާފައި ވާކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

މި 23 ބިލުގެ ތެރޭގައި އަލަށް އެކުލަވާލާ ހަ ބިލެއް ހިމެނެއެވެ. އެއީ:

  • ހައްޖާއި އުމުރާގެ ބިލު

  • އިސްރަށްވެހިންގެ ބިލު

  • ފޮރިން އިންވެސްޓްމަންޓްގެ ބިލު

  • އިންޑަސްޓްރިއަލް ރިލޭޝަން ބިލު

  • މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލު

  • އަބުރާ ބެހުމުގެ ސަބަބުން ބަދަލު ނަގައިދިނުމުގެ ބިލު

ދެން ހިމެނެނީ ގާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހަޅާ ބިލްތަކެވެ.

https://twitter.com/AGOmv/status/1622173222224658432?cxt=HHwWgIDQre78joMtAAAA

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ އެމްޑީޕީގެ ރިޔާސީ ވައުދަކަށްވާއިރު، އެކަން ތަންފީޒުކުރުމަށްޓަކައި މިހާތަނަށް މާ ބޮޑު މަސައްކަތެއްކޮށްފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

އެ ކޮމިޝަން އެކުލެވިގެންވާގޮތް ބަދަލުކުރަން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވަނީ ދެ ފަހަރެއްގެމަތިން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވައިފައެވެ. ނަމަވެސް އެމްޑީޕީ މެންބަރުންގެ ތާއީދު ނުލިބުމުން ކޮންމެ ފަހަރަކު ވެސް އެ ބިލް މަޖިލީހަށް ބަލައިގަތުމަށް ފާހެއް ނުވެއެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވާގޮތް

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް
  • ރައީސުލްޖުމްހޫރިއްޔާގެ މެންބަރު
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް
  • ހައިކޯޓުގެ ފަނޑިޔާރެއް
  • ދަށު ކޯޓެއްގެ ފަނޑިޔާރެއް
  • އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު
  • ސިވިލްސާވިސް ކޮމިޝަނުގެ ރައީސް
  • އެޓާނީ ޖެނެރަލް
  • ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ބޭފުޅެއް

އެ ކޮމިޝަން މިހާރު އެކުލަވާލެވިފައިވާ ގޮތުން ކޮންމެ ސަރުކާރަކުން ވެސް ޝަރުއީ ދާއިރާއަށް ނުފޫޒުފޯރުވަމުންދާ ކަމުގެ ތުހުމަތު އަބަދުވެސް ކުރެވެއެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި މިހާތަނަށް ކުރިއަށްގެންދިޔަ މަޝްވަރާއާއި، ކަމާގުޅޭގޮތުން ކޮށްފައިވާ ދިރާސާގެ އަލީގައި "ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރުން" މި ނަމުގައި އެކުލަވާލާފައިވާ ކަރުދާހެއް، ދާދި ފަހުން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އާންމު ކޮށްފައެވެ.

ޖޭއެސްސީގައި ސިޔާސީ މީހުން ތިބުމަށް ޝަރުއީ ދާއިރާ އާއި ގިނަ ރައްޔިތުން ވެސް ދެކޮޅުކަން ހާމަކުރި ނަމަވެސް އެއީ މައްސަލައެއް އޮތް ކަމެއް ނޫން ކަމަށް އެ ކޮމިޝަނުގައި މިހާރު ތިބި މެންބަރުން ދެކޭކަން އެ ކަރުދާހުން އެނގެއެވެ.

comment ކޮމެންޓް