އަބްދުﷲ ރަޝީދު މަރުވީ ފުލުހުންގެ އިހުމާލުންކަން ސާބިތެއް ނުވޭ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ / ފޮޓޯ: މަޖިލިސް

ފުލުހުންގެ އިހުމާލުން މަރުވިކަމުގެ ތުހުމަތުކުރާ އަބްދުﷲ ރަޝީދު މަރުވީ ފުލުހުންގެ ފަރާތުން އަނިޔާއެއް ލިބިގެން ނުވަތަ އިހުމާލެއް އޮވެގެން ކަން ސާބިތުވާނެ އެއްވެސް ހެއްކެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އަބްދުﷲ މަރުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމަށް ފަހު ގދ. ހޯނޑެއްދުއިން އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައި ހުއްޓާ މެޔަށް ތަދެއް އަރައިގެންނެވެ. ތަދު އެރުމާއެކު ފަރުވާ ދިނުމަށް ފުލުހުންގެ ގާތު އަބްދުﷲ އެދުނު ކަމަށާއި ނަމަވެސް އެއީ އެކްޓް ޖެއްސުން ކަމަށް ބުނެ ފުލުހުން ފަރުވާ ނުދިން ކަމަށް އޭނާގެ އާއިލާއިން ތުހުމަތުކުރެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވަނީ އަބްދުﷲ ރަޝީދުގެ މަރަށް ހަތް މަސް ދުވަސް ވާން ކައިރި ވެފައިވާއިރު، އެ މައްސަލައިގައި މިހާތަނަށް މިނިސްޓްރީން އަމަލު ކޮށްފައިވާ ގޮތާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. އެގޮތުން، ޕޯސްޓްމޯޓަމް ހެދުމަށް ފަހު އާއިލާއަށް ފުލުހުންގެ އެއްވެސް ޚަބަރެއް ނުވާ ކަމަށް ވިދާޅުވެ ފިރުޝާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"ވަޒީރު ވިދާޅުވެ ދެއްވާ ކޮން ކަމެއްތޯ ކުރެވުނީ. ޕޯސްޓްމޯޓަމް ހެދި ފަހުން އާއިލާއަށް އެންމެ ފޯން ކޯލެއް ވެސް ގޮއްސައެއް ނުވޭ. ޕޯސްޓްމޯޓަމް ހެދިފަހުން ތިބޭފުޅުންގެ އެއްވެސް ޚަބަރެއް ނުވޭ. ތިބޭފުޅުންގެ ތަހުގީގަށް ވީ ގޮތެއް ނޭނގޭ،" މެމްބަރު ވިދާޅުވިއެވެ.

މެމްބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓާރު އިމްރާން ވިދާޅުވީ އެ މައްސަލައިގައި ޔަގީން ކުރަން ބޭނުންވީ އަބްދުﷲ ރަޝީދުގެ މަރުގެ ފަހަތުގައި ފުލުހުންގެ އިހުމާލެއް ވޭތޯ ކަމަށާއި، ނަމަވެސް ފުލުހުންގެ ތަހުގީގަށް އެފަދަ އެއްވެސް ކަމެއް ފާހަގަވެފައި ނުވާ ކަމަށެވެ.

އަޅުގަނޑު ހިތުން އެކަމުގައި ޔަގީން ކުރަން ބޭނުންވީ ފުލުހުންގެ ސީދާ އަމަލެއް އޮވެގެންތޯ ނޫނީ ފުލުހުން އެކަމުގައި އިހުމާލެއް އޮވެގެންތޯ އަބްދުﷲ ރަޝީދު މަރުވުމަށް މެދުވެރި ވީ. އެކަމުގައި ފުލުހުންގެ ސީދާ އަނިޔާއެއް އޮވެގެން ނުވަތަ ގަސްތުގައި އިހުމާލެއް އޮވެގެން އޭނާ މަރުވުމަށް ދިމާވި ކަމަށް ސާބިތުވާނެ އެއްވެސް ހެއްކެއް ނެތް. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މިނިސްޓަރު އިތުރަށް ވިދާޅުވީ، ތުހުމަތެއް ކުރެވުމުން އެކަމުގެ މައްޗަށް އޭނާ އަށް ކުރެވޭނެ އިތުރު ކަމެއް ނޯންނާނެ ކަމަށާއި، ފުލުހުންގެ ތަހުގީގުން އެކަން ސާބިތު ނުވާ ހާ ހިނދަކު އެކަމާ ގުޅިގެން ކުރެވޭނެ އިތުރު ކަމެއް ނޯންނާނެ ކަމަށެވެ.

އެ މައްސަލައިގައި ކަން ހިނގާ ދިޔަ ގޮތް ތަހުގީގީ ނަޒަރަކުން ބަލާއިރު މުޅިން ތަފާތު ކަމަށް މިނިސްޓަރު މީގެކުރިން ވިދާޅުވެފައިވެއެވެ. އެހާދިސާގައި ދެފަރާތުން ކަން ހިނގާދިޔަ ގޮތް ބެލި ކަމަށާއި، މެދުތެރެއިން ފެނިފައިވާ ބައެއްގެ މައްޗަށް ރިއާޔަތްކޮށް އެވަރުގެ ނިންމުމެއް ނިންމުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށް ވެސް މިނިސްޓަރު އޭރު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް