ފަރުމާ ކުރުމަށް ކުޅަދާނަ ބްރިގޭޑިއާ ޖެނެރަލް މަތީން ރިޓަޔާ ކުރައްވައިފި

ބްރިގޭޑިއާ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދު: 35 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު މިއަދު ވަނީ ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވާފައި--- ފޮޓޯ: އެމްއެންޑީއެފް

ސިފައިންގެ އިދާރީ ހިންގުމާއި ފަރުމާ ކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރެއްވި ބްރިގޭޑިއާ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދު، 35 އަހަރަށް ފަހު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު މިއަދު ރިޓަޔާ ކުރައްވައިފިއެވެ.

މަތީން ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1987 ވަނަ އަހަރުގެ ޖުލައި މަހުގެ 01 ވަނަ ދުވަހުއެވެ. އޭނާ ވަނީ ސިފައިންގެ ތަފާތު އެކި ދާއިރާތަކުގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ދިވެހި އަސްކަރިއްޔާގައި އެންމެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައި ވަނީ ދިފާއީ ވުޒާރާގެ އިދާރީ އަދި ހިންގުމުގެ ދާއިރާގައެވެ.

މަތީން ރިޓަޔާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާއެކު-- ފޮޓޯ: އެމްއެންޑީއެފް

ހަމައެއާއެކު މަތީނަކީ ކުޅަދާނަ ފަންނުވެރިއެކެވެ. ސިފައިންގެ ޔުނީފޯމްތަކާއި ބެޖުތަކާއި މެޑަލްތަކުގެ އިތުރުން ރައީސުން ދެއްވާ އެކި ޝަރަފުވެރި އިނާމްތައް އޭނާ ފަރުމާ ކުރައްވާފައިވެއެވެ. ވިޝުއަލް އާޓްސްގެ ދާއިރާއިން، ލިޔުމާއި، ކުރެހުމާއި، ފަރުމާކުރުމުގެ ރޮނގުން 2016 ވަނަ އަހަރު ވަނީ އޭނާއަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމްވެސް ލިބިވަޑައިގެންފައެވެ.

މަތީން ރިޓަޔާ ކުރެއްވުމަށް މިއަދު ބަންޑާރަކޮށީގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުމާ ގުޅިގެން ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސިޓީފުޅާއި މެޑަލް ބޯޑު، އޭނާއާ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއެވެ.

މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލު ވަނީ ސިޓީފުޅަކާއި ފޮޓޯ ބޯޑު ހަވާލުކޮށްދެއްވާފައެވެ. މަތީންގެ ރިޓަޔާމަންޓްގެ ރަމްޒީ ކާޑް ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފެވެ.

ބްރިގޭޑިއާ ޖެނެރަލް މަތީން ސިފައިންގެ ޕެރޭޑެއްގައި-- ފޮޓޯ: އެމްއެންޑީއެފް

ސިފައިންގޭގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ މަތީން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އިސްމާއީލް ޝަފީއުގެ އަރިހުން ފެށިގެން މިހާތަނަށް ޑިފެންސް މިނިސްޓަރުކަން ކުރެއްވި ހުރިހާ ބޭފުޅުންގެ އަރިހުގައި އިދާރީ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވެލެއްވިއެވެ. އެންމެ ފަހުން މަތީން ހުންނެވީ މިލިޓަރީ ސެކްރެޓަރީ ޓު ދަ މިނިސްޓާ އޮފް ޑިފެންސްގެ މަގާމުގައެވެ.

މަތީން ރިޓަޔާ ކުރެއްވުމާ ގުޅިގެން ޝަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއަކީ ރަނގަޅު އަޚުލާގެއްގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.

"ބްރިގޭޑިއާ ޖެނެރަލް މަތީން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމާ ގުޅިގެން އަޅުގަނޑުމެން ތަހުނިޔާ ދަންނަވަން. ކުރިއަށް އޮތް ތަނުގައި ކުރައްވާ މަސައްކަތްތަކަށް ހެޔޮއެދުންތައް އަރިސްކުރަން،" ޝަމާލް ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އާއި މަތީން އާއި އޭނާގެ އާއިލާ ސިފައިންގެ އިސް ބޭފުޅުންނާއެކު-- ފޮޓޯ:އެމްއެންޑީއެފް

ސިފައިންގެ ޚިދުމަތުގައި ދިވެހި އަސްކަރިއްޔާގައި ކޮށްދެއްވާފައިވާ އިޚްލާސްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތަކާއި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚުލާގުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 11 މެޑެއްޔާއި 12 ކުލަ މަތީނަށް ވަނީ ލިބިލައްވާފައެވެ.

comment ކޮމެންޓް