ގާތްގަނޑަކަށް މަސް ދުވަހުގެ މުއްދަތަކަށް އިންޑިއާ އަސްކަރިއްޔާއާ ގުޅިގެން އެމްއެންޑީއެފުން ކުރިއަށްގެންދިޔަ ތަމުރީނު ޕްރޮގްރާމު އިއްޔެ ނިންމާލައިފިއެވެ.
މިއީ "އެކަތަ"ގެ ނަމުގައި އިންޑިއާ އަސްކަރިއްޔާއާ ގުޅިގެން އެމްއެންޑީއެފުން ތަމުރީނު ޕްރޮގްރާމު ބޭއްވި އަށްވަނަ އަހަރެވެ.
އެމްއެންޑީއެފުން ބުނީ، މިދިޔަ ނޮވެންބަރު މަހުގެ 20ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ބޭއްވި މި ތަމުރީނު ޕްރޮގްރާމްގައި އެމްއެންޑީއެފްގެ މެރިން ކޯ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕުގެ އޮޕަރޭޓިވްތަކާއި މެރިން ކޯ އެމްޑީޔޫތަކުގެ މެރީންސްގެ އިތުރުން އެޖުޓަންޓް ޖެނެރަލްސް ކޯއާއި ސާވިސް ކޯއަށް ނިސްބަތްވާ ސިފައިން ބައިވެރިވި ކަމަށެވެ.
މި ޕްރޮގްރާމުގައި ހަނގުރާމައާއި ބޮޑެތި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި އުކުޅުތައް ފަރިތަކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެގޮތުން، ހެލިކޮޕްޓަރު ބޭނުންކޮށްގެން އުނދަގޫ ތަންތަނަށް ގޮސް ހިންގާ އޮޕަރޭޝަންތަކުގައި ބޭނުންކުރާނެ އުކުޅުތަކާއި، އެއްގަމާއި ކަނޑުމަތީގައި ހިންގާ އެކި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އުކުޅުތައް ފަރިތަކޮށްފައިވާ ކަމަށް، އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.