މިއަދުން ފެށިގެން އެކި ދުވަސްތަކަށް ބަހާލައިގެން, ލ. ކައްދުއާއި އދ. މާމިގިލީގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދާނެކަން އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކައްދޫގައި އަސްކަރީ ތަމްރީނުތައް އޮންނާނެ ކަމަށެވެ.
އިރުއޮއްސި ހަޔަކުން ފެށިގެން ދަންވަރު 12 ޖަހަންދެން މި ތަމްރީނުތައް ކުރިއަށްދާނެ ކަން ހާމަކޮށް އެމްއެންޑީއެފުން ބުނީ، މި ތަމްރީނުގައި ބޭނުންކުރާ ވަޒަން ދަތުރުކުރާނީ ފަސް ކިލޯމީޓަރުގެ ދުރުމިނަށް ކަމަށާއި، އަދި 300 މީޓަރު މައްޗަށް ކަމަށެވެ.
އަދި މާދަމާއިން ފެށިގެން މިމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް މާމިގިލީގައި ކުރިއަށް ގެންދާ ތަމްރީނުތަކުގައި ބްލޭންކްސްއާއި ޕައިރޯޓެކްނިކްސް ބޭނުންކުރާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެކަމަކު އެތަކެތި ބޭނުންކުރާނީ އެއްވެސް މީހަކަށް އަނިޔާވާގޮތަށް ނުވަތަ ތަނަކަށް ގެއްލުންވާ ގޮތަށް ނޫން ކަމަށްވެސް ބުންޏެވެ.
އެ ދެ ރަށަކީ ވެސް ޑޮމެސްޓިކް އެއާޕޯޓް ހިންގާ ރަށްތަކެވެ.
އެމްއެންޑީއެފުން ވަނީ، ހުޅުމާލެ ބޭރުގައި ބަޑިޖަހައިގެން އަސްކަރީ ތަމްރީނުތަކެއް މިދިޔަ ނޮވެމްބަރު މަހުގެ 20ވަނަ ދުވަހު ބާއްވައިފައެވެ.
މީގެ ކުރިން ވެސް އެމްއެންޑީއެފުން މާލެ ސަރަހައްދުގައި މިފަދަ އަސްކަރީ ތަމްރީނުތައް ބާއްވާފައިވެއެވެ. އާންމުކޮށް، އެފަދަ ތަމްރީނުތައް ބޭއްވުމުގެ ކުރިން އެ މުއައްސަސާއިން އިއުލާނުކުރެއެވެ.