ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ބަލިކޮށް، އާބަންކޯ އިން އޮފީސްތަކުގެ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ރޭ ކުޅުނު ފައިނަލުގައި ވެމްކޯގެ މައްޗަށް އާބަންކޯ އިން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ.
މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންދިޔަ އާބަންކޯ އިން ވަނީ ރޭ ކުޅުނު ފައިނަލު މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން އާބަންކޯ އިން އެ މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 25-21، 25- 21 އަދި 25-16 އިންނެވެ.
މުބާރާތަށް އާބަންކޯ އިން ނުކުތީ ވެސް ވަރުގަދަ ސްކޮޑަކާއެކުއެވެ. އެޓީމުގައި ގައުމީ ވޮލީ ޓީމުގެ ކުރީގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) އާއި، ގައުމީ ޓީމުގެ އާދަމް ފައިރޫޒާއި، ބީޗް ވޮލީ ގައުމީ ޓީމުގެ ކުޅުންތެރިޔާ ޝަމާއިލް ހުސައިން އަދި ބީޗް ވޮލީން ގޯލްޑް މެޑައްޔެއް ހޯދާފައިވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ހިމެނެއެވެ. އޭގެ އިތުރުން އާބަންކޯ ޓީމަށް އިރުޝާދު ދީފައިވަނީ ވެސް ތަޖުރިބާކާރު ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.
އާބަންކޯ އިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވަރުގަދަ ސިފައިން ބަލިކޮށްގެންނެވެ. އަދި ވެމްކޯ އިން ފައިނަލު ޖާގައެއް ހޯދީ ދެވަނަ ސެމީގައި ފުލުހުން ބަލިކޮށް، ތިންވަނަ ސެމީގައި ސިފައިން އަތުން ހޯދި މޮޅާއެކުއެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އާބަންކޯގެ ކުޑަކާއްޓޭ ހޯދި އިރު, އެންމެ މޮޅު ކޯޗަކަށް ހޮވުނީ އޭނާގެ ބޭބެ އަދި އާބަންކޯގެ ކޯޗު ކާއްޓޭއެވެ. އެންމެ މޮޅު ލިބަރޯއަކަށް ހޮވުނީ އާބަންކޯގެ އަހުމަދު މުޒްލިފެވެ. އަދި އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް އާބަންކޯގެ ސްރީލަންކާ ކުޅުންތެރިޔާ ގޮނަރާގަމަގެ ލަސިންދު ހޮވުނު އިރު, އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އާބަންކޯގެ ބަޓިސް އާއި އެޓީމުގެ ފައިރޫޒާއި ވެމްކޯގެ އަލީ ހުޒާމް (ހުޒާންޓޭ) އާއި އެޓީމުގެ ހުސައިން ޔޫސުފްގެ އިތުރުން ސިފައިންގެ ޓީމުގެ ހުސައިން ރައްޒާނާއި އެޓީމުގެ އާދަމް ނަސީމް (އެޑަމް) އެވެ.
މިފަހަރުގެ އޮފީސް މުބާރާތުގައި ނުވަ ޓީމަކުން ބައިވެރިވިއެވެ. އެއީ އާބަންކޯ އާއި ވެމްކޯގެ އިތުރުން ސްޓެލްކޯ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި ސިފައިންނެވެ.