ތިން މައިން އަލިފާން ރޯވެފައިވާ ކޮޓަރިއެއްގައި ބިރުވެރި ވަގުތުތަކެއް: މުޅި ދިރިއުޅުން އަޅިއަށް!

މާކޯޅި ގޭގައި ރޯވެފައި --

މެންދަމުން އަލިވެ ދޭއް ޖަހަން ގާތްވެފައި ހުއްޓައި ސިތާރާ ހަސަންއަށް ހޭލެވުނީ ހަމަ ކުއްލިއަކަަށެވެ. އެ މީހުން ނިދީ ކަރަންޓު ގޮސްފައި ހުރުމުން އުއްބައްތިއެއް ވެސް ދިއްލައިގެންނެވެ.

ހޭލެވުނު ވަގުތު ހޫނުވާ ކަމުގެ އިހުސާސެއް އޭނާއަށް ކުރެވުނެވެ. ކޮޓަރީގެ ކުޑަދޮރުން ސިޓިން ރޫމާ ދިމާލަށް އަލިފާން ރޯވެފައިވާތަން ވެސް ފެނުނެވެ.

ގޮސް ދޮރު ހުޅުވާލި އިރު ފެނުނީ އެ ތަނުގައި ބަހައްޓައިފައި ހުރި އާ ބެޑްރޫމްސެޓުގައި ރޯވެފައި ހުއްޓާއެވެ. ގޮދަޑީގައި ވެސް އޮތީ ރޯވެފައެވެ.

އެ ވަގުތު ސިތާރާގެ ތިން ކުދިން ވެސް އޭނާގެ ގާތުގައި ތިއްބެވެ. އެ ކުދިންގެ ގައިގައި ބްލޭންކެޓެއް އޮޅާލުމަށްފަހު އަލިފާންގަނޑުގެ ތެރެއިން އެ ކުދިން ބޭރަށް ނެރުނެވެ. އަދި އަވަށްޓެރިންނަށް ގޮވައި ޚަބަރު ދިނުމަށް ކުދިން ގާތު އެދުނެވެ.

ޖެހިގެން ހުރި ކޮޓަރީގައި ތިބީ ސިތާރާގެ ކޮއްކޮއާއި އޭނާގެ ދެ ދަރީންނެވެ. އެއީ އަށް މަހުގެ ތުއްތު ކުއްޖަކާއި ހަތް އަހަރުގެ ކުއްޖެކެވެ. ރޯވެފައި ހުރި ބެޑްރޫމް ސެޓް ވެސް ހުރީ އެ ކޮޓަރި ކުރިމަތީގައެވެ.

"ކޮއްކޮއެއް ނުއެއް ފެނޭ އަލިފާނާއި ދުން ހުރީމަ. އެކަމަކު ގޮވާ އަޑު އިވޭ،" އެ ވަގުތުކޮޅު ސިތާރާ ސިފަކޮށްދޭން ފެށިއެވެ.

ސިތާރާ ބުނި ގޮތުގައި ކޮއްކޮމެން ތިބި އެ ކޮޓަރީގެ މެދެއްހާ ހިސާބުން ހުޅުގަނޑު ހުރީ ސީލިންގާއެއްކޮށް ހިފައިފައެވެ. އެކަމަކު އަލިފާނާ ހެދި ސިތާރާއަށް އެ ކޮޓަރިއަށް ދެވޭކަށް ނެތެވެ.

މާކޯޅި ގޭގައި ރޯވެފައި --

ކޮއްކޮމެން ތިބި ކޮޓަރީގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ކޮޓަރިތެރެއަށް އަލިފާން ވަންނަން ފެށިއެވެ. އެ ހިސާބުން އެ ތިން މައިން ބްލޭންކެޓެއް އަޅައިގެން ތިބީ ފާހާނާތެރޭގައެވެ.ެ

"ގާތްގަނޑަކަށް 25 ވަރަކަށް މިނެޓު ފަހުން އެ [އަވަށްޓެރި] ގޭގެ ފިރިހެން ކުއްޖަކު އައިސް ފެން ހިފައިގެން ޖެހީ،" އޭނާ ކިޔައިދިނެވެ.

އެ ހިސާބުން ސިތާރާގެ ކޮއްކޮ ދެ ކުދިންނާއެކު ބްލޭންކެޓެއް ބޮލުގައި އަޅައިގެން ނުކުތީއެވެ. އެކަމަކު، އެ ބިރުވެރިކަމުގައި ބައިގަޑިއިރަށްވުރެ ގިނައިރު އެ ކޮޓަރިތެރޭގައި އެ ތިން މައިން ހޭދަކުރިއެވެ.

ސިތާރާ ބުނި ގޮތުގައި އަލިފާން ރޯވާން މެދުވެރިވި ކަމަށް ބެލެވެނީ އުއްބައްތިން ރޯވެގެންނެއް ނޫނެވެ. އެއީ ކަރަންޓު ސޯޓަކުން ވީ ކަމެކެެވެ.

ދެ ކޮޓަރީގައި ހުރި ހުރިހާ އެއްޗެއް ވަނީ އަނދާ އަޅިއަށް ވެފައެވެ. ފަރުނީޗަރުތައް ވެސް ވަނީ އަނދާފައެވެ. އަލަމާރީގައި ހުރި ހެދުންތައް ވެސް ހުރީ ބޭނުން ނުކުރެވޭ ވަރަށް ވިރިފައެވެ.

"އަޅުގަނޑު ބެލީ ކުދިންނާ ކޮއްކޮއާ ސަލާމަތް ކުރެވޭތޯ. އިތުރު އެއްވެސް ކަމަކަށް ނުވިސްނަން،" ސިތާރާ ކިޔައިދިނެވެ.

ސިތާރާއާއި އޭނާގެ ދަރިން ދިރިއުޅެނީ އެ ގޭގައި ކުއްޔަށެވެ. އަދި ކޮއްކޮމެން ވެސް އުޅެނީ ކުއްޔަށެވެ.

އަލިފާނުގެ ހާދިސާގައި ގެޔަށް އެކިވަރުގެ ގެއްލުން ލިބިފައި / ފޮޓޯ: އެންޑީއެމްއޭ

ރޭގެ އަލިފާނުގެ ހާދިސާގައި އެ ގޭގައި އުޅޭ ކުޑަކުދިންނަށް ވަނީ ނަފްސާނީ ގޮތުން ވެސް އަސަރުކޮށްފައެވެ. އަދި ދުމުގެ އަސަރު ކުރުމުން ސިތާރާގެ ކޮއްްކޮ އާއި އޭނާގެ ހަތް އަހަރުގެ ދަރިފުޅަށް ހޮސްޕިޓަލުގައި މިހާރު ވެސް ފަރުވާ އެބަ ދެއެވެ. އެކަމަކު، އެ މީހުންގެ ހާލު ރަނގަޅެވެ.

އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވެސް ދަނީ އެ މީހުންނަށް އެހީވަމުންނެވެ.

އެކަމަކު ސިތާރާގެ އާއިލާއަށް މި ވީ ގެއްލުމަކީ ފޫބައްދަން އުނދަގޫ ގެއްލުމެކެވެ. އަލިފާނުގެ ހާދިސާއަށްފަހު ދެން ދިރިއުޅުން ކޮޅަށް ޖަހަން ޖެހޭނީ ސުމަކުން ފަަށައިގެންނެވެ. ދިިރިއުޅުމުގެ މުހިންމު އެތައް އެއްޗެއް އަނދާ އަޅިއަށްވީ ކުރިމަތީގައެވެ.

comment ކޮމެންޓް