ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމު ހޮވައިފި

ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ފެތުންތެރިން -- ފޮޓޯ/ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރާ ހަތަރު ފެތުންތެރިން ހޮވައިފިއެވެ.

ރާއްޖޭގެ ފެތުންތެރިން ހޮވާފައިވަނީ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވި ޓްރަޔަލްގެ ނަތީޖާތަކަށް ބެލުމަށް ފަހުއެވެ.

އަންނަ ޖުލައި މަހުގެ 14 އިން 30 ގެ ނިޔަލަށް ޖަޕާނުގެ ފުކުއޮކާގައި ބާއްވާ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރާ ހަތަރު ފެތުންތެރިންނަކީ މިރާލް އައިން ލަތީފާއި ހަމްނާ އަހުމަދާއި އަލީ އިމްއާން އަދި މުހައްމަދު ރިހާން ޝިހާމެވެ.

އިމްއާނާއި ރިހާނަކީ ފިރިހެނުންގެ ޓްރަޔަލްގައި އެންމެ މަތިން ޕޮއިންޓު ހޯދި ދެ ފެތުންތެރިންނެވެ. އިމްއާނަށް 3285 ޕޮއިންޓް ލިބުނު އިރު, ރިހާނަށް ލިބިފައިވަނީ 3169 ޕޮއިންޓެވެ. އެ ދެ ފެތުންތެރިންނާ އެންމެ ގާތުން ވާދަކޮށްފައިވަނީ 3061 ޕޮއިންޓް ހޯދި މުބާލް އައްޒާމް އިބްރާހީމެވެ.

ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ދެން ވާދަކުރާ މިރާލް އާއި ހަމްނާއަކީ އަންހެނުންގެ ޓްރަޔަލްގެ އެންމެ މަތިން ޕޮއިންޓް ހޯދި ދެ ފެތުންތެރިންނެވެ. މިރާލަށް 3869 ޕޮއިންޓް ލިބުނު އިރު, ހަމްނާއަށް ލިބިފައިވަނީ 3369 ޕޮއިންޓެވެ. އަދި، އެ ދެ ފެތުންތެރިންނާ އެންމެ ގާތުން ވާދަކުރި އީން އައްބާސް ޝަރީފަށް ލިބިފައިވަނީ 3301 ޕޮއިންޓެވެ.

comment ކޮމެންޓް