ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލުން ސްޕެއިންގެ ސެވިއްޔާ އާއި އިޓަލީގެ ރޯމާ އިން ޖާގަ ހޯދައިފިއެވެ.
ސެވިއްޔާއިން ފައިނަލުގެ ޖާގައެއް ހޯދީ އަމިއްލަ ދަނޑުގައި ރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ ލެގުގައި 2-1 ގެ ނަތީޖާއަކުން ޔުވެންޓަސް ބަލިކޮށްގެންނެވެ. އެ މެޗުގެ ކުރިން ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވި އިރު، ދެ ލެގުގައި އެގްރިގޭޓުން ސެވިއްޔާ ކުރި ހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގެ ކުރީކޮޅުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ 15 ވަނަ މިނެޓުގައި ނިކޯލޯ ފަގިއޮލީ ނަގައިދިން ހުރަހަކުން ޔުވެންޓަސްގެ ފެޑެރީކޯ ގައްޓީ ފޮނުވާލި ހަމަލާ ސެވިއްޔާގެ މޮރޮކޯ ކީޕަރު ޔަސީން ބޯނޯ މަތަކުރި އިރު، އޭގެ ނުވަ މިނެޓު ފަހުން ސެވިއްޔާގެ ލޫކަސް އޮކަމްޕޯސް ފޮނުވާލި ހަމަލާ ޔުވެންޓަސްގެ ޕޮލެންޑް ކީޕަރު ވޮޖްސިއެޗް ސެޒްނީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
ފުރަތަމަ ހާފުގެ ފަހު 15 މިނެޓެގެ ތެރޭގައި ވެސް ދެ ޓީމަށް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ސެވިއްޔާގެ މާކޯސް އަކޫނާ އާއި ޔުވެންޓަސްގެ ކީންއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ސެވިއްޔާގެ އަކޫނާ ފޮނުވާލި ބާރު ހަމަލާ ޔުވެންޓަސްގެ ކީޕަރު ސެޒްނީ މަތަކުރިއިރު، ޔުވެންޓަސްގެ މޮއިސް ކީން ފޮނުވާލި ހަމަލާ އަމާޒުވީ ސެވިއްޔާ ގޯލުގެ ހުރަސް ދަނޑިއަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
ފުރުސަތުތަކަކަށްފަހު މެޗުގެ 65 ވަނަ މިނެޓުގައި ޔުވެންޓަސް އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ޔުވެންޓަސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ސާބިއާ ފޯވަޑް ޑުސާން ވްލަހޮވިޗްއެވެ. އޭނާ އެ ގޯލު ޖެހީ ކުޅުން ނުކުތްތާ މިނެޓެއް ތެރޭގައެވެ.
ޔުވެންޓަސްއަށް ވަނީ ލީޑުގައި މާގިނައިރު ހިފަހައްޓާލެވޭ ގޮތް ނުވެފައެވެ. ޔުވެންޓަސް އިން ލީޑު ހޯދިތާ ހަ މިނެޓުފަހުން ސެވިއްޔާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމުގެ ސްޕެއިން މިޑްފީލްޑަރު ސޫސޯއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ސޫސޯ އެ ގޯލު ކާމިޔާބުކުރީ އެރިކް ލަމޭލާ ދިން ބޯޅައަކުންނެވެ.
މެޗުގެ ދެވަނަ ހާފު ނިމުނު އިރު، 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރެން ދެން ކުޅެން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފެވެ. ސެވިއްޔާ އިން ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ގޯލު ފެނިގެންދިޔައީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ތެރޭގައެވެ. މެޗުގެ 95 ވަނަ މިނެޓުގައި ބްރަޔަން ގިލް ނަގައިދިން ރީތި ހުރަހަކުން ސެވިއްޔާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު ލަމޭލާއެވެ.
މެޗުގެ 115 ވަނަ މިނެޓުގައި ސެވިއްޔާގެ އަކޫނާއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ވެސް ދައްކައިފައެވެ. އެހެންކަމުން ސެވިއްޔާގެ ތަޖުރިބާކާރު އާޖެންޓީނާ ފުލްބެކް އަކޫނާއަށް ފައިނަލު މެޗުގައި ހުންނަން ޖެހޭނީ ސަސްޕެންޝަންގައެވެ.
ރޯމާއިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ޖަރުމަންގެ ބަޔާން ލެވަކޫސަން ހިފަހެއްޓުމަށްފަހުއެވެ. ލެވަކޫސަންގެ ދަނޑުގައި ކުޅުނު އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. ރޯމާއަށް ފައިނަލުން ޖާގަ ލިބިފައިވަނީ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވުމުންނެވެ.
ކޯޗު ހޯސޭ މޮރީނިއޯ އިރުޝާދުދެމުންދިޔަ ރޯމާ އިން ޑިފެންސަށް ވިސްނައިގެން ކުޅެމުންދިޔަ އެ މެޗުގެ ފުރަތަމަ ހާފުގައި ލެވަކޫސަނަށް ވަނީ ގޯލު ޖަހާނެ ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ މެޗުގެ 12 ވަނަ މިނެޓުގައި މޫސާ ޑިއާބީއަށް ލިބުނު ފުރުސަތެވެ. ފްލޮރިއަން ވިރްޓްޒް ދިން ރީތި ބޯޅައަކުން ލެވަކޫސަންގެ ފްރާންސް ފޯވަޑް ޑިއާބީ ފޮނުވާލި ހަމަލާ އަމާޒުވީ ރޯމާ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ރޯމާ އިން ވަރުގަދަ ޑިފެންސެއް ކުރަމުންދިއުމާ ގުޅިގެން ލެވަކޫސަނަށް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވޭ ގޮތް ނުވެފައެވެ. މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް، ލެވަކޫސަންގެ އީރާން ފޯވަޑް ސަރްދާރް އަޒްމޫނަށް ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ރޯމާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ރޯމާއަކީ މޮރީނިއޯގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނުގައި ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދި ޓީމެވެ. އަނެއްކޮޅުން ފައިނަލުގައި ރޯމާއާ ދެކޮޅަށް ނުކުންނަ ސެވިއްޔާއަކީ ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން ވަނީ ޖުމުލަ ހަ ފަހަރަކު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.
ސެވިއްޔާ އާއި ރޯމާ ބައްދަލުކުރާ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު ހަންގޭރީގެ ބުޑަޕެސްޓްގައެވެ.